ads
ރައީސް ސޯލިހް-
ބޮން ގޮއްވި މައްސަލައިގައި ކޯޓުގައި ވަކާލާތު ކުރާނީ ސީދާ ޕީޖީ ޝަމީމު
މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި ކޯޓުގައި ވަކާލާތު ކުރާނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ޒޫމް މެދުވެރިކޮށް ކުރިއަށްދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާ އަކީ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅޭ މައުލޫމާތު އެމްޑީޕީ ގައުމީ މަޖިލީހާ ހިއްސާ ކުރުމުގެ ގޮތުން ކުރިއަށް ދިޔަ ޖަލްސާއެކެވެ. 

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މައްސަލާގެ ތަހުގީގަށް ޕީޖީގެ ފަރާތުން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ޝަރީއަތައް ވެސް ވަޑައިގަންނަވާނީ ސީދާ ޕީޖީ ޝަމީމު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެ ތަހުގީގަކީ ފުރިހަމަ ތަހުގީގަކަށް ހަދައި އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް ހައްޔަރުކޮށް، ވީހާވެސް އަވަހަށް އިންސާފްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ޔަގީންކަން އަރުވާކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށެވެ. އަދި މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ހަމަލާ ދިން ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު ދަނީ ބޭނުން ކުރެވެމުން ކަމަށެވެ. އެގޮތުން ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭއެފްޕީ) އަދި ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްގެ އިތުރުން ޔޫއެންއޯޑީސީގެ މާހިރުންވެސް ދަނީ މިހާރު މަސައްކަތުގައި ބައިވެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ބޮޑެތި ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެގޮތުން ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހާ އާއި އެކަމުގައި ސީދާ ބައިވެރިވުން އޮތް ދެމީހުން މިހާރު ހައްޔަރުގައި ތިބި ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް