ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އަމީރު------
ކުރީގެ އިގުތިސާދަށް އަނބުރާ ދެވޭނީ 2022-2023 ހިސާބުގައި: މިނިސްޓަރު
ކޮވިޑް-19 ގެ ކުރީގެ އިގްތިސާދަށް އަނބުރާ ރުޖޫއަވެވޭނީ 2022-2023 ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ފަހު ނޮވެންބަރު މަހު ފަތުރުވެރިން އައި އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ.

އަދި ނޮވެންބަރު މަހު ރާއްޖެއަށް ވެކްސިން ގެންނަށް އުޅޭ ހަބަރާ އެކު ފަތުރުވެރިން ރާއްޖެ އަންނަށް ފެށި މިންވަރު އިތުރުވި ކަމަށާއި ޑިސެންބަރު މަހުން ފެށިގެން މިހާ ހިސާބަށް ފަތުރުވެރިން ރާއްޖެ އައި އަދަދު 2020 ވަނަ އަހަރުގެ ޓާގެޓަށްވުރެ އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ވޭތުވެދިޔަ ހަތަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަންދާޒާ ކުރެވުނު އަދަދަށްވުރެ ގިނަ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރަށް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ޒިޔާރަށް ކުރި ފަތުރުވެރިންގެ 60 އިންސައްތަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު ހުރީ ކޮވިޑްގެ ކުރީގެ އަދަދުތަކަށް ވުރެ މަތީގައި ކަމަށާއި 2019 ވަނަ އަހަރުގަ އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާ އަދަދަކީ 6.3 ދުވަސް ކަމަށާއި 2021 ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާ އަދަދަކީ 8.5 އަދި 9 އަކާ ދޭތެރޭގެ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރު އެއް މިލިނިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ މިންވަރަށް ފަތުރުވެރިކަން ރުޖޫއަވާނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިގްތިސާދީ ކުރިއެރުމުގެ ދުވެލި މި އަހަރު 22.7 ޕަސެންޓްއަށް އަރާނެ ކަމުގައި މިހާރު ލަފާކުރެވޭ ސަބަބުތައް ކަމުގައި އަމީރު ފާހަގަކުރެއްވީ ފަތުރުވެރިކަން ރަނގަޅުވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވުމުގެ އިތުރަށް، ސަރުކާރުން ކޮވިޑް-19އާ ގުޅިގެން ތައާރަފު ކުރި އިކޮނޮމިކް ރިލީފު ޕެކޭޖުތަކާއި ދިން ލުއިތަކެވެ.

އެކަންކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމުގެ ދުވެލި ހަލުވިވެފައި ވާކަން ފާހަގަ ކުރެއްވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުން ތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ކުރީގެ އިގުތިސާދަށް އަނބުރާ ރުޖޫއަ ވެވޭނީ 2022-2023 ހިސާބުގައި ކަމަށް ލަފާ ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް