ads
ހަނިމާދޫ---
އިސްރާއީލަށް ތާއީދުކުރި އިންޑިއާގެ ޓީޗަރެއް ހަނިމާދޫ ސުކޫލުން ވަކިކޮށްފި
އިސްރާއީލަށް ތާއީދުކުރި އިންޑިއާގެ ޓީޗަރެއް ހދ. ހަނިމާދޫ ސްކޫލުގެ ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަން ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި އިސްރާއީލަށް ތާއީދުކޮށް ޖެހި ސްޓޭޓަސް އަކާ ގުޅިގެންނެވެ. 

އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ހަނިމާދޫ ސުކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިން ހާއްސަކޮށް ޒަޔަނިސްޓް ޔަހޫދީ އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ހަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ހިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ހިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ އަމަލަކީ މި ސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަމަލެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސުކޫލުގެ ޕްރިންސިޕަލް އަބްދުލްމުހުސިން އަބްދުލް ލަތީފް ވިދާޅުވީ، އެ ޓީޗަރު ވަޒީފާއިން ވަކިކޮށް ވީހާވެސް އަވަހަކަށް ރަށުން ފޮނުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ރިކޮމެންޑު ކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އޭނާ ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން މިހާރު ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

"މިނިސްޓްރީން އަންގާފަ އޮތީ ރަށުން މާލެއަށް ފޮނުވާލައި މިނިސްޓްރީއަށް އޭނާ ހާޒިރުކުރަން. މިނިސްޓްރީން ދަންނަވާފަ އޮތީ އެބޭފުޅުންގެ ސްޓޭންޑަކީ އޭނަ ވަޒީފާއިން ވަކިކޮށްފަ އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް." ހަނިމާދޫ ސުކޫލު ޕްރިންސިޕަލް.

ހަނިމާދޫ ސްކޫލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ސުކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމުގައި ކަމަށެވެ. 

 އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް މިހާރު ވަނީ ހުއްޓާލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް