ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓްގެ ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ނުނަގާނެ: އެޗްޑީސީ
ހިިޔާ ފްލެޓްތަކުން މެނޭޖްމަންޓު ފީއެއްގެ ގޮތުގައި މަހަކު6.7 މިލިއަން ލިބޭ
ހިޔާ ފްލެޓްގެ ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ 6،720 ފްލެޓާއި ގުޅިގެން އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވި ނަމަވެސް، ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. 

މި ގޮތުގެ މަތިން، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމްލަ އަގުން އުނިކޮށް، އެ އަގާއި އެއްގޮތަށް މަހު ކުލި ކުޑަކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފްލެޓަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރުމަށް ބޭނުންވާ މީހުނަށް އެފުރުސަތު ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން މި ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ހަމަޖައްސާފައިވަނީ 25 އަހަރުގެ މުއްދަތަކަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކައިގެން ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުންވެސް ފްލެޓް މެނޭޖްމަންޓު ފީއެއްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ނެގުމަށް ހަމަޖައްސާފައިވާ ކަމަށާއި، ނަމަވެސް ފްލެޓު އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލެ ފްލެޓްތަކުގެ މެނޭޖްމެންޓު ފީއަކަށް މިހާރުވެސް ނަގަނީ 1000 ރުފިޔާއެވެ. 

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ޑައުންޕޭމަންޑު ނުދައްކާވެސް ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ. 

އެޗްޑިސީގެ ބަޔާނުގައިވާގޮތުން މެނޭޖްމަންޓު ފީއެއްގެ ގޮތުގައި މަހަކު6.7 މިލިއަން ލިބޭނެ އެވެ. އެ ރޭޓުން ބަލާ ނަމަ އަހަރަކު 80 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެ އެވެ.

މެނޭޖްމަންޓް ފީގެ ގޮތުގައި އާ ފްލެޓްތަކުން 1000 ރުފިޔާ ނަގަން ނިންމާފައިވާއިރު މިހާރު ވެސް ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުން މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކުރަން ފެށި، ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅަން ނިންމި އެވެ. އެކަމަކު 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކީ މިހާރު 6،720  އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް