ads
ރައީސް ޔާމީން، ރައީސް ސޯލިހް އަދި ރައީސް ވަހީދު
"ރައީސް ޔާމީން އަދި ރައީސް ވަހީދުގެ އެހީތެރިކަން ބަލައިގަންނާނަން"
ކޮވިޑް-19 ގެ މި ހާލަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސްޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ އެހީތެރިކަން ދެއްވަން ބޭނުންފުޅު ނަމަ އެކަން ބަލައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮވިޑުގެ ހާލަތުން އަރައިގަތުމަށް މަޝްވަރާތައް ކުރައްވަން ވިސްނަވާތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން ވަރަށް ބުރަ އަދި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެކަނި ލޯނާ، އެހީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ލިބުނު ކަމަށައި އޭގެ ތެރޭގައި އެހީގެ ގޮތުގަ 872 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގަ 466 މިލިއަން ޑޮލަރު ލިބުނު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިދިޔަ އަހަރު މާލީ ގޮތުން ދިމާވި ދަތި އުނދަގުލުން އަރައިގަނެވުނީ ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީފެ މަސައްކަތުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެގޮތަށް މިއަހަރުވެސް މިހާތަނަށް އައި އިރު 300 ޑޮލަރުގެ ސުކޫކު މާކެޓަށް ވިއްކާފައި ކަމަށާއި އޭގެ ތެރެއިން މި އަންނަ އަހަރު ދައްކަންޖެހޭގޮތައް ކުރީ ސަރުކާރުން ބޮޑު އިންޓަރެސްޓުގައި ނަގާފަ އޮތް ލޯނެއްގެ 75 ޕަސެންޓު ދެއްކިފައިވާ ކަމަށާއި އޭގެ ސަބަބުން އިތުރު ފައިސާ ހޯދަން ފަސޭހަ ވެއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް މި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިކަމުގައި ރައީސް ޔާމީން އަދި ޑރ.ވަހީދުގެ އެހީތެރިކަން ލިބިއްޖެނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގަވެސް ދަތިނުވެ މި އުނދަގުލުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީން ކުރާނެ. މިކަމުގަ ރައީސް ޔާމީނުވެސް ޑރ.ވަހީދުވެސް ހަމަ އެހީތެރިކަން ދެއްވަންވީ. އަޅުގަނޑުމެން ބަލައިގަންނާނަން" ރައީސް ސޯލިހް

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބަލިމީހުންނަށް އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތްތައް ނެތްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ބަހުގެ ހަމަލާ ދިނުން ހުއްޓާލައި، އެންމެން އެއް ގަލަކަށް އަރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުވެސް ވަނީ ވިދާޅުވެފައެވެ.

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް