ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ހިޔާނާތުގައި ހިމެނޭ ފަރާތްތައް މަގާމުތަކުން ވަކިކުރަން ހުށަހަޅަން ފާސްކޮށްފި
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުގެ ކުރެވޭ ފަރާތްތަކުގެ ލިސްޓުގައި ނަން ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް އެ މަގާމުތަކުން ވަކި ކުރަން ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ކޮމިޓީން އާންމުކުރި ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ޖުމްލަ 281 ހިމެނޭއިރު، އޭގެ ތެރެއިން  ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހުން މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައެވެ. 

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރިން އަދި މިހާރު ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކާއި އެކި މުއައްސަސާތަކާއި ސަލާމަތި ބާރުތަކުގައި ކުރިން އަދި މިހާރު ތިއްބެވި ފަރާތްތަކުގެ މައްޗަަށް، އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ޖިނާއީ ތަހުގީގު ލަސްވަމުންދާ މައްސަަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަހުގީގީ ރިޕޯޓު މިއަދުގެ ޖަލްސާއިން ފާސްކުރި އިރު، އެ ކޮމިޓީގެ ރެކޮމެންޑޭޝަނެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނައިގެންނެވެ.

މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި ރިކޮމެންޑޭޝަންގެ ގޮތުގައި ހިމަނާފައިވާ އަށް ކަންތަން:

  1.  ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
  2. އެމްއެމްޕީއާރުސީގެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިސްވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަކަށް ވެފައި، ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އޭސީސީއަށް ދެންނެވުމަށްވެސް ވަނީ ހިމަނައިފައެވެ.  
  3. އެމްއެމްޕީއާރުސީގެ ވައްކަމާއި، ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަ ކަމަށާއ، އެ މަސައްކަތް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ވެސް ވަނީ ހިމަނައިފައެވެ.
  4. އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ އިރު، އެ ފަރާތްތަކާމެދު، އެވަގުތަކު އެޅެން ހުރި މުުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށާއި އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގެ ތެރެއިން، ވަކި ކުރެވޭނެ ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ފެންނަ ކަމަށް ހުށަހަޅަންވެސް ވަނީ ހިމަނައިފައެވެ.
  5. އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ހިމަނައިފައެވެ.
  6.  އެމްއެމްޕީއާރުސީ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ހިމަނާފައިވެއެވެ.
  7. ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަހުގީގުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.
  8. އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ރިޕޯޓު ފޮނުވުމަށް ފާސްކުރި ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް