ads
ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް
މަސްދަރު ހޯދާކަށް ނޫޅެން، ބަލަނީ މީހެއްގެ ޒާތީ މައުލޫމާތެއް ހާމަވެފަވާތީ އެކަން: އަސްލަމް
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މަސައްކަތްކުރަމުންދަނީ މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގެ މަސްދަރު ހޯދަން ނޫންކަމަށާއި، މަސައްކަތްކުރަމުންދަނީ އެ ލިޔުމުގައި މީހެއްގެ ޒާތީ މައުލޫމާތެއް ހާމަވެފަވާތީ އެކަން ބެލުމަށް ކަމަށް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި މިމަހުގެ 28 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމަކާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން އެމައްސަލަ ބަލަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން ނޫސްވެރިންނަށް އޮންނަކަމަށާއި، އެރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަން އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓަކަށްވާއިރު، އެއީ ޕްރޮޕެގެންޑާ ފެތުރުން ކަމަށް ވެރިކަން ކޮލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ބުނުމާއި، އެމައްސަލަ ކޮމެޓީތަކުން ތަހުގީގުކުރުމަކީ، މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއްކަން ފާހަގަކޮށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުންނާއި، ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ ޖަމިއްޔާ އެޑިޓާސް ގިލްޑްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އެއްވެސް ހާލަތެއްގައި އެ މައުލޫމާތު ނޫހަށްދިން މަސްދަރު ހޯދުމަށް ކުުރާ މަސައްކަތެއް ނޫން ކަމަށާއި، ހާމަވެފައިވަނީ ދައުލަތުގެ އިސް ބޭފުޅެއްގެ އަދި އެބޭފުޅާގެ އާއިލާގެ ޒާތީ މައުލޫމާތުތަކަކަށްވާތީ އެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. 

"އެއީ އެގޮތައް ފާޅުކަން ބޮޑުގޮތެއްގައި ޕަބްލިކަށް އާއްމުކުރެވިގެންވާނެ މައުލޫމާތެއް ކަމަށް ގަބޫލުނުކުރެވޭ. މިހާރު މައްސަލައަކީ މީހެއްގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިފައިވާތީ. އެއީ ކުރެވިގެންވާނެކަމެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

ގާނޫނު އަސާސީން ނޫސްވެރިން ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރުތައް ހާމަ ނުކުރުމުގެ އިހުތިޔާރު ނޫސްވެރިންނަށް ލިބިދީފައިވާ ވާއިރު، މިއެރިޕޯޓުގެ މައްސަލަ ނޫސްވެރިޔާ އާއި އެ ހަބަރުގެ މަސްދަރާއި ސުވާލު ނުކޮށް ބެލޭނީ ކިނިނެތްތޯ އެޑިޓަރުން ސުވާލު އުފައްދާފައިވެއެވެ. ކަން މިހެން ހުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ 241 ކޮމިޓީން މި މައްސަލަ ބަލާނެ ކަމަށް ބުނެފައިވީ ނަމަވެސް، މައްސަލަ ބަލާނީ ކިހިނެއްކަން ނޭނގޭ ކަމަށް އެޑިޓަރުން  ފާހަގަކޮށްފައިވެއެވެ.

އެޑިޓަރުންގެ ކަން ބޮޑުވުމާ ގުޅިގެން ސީއެންއެމްއަށް އަސްލަމް ވިދާޅުވީ އެމައްސަލަ ބަލާނެގޮތަކާ މެދު ކޮމެޓީގައި މަޝްވަރާކުރުމަށް ފަހު މީޑިއާތަކަށް އެކަން ހިއްސާކުރާނެ ކަމަށެވެ.

މިހާރު ނޫހުން ޝާއިއުކޮށްފައިވާ ލިޔުމުގައި ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތުގެ އިތުރުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު އާންމު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ބަލަން ނިންމާފައިވާކަން ހާމަކޮށް ބުނެފައިވަނީ އެފަދަ މައުލޫމާތެއް، އާންމު ވެގެން ދިއުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއްކަމުގައި ދެކޭ ކަމަށެވެ. އަދި އެމައްސަަލަ ބަލަން ނިންމާފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން، އެ ކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވާތީ ކަމަށް ވެސް ބުނެފައިވެއެވެ. 

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ފަރާތުންވެސް ބަޔާނެއް ނެރެފައިވާއިރު، އެ ލިޔުމަކީ ވިކްޓިމް ނުވަތަ އަނިޔާ ލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒްވާގޮތަށް ލިޔެފައިވާ ލިޔުމެެއްކަމަށްވާތީ އެ މައުލޫމާތުތައް އެނޫހަށް ހިއްސާކުރެއްވި އޮފިސަރުގެ މައްސަލަ ބަލާ ފިޔަަވަޅު އެޅުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

އެމައްސަލަ 241 ކޮމެޓީން ބަލަން ނިންމާފައިވާކަން ހާމަކުރެއްވުމާއިއެކު، މީޑިއާ ކައުންސިލުންވެސް އެމައްސަލަ ބަލަން ނިންމާފައިވާކަން ހާމަކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީހިނދު، ނޫސްވެރިޔާ ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް އެމާއްދާގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދުމަށް އެއްވެސް މިންވަރަކަށް މަސައްކަތްކުރުމަކީ އެކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. 

އެމްއެމްސީން އިތުރަށް ބުނެފައިވަނީ އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހޯދަމުން އަންނަނިކޮށް، ނޫސްވެރިކަމުގެ މިނވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގެންދާނެ ފިޔަވަޅެއްކަމުގައި މި ކައުންސިލުން ދެކޭ ކަމަށާއި އެއީ ދިވެހިރާއްޖޭގައި އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއެރުވުމަށް އެޅިގެންދާ ހުރަހެއްކަމުގައި ނޫނީ ނުވާނެ ކަމަށެވެ. 

"އެހެންކަމުން، ޤާނޫނު އަސާސީގެ ރޫހާ ހިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާގޮތަށް ފާޅުކުރަމުންދާ ހިޔާލުތައް މި ކައުންސިލުން ކުށްވެރިކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރަމެވެ. 

އެމައްސަލައިގައި ކައުންސިލުންވަނީ ކޮމެޓީގެ މުގައްރިރު އަސްލަމްއަށް ފޯނުން ގުޅައި މަޝްވަރާކޮށްފަކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނެފައިވަނީ ކޮމިޓީން އެމައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަން މުގައްރިރު ކައުންސިލަށް ދެއްވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް