ads
ރައީސް ނަޝީދު ޖަރުމަނަށް ބޭސްފަރުވާއަށް ޖަރުމަނުގައި ހުންނަވައި އާންމުކުރި ފޮޓޯއެއް-
ވޭނުގައި އިތުރު އުފަންދުވަހެއް، ހިތްވަރަކަށް ބަދަލެއް ނާދޭ
މިއަދަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 54 ވަނަ އުފަންދުވަސް ކަމަށްވާއިރު މިއަހަރު އެމަނިކުފާނު އުފަންދުވަސް ފާހަގަ ކުރަން ޖެހިފައިވަނީ ޖަރުމަނުގެ ބުންޑަސްވެއާ ހޮސްޕިޓަލުގައެވެ.

ނަމަވެސް މިއީ އެމަނިކުފާނަށް އާކަމެއް ނޫނެވެ. ގ.ކެނެރީގޭ މުހައްމަދު ނަޝީދަކީ މިއަށްވުރެ މާދަތި، އަނިޔާވެރި ހާލުގައި ވެސް އެމަނިކުފާނުގެ އުފަންދުވަސް ހޭދަ ކުރަން މީގެ ކުރިން ޖެހިފައިވާ ފަރާތެކެވެ. މާޒީގެ ފަތް ފުށްތަކަށް ނަޒަރު ހިންގާލުމުން މިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ދާނެއެވެ. 

އެމަނިކުފާނު މިފަދަ ގޮތަކަށް ފުރަތަމަ އުފަންދުވަސް ފާހަގަ ކުރަން ޖެހުނީ އުމުރުން 24 އަހަރުގައި ޓިނުން ހަދާފައިވާ ކުޑަ ގޮޅިއެއް ގައެވެ. ދިގުމިނާއި އުސްމިނުގައި ހަފޫޓު އަދި ފުޅާ މިނުގައި ހަތަރު ފޫޓު ހުންނަ މިކުޑަ ގޮޅީގައި އެމަނިކުފާނު ކެތްކުރެއްވީ ބުއިމަށާއި ތާހިރުވުމަށް ދުވާލަކަށް އެއްލީޓަރުގެ ފެނުން ފުއްދާލައިގެންނެވެ. 

ހަމައެހެންމެ ސަރުކާރުން ބޭނުންވި މައުލޫމާތު ނުލިބުމުން އެމަނިކުފާނަށް އިތުރު އަނިޔާތައް ކޮށްފައިވެއެވެ. އެގޮތުން ގޮނޑިއެއްގައި ޗޭނުޖަހާ ބަނުމަށްފަހު ހަފްތާއެއް ވަންދެން އެމަނިކުފާނު ނިދިޔަ ނުދީ ހިފަހައްޓާފައި ވެއެވެ. އޭރު އެމަނިކުފާނަށް ކާތަކެތި ގޮތުގައި ލިބުނީ ފުޅިތޮށްޓާއި ބޭރަށް ހިންގާ ބޭސް އެޅި ކާތަކެއްޗެވެ. އަދި 12 ދުވަސް ވަންދެން ބޭރުގައި ދޭހާ އައްވަކާއި ވެހޭހާ ވާރެއެއްގައި ބެހެއްޓުމަށްފަހު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓު ޖަނަރޭޓަރެއްގައި އެމަނިކުފާނު ބަނދެފައި ބެހެއްޓިއެވެ.

ޖުމްލަ 18 މަސްދުވަސް ވަންދެން އެމަނިކުފާނު އޭރު ޖަލުގައި ހުންނަވަން ޖެހުނީ 1989 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޅިޔަނު އިލްޔާސް އިބްރާހިމް މަގާމަށް ގެނައުމަށްޓަކައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް ސަންގު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެންނެވެ. 

އެމަނިކުފާނުގެ 24 ވަނަ އުފަންދުވަސް ދޫނިދޫ ޓިނު ގޮޅިއެއްގައި ހޭދަކޮށްފައިވާއިރު، 25 ވަނަ އުފަންދުވަސް ހޭދަކޮށްފައިވަނީ ގާމާދޫ ޖަލުގައެވެ. އަދި 26 ވަނަ އުފަން ދުވަސް ވެސް އެމަނިކުފާނު ހޭދަކުރަން ޖެހުނީ ޖަލުގެ ތޭރިތަކުގެ ބިތްދޮށުގައެވެ. 

އަދި މިހާހިސާބުން ނިންމާލެވޭކަށް ނެތެވެ. އެމަނިކުފާނުގެ 29 ވަނަ އުފަންދުވަސް ވެސް ހޭދަކުރަން ޖެހުނީ ގާމާދޫ ޖަލުގައި ލިބެމުންދިޔަ އަނިޔާތަކަށް ހިތްވަރާއެކު ކެތްތެރި ވުމުގައެވެ. 

އެފަހަރު އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހުނީ 1996 ވަނަ އަހަރު ދިވެހި ތާރީހާއި ބެހޭގޮތުން އެމަނިކުފާނު ލިޔުއްވި "ދަގަނޑު ދަހަނާ" ގެ މައްސަލައިގައެވެ. އެފޮތް ވިއްކުން ސަރުކާރުން މަނާ ކުރުމާއެކު އެއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ފާޅުގައި ގޮވަން ފެށުމުން، އެމަނިކުފާނު އަނެއްކާވެސް އެއްލާލީ ޖަލުގެ ތޭރިތަކުގެ ފަހަތަށެވެ. 

އޭރު ލިބުނު އަނިޔާތަކަށް ކެތްކޮށް، ހިތްވަރާއި ހިތްމަތާއިއެކު މަސައްކަތް ކުރައްވާ 2008 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމުގެ މަގާމަށްވެސް އެމަނިކުފާނު ވަނީ އިންތިހާބު ވެފައެވެ. 

ދިވެހި ޖުމްހޫރިއްޔާގެ ރައީސްއެއްގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނަށް ރައީސް މައުމޫނުގެ ދައުރުގައި ލިބުނު އަނިޔާތަކާ ގުޅޭގޮތުން ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މާޒީގައި ހިނގާފައިިވާ ކަންކަމުގެ ފަހަތުން ދިއުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ މަސައްކަތަކީ އިތުރަށް ކުރިއަށް ދިއުން ކަމަށެވެ. އެވަގުތުގައި ވެސް ދެއްކެވީ ހިތްތިރިކަމާއި، ހިތްހެޔޮ ކަމެވެ. 

މީގެ އިތުރުން ރައީސް މައުމޫނުގެ ކޮއްކޯފުޅު ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނުގެ 48 ވަނަ އުފަންދުވަސް ވެސް ފާހަގަ ކުރަން ޖެހުނީ މާފުށި ޖަލުގެ ކުޑަ ގޮޅީގައެވެ. 

ނަމަވެސް ފަހަތަށް ޖެހުމެއް ނެތެވެ. އެމަނިކުފާނު ހިންގެވީ ކުރިއަށް ބާރަށް ކުރިއަށެވެ. ބަސް ބުނަމުން ދިޔައީ ފާޅުގައި ކެރިގެންނެވެ. 

އޭގެ ފަހުން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވަނިކޮށް މިމަހު ހަވަނަ ދުވަހުގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ވެވަޑައިގެން އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު މިހާރު އިތުރު ފަރުވާ ހޯދަމުން އަންނަނީ ޖަރުމަނުވިލާތުގެ ބުންޑަސްވެއާ ހޮސްޕިޓަލުގައެވެ. 

އެހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑަށް ދިހަ ރޭޒާފުށް ވަދެފައިވާއިރު އެތަނުން އެއް ރޭޒާފުށް މެއަށް ނުވަނީ ހަމަ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ބުނެފައި ވެއެވެ. ލިބުނު އަނިޔާތަކުން އެމަނިކުފާނު ސަލާމަތް ކުރުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑިކޭ ހޮސްޕިޓަލުންވެސް ވަނީ ކޮށްފައެވެ. 

އެމަނިކުފާނުގެ 54 ވަނަ އުފަންދުވަސް ވެސް ހޭދަކުރަން ޖެހިފައި މިވަނީ ބަލިހާލުގައި ލިބިފައިވާ ޒަހަމްތަކަަށް ކެތްކުރުމުގައި ހޮސްޕިޓަލުގައެވެ. 

ނަމަވެސް މިހުރިހާ ކަމަކާއި އެކުވެސް އެމަނިކުފާނުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ވިދާޅުވަމުން ގެންދަވަނީ ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ. ގައުމަށްޓަކައި ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. ހިތާމަ އާއި ވޭނުގައި އެމަނިކުފާނުގެ އުފަންދުވަސް ހޭދަކުރަން ޖެހުނު ނަމަވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދީ އުފާ ކޮށްދިނުމަށް ތެދުވެ ބާރަށް ކުރިއަށް ހިނގައިގަތުމަށް އެމަނިކުފާނު އެދަނީ ތައްޔާރު ވަމުންނެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް