ads
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުއިއްޒު ---
ވިލިމާލެއާ ހުޅުމާލޭގައި ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓެއް ގާއިމްކުރަނީ
މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފަސޭހަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވިލިމާލެ އަދި ހުޅުމާލޭގައި ކައުންސިލުގެ ޑިޕާޓްމަންޓެއް ގާއިމު ކުރުމަށް ނިންމައިފި ކަމަށް ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަލަށް އިންތިހާބުވި ކައުންސިލުން ހުވާ ކުރުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި، އެކި ކައުންސިލަރުންނަށް އެކި ޒިންމާތައް ބަހާލާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ ޒިންމާތައް ބަހާލާ، މަސައްކަތް ކުރަން ނިންމީ ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނާއި ގާތުން، ރަނގަޅު ފެންވަރެއްގައި، އަވަސް ކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި، ކައުންސިލުގެ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމުގެ ވިސްނުމުގައި، ކައުންސިލްގެ އިއްތިފާގުން ކައުންސިލްގެ އިދާރީ އޮނިގަނޑު ފާސްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި އޮނިގަނޑާއި އެއްގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޓީތަކެއް އެކުލަވާލަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މުޅި ކައުންސިލްގެ މަސައްކަތްތައް މިއަދު ބަހާލީ، ހަ ޑިޕާޓްމަންޓެއް އުފައްދާ ގޮތަށް ކަމަށެވެ. އޭގެތެރެއިން އެއް ޑިޕާޓްމަންޓު ގާއިމު ކުރާނީ ވިލިމާލޭގައި ކަމަށާއި، މާލޭގައި ދޭ ހުރިހާ ހިދުމަތެއް، ވިލިމާލެ ރައްޔިތުންނަށް ވެސް މާލެ ނައިސް ލިބޭނެ ގޮތަކަށް ހަމަޖައްސާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ހުލުމާލޭގައި ވެސް މިކަމަށް ހާއްސަ ވަކި ޑިޕާޓްމަންޓެއް އުފައްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިވަގުތު ހުޅުމާލޭގައި ހުރީ ހަތަރު މުވައްޒަފުންނާއެކު ކައުންސިލުގެ ޔުނިޓެއް ކަމަށާއި، މިގޮތަށް ކައުންސިލްގެ މަސައްކަތްތައް ހުޅުމާލޭގައި ނުކުރެވޭނެ ކަމަށް ފާހަގަ ވުމުން، ހުޅުމާލޭގައި ވަކި ޑިޕާޓްމަންޓެއް ހަދަން ކައުންސިލްގެ އިއްތިފާގުން ނިންމީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދާ މަސައްކަތްތައް ކައުންސިލަށް ބަދަލު ކުރުމާ ގުޅިގެން ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަމަށް ސަރުކާރާއި އެޗްޑީސީގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެހެން ބަޔަކު ހުޅުމާލޭގައި މަސައްކަތް ކޮށް، ކައުންސިލުން އޭގެ ގާނޫނީ ޒިންމާ ނަގައިގެން ކަންކަން ނުކުރެވޭނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން މާލޭގައި މުނިސިޕަލް ސާވިސް ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓެއް އޮންނާނެ ކަމަށާއި، މިހާރު ރަށްވެހި ކަމާއި އިމާރާތް ކުރުމާއި ބިމާ ބެހޭ ހާއްސަ ޑިޕާޓްމަންޓުގެ ކަންކަން ހަރުދަނާ ކުރުމަށް ކޮމިޓީން ނިންމާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޕޮލިސީ، ޕްރޮގްރާމްސް އަދި ޕްރޮޖެކްޓްސްގެ ނަމުގައި ކައުންސިލުގައި މުޅިން އަލަށް ޑިޕާޓްމަންޓެެއް ހަދާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދެން އޮންނާނީ އިދާރީ ކޯޕަރޭޓިވް ޑިޕާޓްމަންޓު ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މި ހަ ޑިޕާޓްމަންޓު ބެލުމަށް ވަކި ކޮމިޓީތައް އުފައްދާ، އެ ކޮމިޓީތަކުގައި ހިމެނޭ ކައުންސިލަރުން އެ ޑިޕާޓްމަންޓެއްގެ ކަންކަން ބަލަހައްޓާ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށާއި، ދެން ކައުންސިލުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ގިނަ ބައްދަލުވުންތަކަކާ އެކު، މި ގެނައި ބަދަލުތަކާއެކު ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް