ads
ފޮޓޯ
ކޮވިޑްގައި މަރުވެގެންދާ ދުވަސްވީ މީހުންގެ ހިތްދަތިކަން: ޝަހާދަތްލާދެންވެސް ދަރިއަކު ނާދޭ!
ދަރިންނަކީ މާތްﷲގެ ރަހުމަތްފުޅުން ދެމަފިރިންނަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތެވެ. ދަރިންލިބުމާ އެކު ދެމަފިރިންގެ ހަޔާތް ބަދަލުވެގެންދާ ގޮތާއި ދަރިންނަށްޓަކައި މައިންބަފައިންވާ ގުރުބާނީގެ ވާހަކަތަކަކީ އަބަދުވެސް އަޅުގަނޑުމެން އަހަމުން އަންނަ ވާހަކަތަކެވެެ.

އެހެންނަމަވެސް ދަރިން ބޮޑެތިވެ ފުރާ ފުރިހަމަވެ، ފިޔަ ފަޅާ އުދުހެވޭ ވަރުވުމުން މައިންބަފައިންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުގެ ހިތްދަތި ވާހަކަތަކަކީވެެސް ތަހުޒީބީ މިއަދުގެ މި ޖީލުން ފެންނަމުންދާ، އަދި އަޑުއަހަން ޖެހިފައިވާ މަންޒަރުތަކެކެވެ. 

މައިންބަފައިން މުސްކުޅިވެ ގައިބާރުދެރަވެ އެދުމަތިވާ ވަގުތަކީ ދަރިންގެ އެހީތެރިކަމަށް އެދި މައިންބަފައިން އަތްދިއްކޮށް ނުލާ ނުވާނެ ވަގުތުކަމުން، އެ އެހީތެރިކަމަށް އެދި ދަރިންނަށްޓަކައި ލޯބިން ގުރުބާންވި އެމައިންބަފައިންވެސް އަތްދިއްކޮށްލަނީ ބަދަލުގައި އެ ލޯތްބާއި އޯގާތެރިކަން ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ. އެހެންނަަމަވެސް ތަންމަތިވެ، ގައިބާރުދެރަވާހިދު މައިންބަފައިން ބަލަންޖެހުމަށް ބުރަވެ، އެ އަތުގައި ޖަހާ އަތް ބިންދާލަނީ ކިތައް ދަރިންބާއޭ ހިތަށް އަރައެވެ. 

މިއަދު ކޮވިޑްގެ ބަލިމަޑުކަމުން އެފަދަ އެތައް ދުވަސްވީ މަޔަކު، ބަފަޔަކު ފެސިލިޓީއެއް ތެރޭ، ނުވެސް ދަންނަ ބައެއްގެ ތެރޭގައި އޮވެ، ނުވެސް ދަންނަ ބައެއްގެ އަގަދަށުން ޝަހާދަތް ކިޔަމުން އެންމެ ފަހުގެ ނޭވާ ދޫކޮށްލާ ކަމީވެސް ފެންނަންއޮތް ހިތްދަތި ހަގީގަތެކެވެ. 

your imageޝޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވާހަކަތަކެއް

މިއީ ބައެއް މީހުންނަށް ނޭނގޭ އަނދިރި ފަރާތަކަށް ވެދާނެއެވެ. ކޮވިޑްގެ ހާލަތުގައި ހާލުބޮޑުވެ، އެޑްމިޓްކޮށްގެން އެންމެ ގިނަމީހުން ފަރުވާދެމުންދާ ތަނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީއެވެ. ކޮވިޑަކީ ގައިންގަޔަށް ފަސޭހަކަމާ އެކު ފެތުރިގެންދާ ބައްޔެއް ކަމުން އާއިލާތަކަށް ބަލިމީހާ ކައިރި ނުތިބެވެއެވެ. ދުވަސްވީ މައިންބަފައިން ކައިރީ ދަރިންނަށްވެސް ނުތިބެވޭގޮތަށް އޮތް ނަމަވެސް ހާލަތު ގޯސްވެ ފަރުވާދޭންޖެހޭ މީހުންވެސް ގިނަވުމުގެ ސަބަބުން މިހާރުވަނީ ބައި ސްޑޭންޑާ ނުވަތަ ކެއާ ޓޭކާއެެެއް ގޮތަށް ކޮންމެ ބަލިމީހެއް ކައިރީވެެސް އާއިލާއިން އެކަކު ހުރެވޭގޮތަށް އެހުއްދަދީފައެވެ. 

ނަމަވެސް ދައްކަން އޮތީ ވަރަށް ވެސް ހިތްދަތި ލަދުވެތި ވާހަކައެކެވެ. ހުޅުމާލެ ފެސިލިޓީން މިކަން ފެނި ތަޖުރިބާ ކުރަމުންދާ މީހަކު “ސީއެންއެމް”އަށް ތަނުގެ ހާލަތު ތަފްސީލްކޮށްދީ ނިންމާލިއިރު، މައިންބަފައިން އަދި ދުނިޔޭގައި ތިބި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތަށް އެކުރި އިހުސާސްތައް މިތަނުގައި ލިޔުމަކުން ބަޔާނެއް ހަމަގައިމުވެސް ނުކޮށްދެވޭނެއެވެ. އަދި އެފަދަ މަޔަކު ނުވަތަ ބަފަޔަކު ހިތުގަައި އަޅާނެ ވޭންވެސް ހަމަ ތަސައްވަރު ކޮށްލަންވެސް ދަށްޗެވެ. 

އޭނާ ކިޔައިދިން ގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ބީ ބްލޮކްގައި 60 އަށްވުރެ ގިނަ  އޮކްސިޖަނަށް ބޭނުންވެފައިވާ ހާލު ސީރިއަސް މީހުންތިބިއިރު، ސަލާމަތްނުވެ، ދުނިޔެދޫކޮށްފައިދާ މުސްކުޅި މީހުންގެ ދަރިންނަށް އޭނާގެ މަންމަ ނުވަތަ ބައްޕަ ދުނިޔޭގައި އޮތްއިރު ކެއާ ޓޭކާއެއް ގޮތަށް އެހީތެރިވުމަށް އަންނަން ޑޮކްޓަރުން ގުޅައެވެ. ނަމަވެސް އަމިއްލަ މައިންބަފައިންނަށްޓަކައިވެސް އަންނާކަށް ބައެއް ދަރިން ބޭނުމެއް ނުވެއެވެ. މައިންބަފައިން އެތަނުގައި އެކަނި އޮންނަން ނުވަތަ ނަރުސް ކުދިންގެ އަތްމައްޗަށް ދޫކޮށްލަނީއެވެ. 

ބައެއް މީހުން މަރުވެގެންދާ ވަގުތު ދަރިއަކުވެސް އާއިލާގެ މީހަކުވެސް ނެތި ކުޑަމިނުން ޝަހާދަތް ލައިދޭނެ ދަރިއަކުވެސް ނެތި އެތަނުގެ ނަރުސް ކުއްޖެއްގެ އަޑުދޮށުން ޝަހާދަތް ލައިގެން މަރުވެދަނީއެވެ.

އިންސާނިއްޔަތު ކަމެއް، ކުލުނުގެ ޒައްރެއްގެ މިންވަރުވެސް ކޮބައިތޯއެވެ؟ އެތައް ގުރުބާނީއެއްވި ދުވަސްވީ މައިންބަފައިންނަށް ދަރިންގެ އެންމެ ބޭނުންޖެހުނު ވަގުތު އެގޮތަށް ނުވެސް ދަންނަ ބައެއްގެ ތެރޭ އެކަނިވެރިކަމާ އެކު މަރުވެގެންދާން ތި ދޫކޮށްލަނީ ކީއްވެތޯ އެވެ؟ 

ރާއްޖޭގައި ކޮވިޑްގެ ހާލަތު ސީރިޔަސްވެ ފަރުވާދޭންޖެހޭ މީހުންގެ އަދަދު ގިނަވެގެން ގޮސްފައިވާއިރު، އެ ފެސިލިޓީގައި ބަލިމީހުން ހޭހަން ކުރުމުގައި މަސައްކަތްކުރާ ނަރުހުންނާއި ވޮލެންޓިއަރުންނަށް އެމީހުންގެ މަސައްކަތައް ފަށްފަށުން ތައުރީފު ހައްގެވެ. ފަހަކަށް އަައިސް ކޮންމެ ދުވަހަކު ދުވާލެއްގެ މައްޗަށް މަދުވެގެން ފަސް މީހުން އެތަނުގެ ތެރެއިން މަރުވެގެންދާއިރު، ހުއްޓުމެއްނެތި އެންމެ ފުރާނަ އެއްވެސް ސަލާމަތްކުރެވޭތޯ އެކުދިން ނުހަނު ހިތްވަރުކުރެއެވެ. 

ހާލު ސީރިޔަސް ބަލި މައިންބަފައިންނަށް އަޅާ ނުލާ ކުޑަމިނުން ޝަހާދަތް ލައިދިނުމަށްވެސް ފެސިލިޓީއަށް ދިއުމަށް އިންކާރުކުރާ ދަރިން ތިބިކަން އެތަނުގައި މަސައްކަތްކުރާ ބައެއް ސިއްހީ އެހީތެެެރިންވެސް ދަނީ ބުނަމުންނެވެ. އެހެންކަމުން ފެސިލިޓީއަށް އިތުރު ވޮލެންޓިއަަރުންގެ ބޭނުންވެސް ވަނީ ޖެހިފައެވެ. 

ބަލީގައި މަރުވެގެންދާ ދުވަސްވީމީހާއަށް އަޅާލާ އެކީގައި ވާނެ މީހަކު ހުރުމަކީ ހަމަގައިމުވެސް ބަލިމީހާއަށް ލިބިގެންދާނެ ހިތްހަމަ ޖެހުމެއްކަން ގައިމެވެ. 

ތިމާގެ މައިންބަފައިން ތިމާގެ ހައްގުގައި އުފުލި ބުރާގެ ބަދަލުދޭން ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް ނުދެވޭނެއެވެ. މުސްކުޅިވީ ވަގުތު އަތުން ދޫކޮށްލާ އިހާނަތްތެރި ނުވާށެއެވެ. ދަރިންނަށް މައިންބަފައިންގެ ހިތުގަައި އޮންނަ ލޯތްބަކީ ނިމުމެެއް ނުވާ އެެއްޗެކެވެ. އެމީހުންގެ ޒުވާން އުމުރުގެ އެތަށް ދުވަހެއް ތިބާއަށްޓަކަައި ގުރުބާންކުރިއެެވެ. ބަދަލެއް އެދިގެނެއް ނޫނެވެ. 

އެހެންކަމުން މިއަދު ތިބާގެ ހަޔާތުން ސިކުންތު ކޮޅެެެެެއް ނަމަވެސް އެ މައިންބަފައިންނަށް ދޭށެވެ. ލޯބިން ފިރުމާދޭށެވެ. ލާ އެންމެ ފަހުނޭވާ އަކީ ހިތްހަމަޖެހިގެން ތިބާގެ އަތުތެރޭ ލާ ނޭވާއަކަށް ހަދާލުމުގެ ފުރުސަތު އެމައިންބަފައިންނަށް ދޭށެވެ. 

މާދަމާ ތިބާވެސް އެ ބަލި އެނދުގައި އޮށޯންނަން ޖެހޭނެކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.

38%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
51%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް