ads
ވީޑިއޯ ރިޕޯޓް
ކޮވިޑު ބޮއްސުން ލުމުގެ ޒިންމާ ސިއްހީ އިދާރާތަކުން ނަގަންޖެހޭ!
ކޮވިޑްގެ އާލަމީވަބާއާ ރާއްޖޭގެ ސިއްހީ އެހީތެރިންނާއި ރަށްޔިތުން ހަގުރާމަ ކުރާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މި ވަބާއިން އަރައިގަނެވެވޭނެ އަލިމަގެއް އަދި މި ގައުމަށް ވަނީ ނުފެނިފަ އެވެ.

އެކަން ހާމަވެގެން ދަނީ ކޭސްތަކުގެ އަދަދު އިތުރުވުމާއި މަރުތައް އާންމުވެގެން ދިއުމުން ނެވެ. ރާއްޖޭގެ ތާރީހުގައި ކާރިސާއެއްގައި ނުގެއްލޭހާ ފުރާނަ ކޮވިޑް ބަލީގައި ވަނީ ގެއްލިފައެވެ.

ނިމިދިޔަ އަހަރުގައި ކޮވިޑް ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ތިރިވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. ކާފިއު އުވާލާ 24 ގަޑިއިރު ރަށްޔިތުން ބޭރުގައި އުޅުމުގެ ހުއްދަ ދިނެވެ. އަދި އެއްވެ އުޅުމާއި އެކި ހަފްލާތައް ބޭއްވުމަށް ހުއްދަ ދިނެވެ.

އެއީ ހެދުނު ގޯހެއްކަން ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް އެއްބަސްވެ ވަޑައިގަތީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ 100އަށްވުރެ ގިނަ އަދަދަކަށް މީހުން ކޮށްމެދުވަހަކު ބައްޔަށް ހުށަހެޅިގެން ދިއުމެވެ. އަދި ހޮސްޕިޓަލް އެދުތަށް ފުރިގެން ދިއުމެވެ. ވަރުބަލިވެފައިވާ ސިއްހީ ހިދުމަތް ތެރިންގެ ކޮޑަށް އަނެއްކާވެސް ބުރަވެގެން ދިއުމެވެ. ކާފައިންނާއި މާމައިން މިދުނިޔެއާ އަލްވަދާއު ކިޔަމުން ދިއުމެވެ.

ހާލަތު އެހެން އޮއްވާ ދެން ފެނުނީ އޭޕްރީލް މަހުގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން މަންޒަރެވެ. ކޮވިޑްގެ ތެރޭގައި ބޮޑު އިންތިހާބެއް ބޭއްވުމަށެވެ. އިންތިހާބު ނިމިގެން ދިޔައިރުގައި ކޮވިޑް ބަލީގެ މުށުގެ ތެރޭގައި ރައްޔިތުން ތިބީ ތާށިވެފަ އެވެ.

އިންތިހާބު ބޭއްވިއިރު އެއްވެސް ތަރުތީބެއް ނެތެވެ. ޕޮޒިޓިވްވެފައިވާ މީހުންނާއި ބަލި ނުޖެހޭ މީހުން މަސްހުނިކޮށް ބޭއްވުނު އިންތިހާބުގެ ހިތި ނަތީޖާ މިއަދު މި ދަނީ ފެންނަމުން ނެވެ. ސިޔާސީ ބައެއްގެ އަމިއްލަ އެދުން ބޮޑުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެތަށް ފުރާނައެއް ކޮވިޑް ބަލީގައި ގެއްލެމުން ދިއުމެވެ.

ހަމައެކަނި މާލޭ ސަރަހައްދެއް ނޫނެވެ. އަތޮޅު ތެރޭގެ ހާލަތުވެސް ވަނީ އިންތިހާ ދަރަޖައަށް ގޯސްވެފަ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 72 ރަށެއްގައި ކޮވިޑްގެ ވަކިތަކުގެ ތެރޭގައި އޮތް އިރުގައި އެ ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން ނެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު 1000-2000 ދެމެދުގައި ބަލި ޖެހޭ މީހުންގެ އަދަދު އުޅޭ އިރު މިމަހުގެ ތެރޭގައި ވެސް ހަމައެކަނި 82 މީހަކު ވަނީ ކޮވިޑްގެ ސަބަބުން މަރުވެފަ އެވެ.

ހާލަތު ގޯސްވުމުން އެޅުނު ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ހިފީ އިގްތިސާދު ގެ ކަރުގައެވެ. އެޅުވީ އިޤްތިސާދީ ދަންމަޅިއެކެވެ. މި އިގްތިސާދީ ދަންމަޅިން ސަލާމަތްވާނީ 2023 ވަނައަހަރު ހިސާބުކަމަށް މާލީ ވަޒީރު ވެސް އަންދާޒާ ކުރައްވައެވެ.

ދެން ދައްކަން އޮތީ ބަލިން ދިފާއުވުމަށް އޮތް ހަމައެކަނި ހަތިޔާރުގެ ވާހަކަ އެވެ. ވެކްސިންގެ ވާހަކަ އެވެ. މިއަދު ގިނަ ރައްޔިތުން ތިބެން ޖެހިފައިވަނީ އެއް ކޮޑަށް އެއް ޑޯޒް ޖަހައިގެން ދެވަނަ ޑޯޒްގެ ނިމުމެއް ނެތް އިންތިޒާރުގަ އެވެ. 

ކޮވިޑްގެ މިނުރައްކާތެރި ހާލަތުގައި ރައީސް ވިދާޅުވެފައިވަނީ މިކަމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. ރައީސް އެހެން ވިދާޅުވިނަމަވެސް މިއަދު މި ހާލަތުގެ ޒިންމާ ފުރިހަމަ ގޮތެއްގައި ސިއްހީ ވުޒާރާއާއި، ރާއްޖޭގެ ސިއްހީ ކަންކަން މޮނީޓަރު ކުރުމާއި، ފާރަވެރިވާންތިބި މުއައްސަސާތަކުން ނަގަން ޖެހެއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމުގައި ފެއިލް ވެފައިވާ ކަމުގައި މިއަދު ގަބޫލް ކުރަން ޖެހެނީ ކޮވިޑް ނަންބަރުތައް ހުރިގޮތުންނާއި ސަރުކާރުން ދެވުނު ލުއިތަކުގެ ސަބަބުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް