ads
ރައީސް ސޯލިހު: ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެކަމަށް ވިދާޅުވި--
ބޮޑު އިސްކަމެއް ދެނީ ހަމަލަދިން މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން: ރައީސް
މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ދިން ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޒޫމް މެދުވެރިކޮށް މި ރޭ ކުރިއަށްދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށެވެ. 

" މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ހަމަލާ ދިން ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް،" ގައުމީ މަޖިލީހުގެ މެމްބަރުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވިއެވެ.  

ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު ދަނީ ބޭނުން ކުރަމުންދާކަމަށާއި އެގޮތުން ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭއެފްޕީ) އަދި ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްގެ އިތުރުން ޔޫއެންއޯޑީސީގެ މާހިރުންވެސް މިހާރު މަސައްކަތުގައި ބައިވެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގައި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ތަހުގީގަކީ ފުރިހަމަ ތަހުގީގަކަށް ހަދައި އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް ހައްޔަރުކޮށް، ވީހާވެސް އަވަހަށް އިންސާފްގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ހަމަލާގައި ލިބުނު ޒަހމްތަކަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕީޓަލުން ފަރުވާ ހޯއްދަވަމުންނެވެަ. ރައީސް ނަޝީދުގެ ހާލުކޮޅު ސީރިޔަސްވި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާއި އާއިލާއިން ބުނެ އެވެ.

ރައީސް ނަޝީދަށް ހަމަލަދިން މައްސަލާގައި ބޮން ގޮއްވަލި މީހާ އާއެކު ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފަ އެވެ. 

އެމައްސަލާގައި ހައްޔަރު ކުރި މއ. ފޭރުގެ މުޖާޒު އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާގެ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް