ads
ޑރ. މުހައްމަދު މުއިއްޒު
މާލޭ ސިޓީ ކައުންސިލްގެ ހިދުމަތް އެއް ގޯއްޗަކަށް ބަދަލުކުރާނަން: ޑރ. މުއިއްޒު
މާލޭ ސިޓީ ކައުންސިލަކީ ހިދުމަތުގެ ގޯއްޗަކަށް ބަދަލުކުރައްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންނާ މުހާތަބްކުރައްވައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް ކުރައްވާ މަސައްކަތުގައި މުޅި ދައުލަތް އެކީގައި މާލޭ ސިޓީގެ ރައްޔިތުނަށްޓަކައި މަސައްކަތްކޮއްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 

މުއިއްޒު ވިދާޅުވީ، މިކައުންސިލަކީ ރައްޔިތުންގެ ބޭނުންތަކަށް ބަލައިގެން މަސައްކަތްކުރާ ކައުންސިލަކަށް ވާނެކަމަށާއި އެކަމުގެ ސަބަބުން މާލޭ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމަށާއި އެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން އިންތިހާބުކުރި މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ކަމުގެ ހުވާކުރެއްވުމަށްފަހު ކުޑައިރުކޮޅެއްގެތެރޭގައި ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މުއިއްޒު އިތުރަށް ވިދާޅުވީ، މިދައުރުގެ މަސައްކަތްތައް އަމާޒުކުރެއްވުމުގައި ނަޒާހާތަތެރި ސިޓީ ކައުންސިލެއް ބިނާކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އަސާސީ ހިދުމަތް ފުރިހަމަކޮށްދިނުމަށް ކުރެވޭ މަސައްކަތެއްގެގޮތުން، ގުޅީފަޅު ބަނދަރުގެ މަޝްރޫއު ހުއްޓާލައި، އެތަނުގައި މާލޭ ސިޓީގެ ރައްޔިތުން ގެދޮރުވެރިކުރުމުގެ މަޝްރޫއުއެއް ފެށުމަށް ސަރުކާރަށް ގޮވާލެއްވިއެވެ. އަދި އެ ބަނދަރު ތިލަފުށީގައި ހެދުން މާ ރަނގަޅުވާނެކަމަށް ދެކިލައްވާކަމަށް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ގުޅީފަޅުގައި ބަނދަރު ހެދުމަކީ މާލޭ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފަސްއެޅުންކަމަށެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ ހިޔާ ފްލެޓްތައް އަވަހަށް ހަވާލުކޮށް ނިންމައި އެތަނުގެ ފިނިޝިންގެ މަސައްކަތްތަކަށް ވާ ފައިސާ ރައްޔިތުން ހަރަދުކުރާނަމަ އެބައި އަގުން އުނިކުރުމަށް އެދޭކަމަށް މުއިއްޒު ވިދާޅުވިއެވެ. 

އަދި މޭޔަރު މުއިއްޒު ވަނީ އިޒްރޭލުން ފަލަސްތީނަށްދެމުންގެންދާ އުދުވާންތައް ކުއްވެރިކުރައްވާކަމަށާއި، ފަލަސްތީނުގެ ރައްޔިތުނަށް އިންސާފާއި އަމާންކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެވެސް ވާހަކަދައްކަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް