ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ކުޑަކުދިންގެ ހައްގުތައް ގާނޫނަކުން އެކަނި ހިމާޔަތް ނުކުރެވޭނެ: ރައީސް
ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި، ކުދިން މުޖްތަމައަށް ބޭނުންތެރި އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ ހުރިހާ ފަރާތްތަކުންވެސް މީހުންނާ ކުރާ މުއާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުންކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އިޖްތިމާއީ ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަންފެށުން ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭކަމެއްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް މީހުންނަށް އިހްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ ހުރިހާ ފަރާތްތަކުންވެސް ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުންކަމަށްވާތީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވަމުންވެސް އެމަނިކުފާނު ވަނީ އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހިރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި، އެކުދިންގެ ލޯބިވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ބަލަދުވެރިންނަށާއި، އެކުދިންގެ އާއިލާތަކަށާއި، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ފޮނުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް