ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމަށް ދަހިވެތިވާ މީހުން ބައިވަރު: އާޒިމް
އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަން ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށާއި، އެކަމަށް ނުފޫޒު ފޯރުވުމަށް ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައިވާ ނަންތަކުގެ ތެރޭގައި މެންބަރު އަލީ އާޒިމްގެ ނަންވެސް ހިމެނެއެވެ. ނަމަވެސް އާޒިމް ވަނީ ތުހުމަތުތައް ދޮގުކޮށް، ލިސްޓުން ނަން ނެގުމަށް އެދިފައެވެ. 

މިކަމާ ގުޅިގެން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މިހާރު އާޒިމް އަދާކުރަމުންދާ މަޖިލީހުގެ މެދުހެންވޭރު ދާއިރާ ތަމްސީލު ކުރުމަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތައްވެސް އެބަތިބި ކަމަށެވެ. އެހެންކަމުން ކޮންމެ ފަދަ ވާހަކައެއް ދައްކައިގެންވެސް ނަން ކިލަނބު ކޮށްލުމަށް އެފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑު ގަބޫލުކުރަނީ މެދުހެންވޭރުގެ ރައްޔިތުން ނިންމާނީ އަޅުގަނޑޭ އިންނާނީ. އެހެންވީމާ އެއަކާ ދޭތެރޭ އަޅުގަނޑު ޝައްކެއް ނޫފެދޭ. އެއަށް އިންފްލުއެންސް ކުރަން ކޮންމެ ބަޔަކު ކޮންމެ ކަމެއްވެސް ކޮށްފާނެ" އާޒިމް

އޭގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގެ މަގާމަށް ދަހިވެތިވާ މީހުންވެސް މަދު ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަން އެމްޑީޕީގެ ޕީޖީ ގުރޫފުގައި ހިނގާ ބައެއް ކަންތަކަށް ބަލައިލިޔަސް، ނުވަތަ ޓުވީޓުތަކަށް ބަލައިލިޔަސް ވަރަށް ރަނގަޅަށް ޕީޖީ ލީޑަރުގެ މަގާމަށް ދަހިވެތިވެ ތިބީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. 

"އެކަން އެނގިވަޑައިގަންނަވާނެ ތިބޭފުޅުންނަށް ހަބަރުގެ ބައެއް ޕާލިމަންޓްރީ ގުރޫފުގާ ދިމާވާ ބައެއް އިންސިޑެންސް ތަކުން. އަދި ޓުވީޓުތަކަށް ބައްލަވައިލެއްވީމަ ނޫނިއްޔާމު ސޯޝަލް މީޑިއާގެ އެހެން ތަންތަނަށް ބައްލަވާލެއްވީމަ އެނގިވަޑައިގަންނަވާނެ. އޭގެ އިތުރަށްވެސް ނޫހުގެ ކޮމެންޓުތަކަށް ބަލައިލިޔަސް އެނގޭނެ އެކަމަށް ދަހިވެތިވެފަ ތިބީ ކޮން ބައެއްކަން، އެކަން ބޭނުންވަނީ ކޮން ބައެއްކަން" އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ ކޮންމެ ސިޔާސީ މީހެއްގެވެސް ވިސްނުމަކަށް ވާނީ ސިޔާސީ ގޮތުން އެރޭ އެންމެ މައްޗަކަށް އެރުން ކަމަށެވެ. އަދި މަޖިލީހުގެ 65 މެންބަރުން ތިބޭއިރު އޭގެ ތެރޭގައިވެސް އެ ފިކުރު ހުންނަ ބޭފުޅުން ތިއްބަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް