ads
ވީޑިއޯ ރިޕޯޓް
އެމްއެމްޕީއާރުސީ ހިޔާނާތުގެ އިންސާފު ލިބޭނީ ވަގަށްނެގި ރަށްތައް އަތުލައިގެން!
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބަދަލު ހޯދުމުގެ ވާހަކަ މިހާރު ދިވެހިރާއްޖޭގައި ދައްްކާތާވެސްް ފަސް އަހަރު ވެއްޖެއެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގާފައިވާ ބޮޑު ހިޔާނާތަކަށް ވާއިރު، ހުދު އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެ ހިޔާނާތަށް ބަދަލު ހޯދުމަށް ކަމަށް ވިދާޅުވެ، ކަންތައްތަކެއް ކުރެއްވިއެވެ. ނަމަވެސް އެއީ ފުދޭ މިންވަރެއް ނޫނެވެ.

އޭރު ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއީސް ޔާމިންގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތަހުގީގުތައް ހިންގައި އޭނާ ހައްޔަރުކުރުން ހިމެނެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތައް އިންސާފު ހޯދުމާއި ބަދަލު ހޯދުމަށް ރައީސް ޔާމިންގެ ވެރިކަމުގައި ކުރި މިންވަރު ނުފުދޭކަމަށް އޭރު އިދިކޮޅުން ދިޔައީ ގޮވަމުންނެވެ. 

ކޯލިޝަން ވެރިކަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގެން ވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ހޯދައި ދައުލަތަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމެވެ. 

އެސެޓު ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. އެ ކޮމިޝަނުން ރިޕޯޓެއް އެކުލަވާލިއެވެ. 

އެގޮތުން ހިންގުނު ތަހުގީގުތަކަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށް ލެވުނެވެ. އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ރައީސް ޔާމިން ޖަލަށް ލެވުނު ނަމަވެސް، ރައްޔިތުންނާއި، އަދި ހުދު ރައީސް ސާލިހުގެ އެކުވެރި ރައީސް ނަޝީދުވެސް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމިން އެކަނި ޖަލަށް ލުމުން އެމްއެމްޕީއާރުސީގެ ހިޔާނާތައް އިންސާލު ލިބުނުކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެންމެފަހުން އެމްޑީޕީގެ މެންބަރުންނާއި، މިނިސްޓަރުންނާއި އިދިކޮޅުގެ އެތައް ބަޔަކުވެސް ހިމެނޭ ރިޕޯޓު މަޖިލީހަށް ގެނެވުނެވެ. 

އެ ރިޕޯޓު ހާމަކުރައްވާނެ ކަމަށާއި، ގެއްލުނު ފައިސާ އަންބުރާ ހޯއްދަވާނެ ކަމަށާއި، އެމްއެމްޕީއާރުސީގެ ފައިސާ އަނބުރާ ހޯދުމަކީ އެމްޑީޕީގެ ވައުދެއް ކަމަށްވެސް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދެއްކެވިތާ މާގިނައިރުތަކެއް ނުވެ އެމަނިކުފާނަށް ޓެރަރިސްޓު ހަމަލާއެއް ދެވުނެވެ. 

ރައީސް ނަޝީދަށް ހަމަލާދީ ޒަހަމްކޮށްލެވުނު ނަމަވެސް މަޖިލީހުން އެންމެފަހުން އެސެޓު ރިކަވަރީ ކޮމިޝަނުގެ ލިސްޓު ވެސް ހާމަކުރިއެވެ. 

އެ ލިސްޓުން ސިޔާސީ ފަރާތްތަކެއްގެ ނަން އަލަށް ހާމަވިއެވެ. ބުދަ ދުވަހު ނަވާނަވައިގެ ފަރާތުން ވަނީ އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ކުންފުނިތަކުގެ ހިއްސާދާރުންގެ ނަންތައް ވެސް އާންމުކޮށްފައެވެ. 

މި ހިޔާނާތަކީ ދައުލަތުގެ އިސްވެރިންތަކަކާއި، ވިޔަފާރިވެރިންނާއި ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން މިހާރު މިވަނީ ހާމަވެފައެވެ. ނަންތައް ވެސް އޮތީ ހާމަވެފައެވެ. ކުންފުނިތައް ވެސް ހާމަވެއްޖެއެވެ. ވަގަށްނެގި ރަށްތައް ވެސް ހާމަވެއްޖެއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތައް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. ނަވާނަވައިން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ހިއްސާދާރުންގެ ލިސްޓުގައި ވެސް ރިޕީޓު ނަންތަކާއެކު 600 އަށްވުރެ ގިނަ ހިއްސާދާރުން އެބަތިއްބެވެ. 

ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މިހާރުވެސް މަޖިލީހުގެ އިތުރުން ސަރުކާރާއި ފަނޑިޔާރުންގެ ތެރޭގައި ތިބިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުން އެނގެއެވެ.  

އެ ކޮމިޝަނުގެ ރިޕޯޓު މަޖިލީހުން އާންމު ކުރި އިރުވެސް އެކަންކަން ވަނީ ހާމަވެފައެވެ. 

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދޫކުރި 37 ރަށާއި 12 ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ އިރު، އެ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރައެވެ. ބައެއް މީހުން އަންދާޒާ ކުރާގޮތުން އެ ފައިސާގެ އަދަދު އެއަށްވުރެ މަތިވުންވެސް އެކަށީގެންވެއެެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހާހުން މީހުން ބައިވެރިވާއިރު، އެއިން ކޮންމެ މީހެއްގެ އަތުން ދައުލަތުން ވަގަށްނެގި ފައިސާގެ ކޮންމެވެސް މިންވަރެއް ހޯދިދާނެއެވެ. އަދަބު ވެސް ދެވިދާނެއެވެ. 

ނަމަވެސް އަހަރެންގެ ނަޒަރުގައި އަދަބުދީ ފައިސާއިން ބަދަލު ހޯދުމުން އެކަނި އެމްއެމްޕީއާރުސީގެ  ހިޔާނާތައް އިންސާފު ލިބުނުކަމަށް ނުބެލެވޭނެއެވެ. 

ހިޔާނާތުން މަކަރާ ހީލަތުން ވިޔަފާރިވެރިން ހޯދާފައިވާ ރަށްތައް ވެސް އަތުލަންޖެހެއެވެ. އެ ރަށްތައް އަތުލަންޖެހޭ މި ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. 

މިސާލެއްގެ ގޮތުން މަޝްހޫރު މަހުޖަނު އަހުމަދު ސަންޓްރެވަލް ޝިޔާމް އެ ހިޔާނާތުގެ ދަށުން ދ. އަތޮޅު އަލުވިފުށި ގަނެފައިވަނީ އެންމެ ތިންލައްކަ ޑޮލަރަށެވެ. 

ނަމަވެސް މިހާރު އެ ރަށުގައި މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ވަނީ "ސަން އަކުއާ އިރުވެލިފުށި" ނަމުގައި ރިސޯޓެއް ތަރައްގީ ކޮށްފައެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތް ހަމައެކަނި ފައިސާ އިން ނިންމާލެވޭކަށް ނެތެވެ. އިންސާފު ލިބޭނީ ދިވެހި ރައްޔިތުންގެ މިލްކިއްޔާތުން ފޭރިގަތް ރަށްތައް ވެސް ދައުލަތަށް ނަގައިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް