ads
އަދީބް ރައީސް ޔާމީން އާއެކު
ބިތުފަންގި ނަގައިގެންވެސް ކެޔޮކޭވަރެއް ނޭނގުނު، ކޭ ބަޔަކުވެސް ނެތް!
“ކެޔޮ ކޭ ވަރު އެގޭނީ ބިތުފަންގި ނެގީމައޭ” ބުނާ މިވާހަކައަކީ އިހުޒަމާނުގައި ބޮޑެތި ވައްކަންތައް ކޮށް އެކަމާއި މަތިވާނެ މީހެއް ނެތުމުން ބުނެ އުޅޭ ވާހަކަ އެކެވެ. މިއަދު އަހަރެމެން މިތިބި ހާލަތާއި މި ހަރުބަސް ގުޅެނީ ވެސް މިފަދަ ބައިވަރު ސަބަބުތަކަށްޓަކައެވެ.

ފުރަތަމަ ކަމަކަށް އިހުޒަމާނުގެ މި ހަރުބަސް މިއަދު މިއޮތީ އަހަރެމެން މިޒަމާނުގެ މިއަދުގެ މިހާލަތަށްވެސް ނުކަތާނެވަރުވެފައެވެ. އެގޮތަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެެންމެ ބޮޑުވައްކަން އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތުގެ ތިޖޫރިން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވީނުވީއެެއް ނޭނގި ގެއްލުނުކަން ބިތުފަންގި ނެގުނުއިރު އޮތީ އެނގިފައެވެ. އެހެންނަމަވެސް މިއަދު މިދިމާވެގެން އުޅޭ މައްސަލައަކީ އެ ކެޔޮތައް ކޭ ބައެެެެއް ނެތުމެވެ. ނުވިތާކަށް އެ ކެޔޮތަކުގައި އަތްލި މީހަކުވެސް ހަމައެއްގޮތަކަށްވެސް ނެތީމައެެވެ.  

ކެޔޮ ކޭވަރު ބަލަން އެންމެފަހުން ހިއްލާލި ބިތުފަންގިގަނޑު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އުފެއްދި ޖޮއިންޓް ކޮމިޓީން ހިއްލާލީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހުރި 281 މީހުންގެ ނަންތަކާއިވެސް އެކުއެވެ. ނަމަވެސް ހާމައަށް ފެންނަން އޮތް ލިސްޓާއިއެކުވެސް އެ ލިސްޓުގައި ހިމެނޭ މީހުން ބުނަމުން އަންނަނީ ހިޔާނާތްތެރިވެފައި ނޯންނާނެ ކަމަށެވެ. މާނައަކީ މިއަދު ކެޔޮކޭ ބަޔަކު ނެތެވެ.

އެއާ އެކު ދެން އިފެދޭ ސުވާލަކީ އެސެޓް ރިކަވަރީ ކޮމިޝަނުން އޭސީސީ އާއި ގުޅިގެން ހިންގި ތަހުގީގަކަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައި ވައްކަން ނުކުރާ ބައެއްގެ ނަންތައް ހުންނަންވީ ކީއްވެބާ؟ އެވެ. ސަރުކާރަށް ވެސް އިދިކޮޅަށްވެސް އެ ލިސްޓު އާންމުކުރުމުން ސިޔާސީ ގޮތުން ލިބެނީ ގެއްލުމެވެ. ސަރުކާރުގެ މިނިސްޓަރެއްގެ ނަން ވެސް އެ ލިސްޓުގައި އޮތް އިރު ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ ޕީޖީ ލީޑަރުގެ ނަން ވެސް އެ ލިސްޓުގައި ހިމެނެއެވެ. އެހެން ކަމުން މިއީ ސަރުކާރުގެ އިތުރުން ވެރިކަން ކުރާ ޕާޓީއަށް ވެސް ލިބުނު ބޮޑު ގެއްލުމަކަށް ވެގެން ދާނެ އެވެ. 

ޕާޓީއަށް ގިނަ ދުވަހު ހިދުމަތްކޮށްދިން ޕާޓީތެރެ ނުފޫޒްގަދަ ބަޔަކު ސަރުކާރުގެ މަގާމުތަކުންނާއި ޕާޓީގެ މަގާމުތަކުން ވަކި ކުރުން އެއީ ސަރުކާރަށް ފަސޭހަ ވާނެ ކަމެއް ނޫނެވެ. ހިޔާނާތުގެ ލިސްޓުގައި މިހާރު ސަރުކާރުގެ ނުފޫޒު ގަދަ މީހުންވެސް ހިމެނޭ އިރު، ގިނަ މީހުން ބުނަނީ ހިޔާނާތުގެ ފައިސާ އެމީހުންނަށް ލިބިފައި ނުވާނެ ކަމަށެވެ. 

އާންްމުކުރި ލިސްޓުގައި އެންމެ ފާހަގަ ކުރެވެނީ އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަމެވެ. އާޒިމް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓް ކޮމިޓީއަށްް ލިބުމާއެކު ކޮމިޓީގެ މަސައްކަތްތަކުން އަމިއްލައަށް އެދުވަސްކޮޅު އެކަހެރިވިނަމަވެސް މިހާރު އަނެއްކާވަނީ އެ ކޮމެޓީގެ މަސައްކަތްތަކާއި ގުޅިވަޑައިގެންފައެވެ. އާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަތާ ދެއަހަރާއި ގާތައް ދިޔައިރުވެސް ދުވަހަކުވެސް އޭނާ ކޮމިޝަނަށް ހާޒިރުކޮށް ބަޔާނެއް ނެގުން، ނުވަތަ ސުވާލެއް ކުރުން ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި މަޖިލީހަށް އެންމެ ފުރަތަމަ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވައިގެން، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި 270 ނަމުގެ ތެރޭގައިވެސް އޭނާގެ ނަން ނެތް ކަމަށެވެ. 

އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަށް ފޮނުވައިފައިވާ ލިސްޓަށް 14 ނަމެއް އިތުރުވެފައިވާއިރު، އޭނާގެ ނަންވެސް އެ ލިސްޓަށް އިތުރުވެފައިވާ ކަމަށާއި، ކުރިން ނެތް ނަމެއް މިހާރު އަންނަން ޖެހުނީ ކީއްވެގެންތޯ އާޒިމް ވަނީ ސުވާލުއުފައްދަވާފައެވެ.

"ކުރީގެ ލިސްޓްގައި އަހަރެންގެ ނަން ނެތް. މިހާރު ނަން އޮންނަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. އެހެން މި ބުނަނީ މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަހަރެން ގެންގޮސް އެކަމާއި ގުޅޭ ގޮތުން ސުވާލެއްވެސް ކޮއްނުލާ. ތުހުމަތު ކުރެވޭނަމަ އަހަރެން ކައިރިންވެސް ސުވާލުވެސް ކުރަންޖެހޭނެތާ. ބަޔަކު މި އޮތީ ކޮމިޝަނަށް ނުފޯޒު ފޯރުވާފައި،" އާޒިމް ވިދާޅުވިއެވެ.

ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ފަޅި ނެންގެވީތީ ކަމަށެވެ. އަދި އެ ނުފޫޒެއް ފޯރުވާފައިވަނީ ވެސް ނުފޫޒުގަދަ ބައެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.  

އާއްމުކުރި ލިސްޓުގައި އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުގެ ނަން ހިމަނާފައިވުމުން އެކަަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ، މަޖިލީހުން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. މިގެ އިތުރަށް އޭނާ ވިދާޅުވީ "އިންފޮމޭޝަން ކަލެކްޝަން" ޖަހާ، ވަގެއް ކަމަށް ނިންމާ، މީހުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށާއި މިހާރު ސަރުކާރުން މިދަނީ ފެއިލްވެފައިވާ ސަރުކާރެއްގެ ސިފަ ސާފުވަމުން ކަމަށެވެ. 

ޕީޕީއެމުގެ މެމްބަރު ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ޝިޔާމް ވިދާޅުވީ، އޭނާގެ ނަން އެ ލިސްޓުގައި ހިމަނާފައިވަނީ ކުރީގެ ނައިބު ރަައީސް އަހުމަދު އަދީބު ޖަލުގައި ތަންފީޒުކުރަންޖެހޭ ހުކުމެއް ގޭގައި ހުރެގެން ތަންފީޒުކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ކަމަށެެވެ. އަދީބު ޝިޔާމުގެ ނަން ދީފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ޑީލުގެ ތެރެއިން ކަމަށް ޝިޔާމު ވިދާޅުވިއެވެެ. ޝިޔާމް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަން އެލިސްޓުގެ ޝިޔާމުގެ ނަން ހިމެނިފައިވާ ކޮލަމްގެ ތަފްސީލުންވެސް ބުނެދޭ ކަމަށެވެ. 

އެތަފްސީލުގައި ބުނެފައިވާ “ކެމްޕެއިނަށް އެއް މިލިއަން ޔާމިން ދިން ވާހަކަ އަދީބު ބުނެފައިވޭ” މި އިބާރާތުން އެއީ ޝިޔާމުގެ އަބުރު ކަތިލާ ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ކުރިކަމެއްކަން ވަރަށް ސާފުކަމަށް ޝިޔާމު ވިދާޅުވެފައިވެއެވެ. 

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި މަޖިލީހަށް ވާދަކުރި އިރު އެޕާޓީ އިން އޭނާގެ ކެމްޕެއިނަށް ފައިސާ ދިން ކަމަށާއި އޭރު އެއީ ހިޔާނާތުގެ ފައިސާކަން އެނގިފައި ނުވާކަމަށެވެ.

ޒިޔަތު ވިދާޅުވީ އެ ފައިސާ ޕާޓީގެ ފަރާތުން އޭނާއި ހަވާލުކުރީ ދެ ފަހަރު މަތިން ޕާޓީ އޮފީހަށް ގެންގޮސް ލިޔުމެއްގައި ސޮއި ކުރުވައިގެން ކަމަށެވެ. މިވާހަކަތައް ދެއްކެވުމަށް ފަހު ޒިޔަތުވެސް ވަނީ ތުހުމަތެއް ކުރެވިފައި ހުއްޓާ ދައުލަތުގެ މަގާމެއްގައި ހުންނަވަން ބޭނުންނުވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފައެވެ.

ލިސްޓުގައި ނަން ހިމެނޭ މީހުންގެ ތެރެއިން ހިޔާނާތުގެ ފައިސާ ބޭނުންކުރިކަމަށް އެއްބަސްް ވެފައިވަނީ ޓީސީ ސްްްޕޯޓްސް ކްލަބްގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) އެކަންޏެވެ. ޑޭވް ވިދާޅުވީ ޓީސީ ސްޕޯޓްސް ކްލަބަށް ސްޕޮންސާއެއް ހޯދުމަށް އަދީބު ކައިރިން އެދުމުން ތިން ލައްކަ ރުފިޔާ ދިން ކަމަށެވެ.

"އޮއިއްޓެ އަތުން އަހަރެންނަށް ތިން ލައްކަ ރުފިޔާ ދިން. އެ ފައިސާ އަކީ އަހަރެން ޓީސީ ފުޓްބޯޅަ ޓީމަށް ސްޕޮންސާޝިޕްއެއް ހޯދަައިދޭން އަދީބު ކައިރީގައި އެދިގެން ހޯދައިދިން އެއްޗެއް،" ސްޕޯޓްސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ އަދީބު ކައިރިން އެދުނީ އަދީބު އަކީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށްވީތީ ގިނަ ވިޔަފާރިވެރިންނާއި ގާތް ގުޅުުން އޮންްނާނެތީވެ ކަމަށެވެ. އަދި އޮއިއްޓެ ކައިރީ ޖާޒީގައި ޖަހަންވީ ކޮން ނަމެއްތޯ އެހުމުން ސްޕޮންސާާ ދިން ފަރާތުން ނަން ޖަހަން ބޭނުން ނުވާކަމަށާއި އަދި އެ ސްލޮޓް ބަޔަކަށް ވިއްކާލަން ބުނިކަމަށް ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާާޅުވީ އެހެން މީހުންނަށް ލިބުނު ގޮތަށް މިލިއަނުން ލިބުނު ނަމަ އޭނާ އަށް ނުބައެއް އުޅޭކަމަށް ޝައްކުވީސް ކަމަށެވެ. ނަމަވެސް އެ ލާރި އޮއިއްޓެ އަތުން ލިބުނުކަމަށް ބުނާކަށް އެއްވެސް ލަދެއް ނުގަނޭކަމަށްް ޑޭވް ވިދާާޅުވިއެވެ.

ކޮންމެއަކަސް ލިސްޓުގައި ހިމެނޭ 281 މީހުންގެ ތެރޭގައި އިސްތިސްނާވާ އެއްވެސް މުވައްސަސާއެއް ނެތްނަމަވެސް އަސްލު ފައިސާގައި ޖެހުނުކަމަށް ބުނާ މިއަދު މިހުރީ އެންމެ މީހެކެވެ. ދައުލަތުގެ ތިޖޫރިން ގެއްލިގެންދިޔަ ތިން ބިލިއަނެއްހާ ރުފިޔާ ނުވަތަ މިބުނާ ބިތުފަންގި ދޮށުން ފެނުހާ ކޭލެއް ހަމައެކަނި އެންމެ މީހަކު ކާ ހުސްކުރީއޭ ބުނަން އަހަރެންނަށް ހަމަގައިމުވެސް ދައްޗެވެ. އެހެންނަމަވެސް އެއްބަޔަކު ބުނާގޮތުން ދަބަސް ދަބަހަށް އަޅައިގެން، ނުވަތަ އެމީހުންގެ އެކައުންޓުތަކަށް ލައްކައަކުން ޖަމާވަމުން ދިޔައީ މުޅިންވެސް ދިޔާ އެެއްޗިއްސާއި ހިކި އެެެއްޗިއްސެވެެ. ހަމަގައިމުވެސް ރުފިޔާއެެއް ނޫންތާ އެވެ. 

އުންމީދު ކުރަންޖެހެނީ އެދަބަސްތަކުގައި އުފުލިކަމަަށް އެބުނާ ދިޔާ އެއްޗިސަކީ ރިހާކުރު ފުޅިއަކަށް ނުވުމެވެ. ސަބަބަކީ އެއީ ރިހާކުރު ފުޅިއަކަށް ވެެއްޖެނަމަ ކުށްވެރިވާލެއް ބޮޑުވެ، ހުކުމް އަންނަލެއް ފަހަރެއްގައި އަވަސް ވެސް ވެދާނެތީއެވެ. މިހާތަނަށް ކަން ހިނގާފައިވާގޮތަށް ބަލާއިރު އެމްއެމްޕީއާރްސީގެ މި ހިޔާނާތައް ވުރެ ދިވެހި ދައުލަތުގެ ޖަސްޓިސް ސިސްޓަމްއަށް ބަލާނަމަ އެންމެ ބޮޑު ވައްކަމަކީ ރިހާކުރު ފުޅިއެއް ނެގުން ކަމަށްވާތީ މިހެންވެސް ބުނަންޖެހުނީ އެވެ. 

ދެން އަނެއް ބޮޑު އަޖައިބަކީ މިއެންމެންއަށް ލައްކައިން ލާރި ޖަމާވަމުން ދިޔައިރުވެސް އެ ލާރި ލިބެމުން އަންނަނީ ކޮން ދިމާލަކުންކަމެއް އެނގޭ ހަމައެކަކުވެސް މިއަދު ނެތުމުންނެވެ. ކޮންމެ މީހަކުވެސް ވަނީ އައި ދިމާލަކުން ނަގައިގެން ކެއީ ހަމަ ވަރަށް ހެޔޮނިޔަތުގައި "އޮޅިގެން" ނުވަތަ "ނޭނގުމެއްގެ ތެރޭ ތިބެ" ކަމަށް އެދަނީ ބުނަމުންނެވެ. 

ކޮންމެއަކަސް ކެޔޮކޭވަރު ބިތުފަންގި ނަގައިގެންވެސް އަދިވެެސް އެއްކޮށް ސާފުވާގޮތެއް ނުވަނީ ތާއެވެ. ހަމައެއާ އެކު ދެން އެކެޔޮތައް ކޭ ބަޔަކު ހޯދާނީ ކިހިނެތްތޯ ކުރެވޭ ސުވާލުވެސް އެބައޮތެވެ. ހައްތަހާވެސް މިތިބީ މައުސޫމު ކެޔޮގަނޑެއް އެއްކޮށް ކާލާ ހުސްވިއިރުވެސް އެ ކެވުނުކަން ވެސް ނޭނގޭ ބޭފުޅުންނެވެ. ފަހަރުގައި އަދިވެސް ރަނގަޅަށް ފުޅަލިގަނޑު ހިއްލާނުލެވެނީ ކަމަށްވެސް ވެދާނެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް