ads
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން
ހައްޔަރު ކުރި 4 މީހުން ކޮވިޑަށް ޕޮޒިޓިވް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހު ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް މިނިސްޓަރު ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހަށް ހާޒިރުކުރުމުން، މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ބައެއް ފަރާތްތައް ކޮވިޑަށް ޕޮޒިޓިވްވެފައި ވުމުން ތަހުގީގު އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފާހަގަަ ކުރެއްވިއެވެ.

މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަހުގީގުގެ މަސައްކަތްތަކަށް ބަލާއިރު، މިއަދާ ހަމައަށް އައިއިރު ތަހުގީގަށް އެކަށީގެންވާ ވަރުގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ސީދާ މައްސަލައާއި ގުޅޭގޮތުން ހައްޔަރު ކުރި ހަތަރު މީހުންގެ އިތުރުން، ޓެރަރިޒަމްގެ ތަފާތު ހާލަތްތަކާ ގުޅިފައިވާ 14 ވަރަކަށް މީހުން ހައްޔަރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ރައީސް ނަޝީދަށް ދިން މި ހަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހުގެ އިތުރުން، މއ. ފޭރުގެ މުޖާޒު އަހުމަދު، ގއ. ކޮނޑޭ، ފޮޅޭމާގެ ތަހުމީން އަހުމަދު އަދި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު އެވެ.

މީގެ އިތުރުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މި ތަހުގީގުގެ ކަންކަން ކުރިއަށްދާގޮތް ބްރީފް ކުރެވެމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މައްސަލައިގެ ކަންކަން ފުލުހުން ކުރިއަށް ގެންދާގޮތް މަޖިލީހާއި ހިއްސާ ކުރެވެމުން ގެންދަވާކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް