ads
ރައީސް އޮފީސް
ރައީސް އޮފީހުގެ ބައެއް އިސް ވެރިންނަށް ކޮށްފައިވާ ތުހުމަތު ދޮގުކޮށްފި
ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަސް އޮފީހުގެ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝީން ވަހީދާ ގުޅޭ ގޮތުން ނޫހަކުން ކޮށްފައިވާ ތުހުމަތުތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

"ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ނޫހަކުން ޝާއިއުކޮށްފައިވާ މި ރިޕޯޓަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުސޫލުން ބަލައި، ސާފުކުރާ ކަމަށާއި އެގޮތުން، ސަބްރާ އިބްރާހީމް ނޫރައްދީނާއި އާއިޝަތު ނޫޝީން ވަހީދު އެ އޮފީހުގެ ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ގަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށެވެ އަދި، އެ ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސް އޮފީހުގެ ބެލުމުގެ ދަށުން އެފަދަ އިދާރާއެއް ހިންގާނެ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަގްސަދެއްގައި ކަމަށާއި އެ މަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ނޫހުން ދޮގު މައުލޫމާތާއި ހަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ

ދިވެހި ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ނޫސްވެރިންނަކީ ވަކި އަހްލާގީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތަނުގައިވެސް އެ ހަމަތަކާއި އުސޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް