ads
ވީޑިއޯ ރިޕޯޓް-
އިންޑިއާ އާއި ޗައިނާ ކޯޅުން: ނިވާ ފަތްގަނޑަކަށް ރާއްޖެ؟
އަވައްޓެރި އިންޑިއާ އާއި ޗައިނާގެ ކޯޅުމަކީ އާ ވާހަކައަކަށް ނުވާނެއެވެ. އެއް ގައުމުގެ މައްޗަށް އަނެއް ގައުމުން ކުރި ހޯދަން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. މި ކޯޅުންގަނޑުގެ ތެރެއަށް ރާއްޖެ ވަދުމަކީ ބުއްދިވެރި ކަމަކަށް ނުވާނެއެވެ. ނަމަވެސް މިހާރު ކަން ވަމުން އަންނަތަން މި ފެންނަނީ އެފަދަ ގޮތަކަށެވެ. ޗައިނާ އައި އިންޑިއާގެ ކޯޅުމުގެ މަޅީގެ ތެރެއަށް ރާއްޖޭގެ ވަދެ ރަނގަޅަށް ބަނދެވިއްޖެއެވެ.

އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން އޮތް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މާ ބޮޑަށް ގާތްކުރުމުން އިންޑިއާ އޮތީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. އެގޮތުން މިހާރު ފެނިގެންދަނީ ވެރިކަންކުރާ ކޮލިޝަނުގައި ހިމެނޭ މައި ޕާޓީކަމަށްވާ އެމްޑީޕީން އިންޑިއާ ވަރަށް ބޮޑަށް ގާތްވަމުންދާ މަންޒަރެވެ. ފެނިގަންދަނީ ސަރުކާރުން ހުރިހާ ކަމެއްގައިހެން އެހެން ގައުމުތަކަށްވުރެ ބޮޑަށް އިންޑިއާއަށް އިސްކަންދޭ މަންޒަރެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވަނީ އިންޑިއާ އައުޓް އެވެ. ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް ޗައިނާގެ އެހީ ގިނަ ކަންކަމުގައި ހޯދިކަމީ ހަގީގަތެކެވެ މިކަންކަމުގައި ރައީސް ނަޝީދު ވިދާޅުވަނީ ޗައިނާއަކީ ރާއްޖެއަށް އޮތް ދަރަނި ދަންތުރައެއް ކަމަށެވެ. 

ދެގައުމުގައި އޮންނަ ޒަމާންވީ ވާދަވެރިކަމުގެ ސަބަބުން ޗައިނާ އާއި އިންޑިއާއިން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްގައުމު އަނެއްގައުމަށް ވާދަވެރިކަން އޮވެއެވެ. ރާއްޖެއަކީ ކުޑަ ގައުމެކެވެ. ރާއްޖެއަކީ ހުރިހާ ގައުމުތަކަކާ ގުޅުން ބަދަހިކޮށްގެން އުޅެންޖެހޭ ގައުމެކެވެ. ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވުމަކީ ބުއްދިވެރި ކަމަކަށް ނުވެދާނެ އެވެ. އެހެން އެކަންތައް ވެއްޖެ ނަމަ ވަކި ގައުމަކުން ރާއްޖެއަށް އަތްގަދަކުރަން ފަށާފާނެ އެވެ. އޭރުން ރާއްޖޭއަކީ މިނިވަން އިސްތިގުލާލީ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސްދާނެއެވެ.

މި މައްސަަލަތައް އަނެއްކާވެސް ބޮޑަށް ފެންމަތިވެގެން ގޮސްފައިމިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އެ ގައުމުގެ ކެބިނެޓުން ފާސްކުރިކަން ހާމަވުމާއެކުއެވެ. ރާއްޖޭގެ ސަރުކާރުން އަދި އެކަމާ ގޮތެއް ނިންމާފައި ނުވި ނަމަވެސް، ރާއްޖޭގެ ސަރުކާރުން އެކަން ނޭނގި އިންޑިއާ ސަރުކާރުން ނިންމި ނިންމުމެއް ގޮތުގައި އަޑު އިވުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް އެޅުމުގައި އަޑި ނޭނގޭ "ސިއްރު އެޖެންޑާ" އެއް އޮންނާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އިންޑިއާގެ ހައިކޮމިޝަނެއް މިހާރުވެސް މާލޭގައި ހުރި އިރު، ލާމަރުކަޒީ އުސޫލުން އައްޑޫގައި އަނެއްކާވެސް ކޮންސިއުލޭޓެއް އަޅަނީ އިންޑިއާއިން އެތަނަށް އަތްގަދަކުރުމަށް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. 

ރައީސް ނަޝީދު 2018ގައި އައްޑޫގައި ދެއްކެވިވާހަކަފުޅުތައް:

މީގެ ތިން އަހަރުކުރިން، 2018 ވަނަ އަހަރު އައްޑޫއަށް ވަޑައިގެން އައްޑޫ ހިތަދޫގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބަ އަންނަ ކަމަށެވެ. އެ މަނިކުފާނު އެ ވިދާޅުވީ އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމުގެ ވާހަކައެވެ. ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އަދި ޗައިނާ ދެ ގައުމުގެ ދެމެދުގައި އޮތް ނުރުހުންތަކާއި އުދާސްތައް ނިމުމަކަށް ގެންނާނީ އައްޑޫ ސިޓީން ކަމަށެވެ. އައްޑޫ ސިޓީން އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަކީ އެމަނިކުފާނު އުންމީދު ކުރައްވާ ގޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އިންޑިއާގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގައި ފޮރުވިފައިވާ މަގުސަދުތަކެއް ވާކަން ރައީސް ނަޝީދުގެ މި ވާހަކަތަކުން ދޭހަ ނުވޭތޯ އެވެ. މިއީ އިންޑިއާއިން ޗައިނާގެ މައްޗަށް ކުރިހޯދުމަށް ކުރާ ކަމަކަށް ނުވެދާނެބާއެވެ؟

"ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދުވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން." ނަޝީދު

މި ހާލަތުގައިވެސް ދިވެހި ސަރުކާރުގެ ބައެއް ވަޒީރުން އިންޑިއާ ކޮންސިއުލޭޓް ގާއިމުކުރުމަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވާފައެވެ. އެބޭފުޅުން ވިދާޅުވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަމަކީ އައްޑޫ އާ މުޅި ދެކުނަށް ތަރައްގީ އަންނާނެ ކަމެއް ކަމަށާއި އިންޑިއާއަށް ދަތުރުކުރަން ދިވެހި ރައްޔިތުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ. ނަމަވެސް ވިސާ ފަދަ ތަކެއްޗަށް އެޕްލައި ކޮށްލުމަކީ މިހާރު އޮންލައިންކޮށްވެސް ކޮށްލެވޭ ކަމެކެވެ.

އިންޑިއާގެ ކޮންސިއުލޭޓް އައްޑޫގައި ގާއިމު ކުރަނީ ޗައިނާގެ މައްޗަށް އިންޑިއާއިން ކުރި ހޯދައި އިންޑިއަ ބާރުވެރިވުމަށް ކަމަށް އިންޑިއާގެ ބައެއް ރައްޔިތުންވެސް ވަނީ ބުނެފައެވެ.

 އެހެން ސިޓީއެއްގައި ގައުމެއްގެ ކޮންސިއުލޭޓް އަޅަނީ އެ ގައުމެއްގެ ރައްޔިތުން އެ ހިސާބުގައި ވަރަށް ގިނަ ނަމައެވެ. ނަމަވެސް އައްޑޫ ފަދަ ކުޑަ އާބާދީއެއްގައި އިންޑިއާގެ މާ ގިނަ ރައްޔިތުން ދިރި އުޅޭކަމަކަން ނުވެ އެވެ. އިންޑިއާގެ ހައި ކޮމިޝަނެއް މިހާރުވެސް މާލޭގައި ހުރި އިރު އިތުރު ކޮންސިއުލޭޓެއް ހުރުމުގެ ބޭނުމެއް ނެތެވެ.

މި ފަހަކުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިނގާ ގުޅުންތަކުގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ވަނީ އުޒުރުވެެރިވެފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރެވޭ ސަބަބެއް ކަަމަށް ދިވެހި ސަރުކާރުން ބުނީ އިންޑިއާ އާއި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް އޭގެ ސަބަބުން ބުރޫ އަރާނެތީ ކަމަށެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރެވޭ ވަރުގެ ތައުލީމީ ބޭފުޅުން ރާއްޖޭގައި ތިބެމެ، ހަދިޔާކޮށް ހިބައިން ދިން ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ތިބެންޖެހޭ ސަބަބެއްވެސް ނެތެެވެ.

ކަން މިހެން އޮތް އިރު، ޗައިނާ އާއި އިންޑިއާ ކޯޅުމުގެ ތެރޭގައި އިންޑިއާއިން މިހާރު ޗައިނާގެ މައްޗަަށް ކުރިއެރުމަށް ރާއްޖެ ބޭނުންކުރާކަން މިވަނީ ޔަގީނާ ގާތަށް ކަށަވަރުވެފައެވެ. ނޫނީ އިންޑިއާއިން އައްޑޫގައި މި އަޅާ ކޮންސިއުލޭޓަކީ ހަމަ ދިވެހިންގެ ހައްގުގައި އަޅާ ތަނެއް ކަމަށް ގަބޫލުކުރަންވީތޯއެވެ؟ އައްޑޫ ސިޓީ މިވީ އިންޑިއާ ޗައިނާ ކޯޅުމުގައި ނިވާ ފަތްގަނޑަކަށް ނޫންތޯއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް