ads
ފޮޓޯ: ރާއްޖެ.އެމްވީ
ހުތުބާ: އަޅާގެ މައްޗަށް އޮތީ ސަބަބުތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާވުން
އަޅާގެ މައްޗަށް އޮތީ ސަބަބުތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާވުންކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މާތް ﷲއަށް ވަކީލުކުރުމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މާތް ﷲ މި ކާއިނާތުގެ ކަންކަން ތަދުބީރު ކުރައްވައި، ރާއްވަވައި، ހިންގަވަނީ، އެކަލާނގެ ލައްވާފައިވާ ކައުން ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި، ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތަކެއް ވާކަމަށެވެ. އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފައިވެެެއެވެ.

"އެހެންކަމުން އަޅާގެ މައްޗަށް އޮތީ، ސަބަބުތަކުގައި ހިފައި، ﷲ ތައާލާއަށް ބަރޯސާ ވުމެވެ. އެހެނީ ޙަޤީޤަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ ރަސްކަލާނގެއަށް ބަރޯސާވުމެވެ. އަދި ކަންކަން ހިންމަވައިދެއްވަނީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އަރަހުށި ﷲ ކަން ހިތުގެ އަޑިން ކަށަވަރުކުރުމެވެ. ފަހެ އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް މެނުވީ މި ކާއިނާތުގައި އެއްވެސް ކަމެއް ނުހިނގާނެއެވެ. 

ހުކުރު ހުތުބާގައި އިތުރަށް ބުނީ މުއުމިނުންނަކީ އެއްވެސް ހާލެއްގައި މާތް ﷲއަށް ޝަރީކު ކުރާނޭ ބައެއް ނޫން ކަމަށާއި އެހެން ފަރާތަކުން މަދަދަށް އެދޭނޭ ބައެއް ވެސް ނޫން ކަމަށެވެ. އަދި ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ ޢަމަލުތަކުން ދުރުވެ އެއްކިބާވާނެކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ، އެފަދަ މީހަކު ﷲ ތަޢާލާ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ގަބޫލުކުރާނެކަމަށާއި، ކަންކަމާ ގުޅުވާ "ނަމަ ނަމަ" އެއް ނުކިޔާނެ ކަމަށެވެ. 

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވާފައިވާ ކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލު ކުރާހުށިކަމެވެ!"

އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ސަބަބުތަކުގައި ހިފައިގެން، މާތް ﷲ އަށް ބަރޯސާވުން ކަމަށާއި މިއަދު އަޅުގަނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް19 ގެ ހާލަތުން އަރައިގަނެވެން އޮތީވެސް ސަބަބުތަކުގައި ހިފައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމް ކޮށްގެންކަން ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފައެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް