ads
އެފްއޭއެމްގެ ރައީސް ބައްސާމް، ކުރީގެ ރައީސް ޔާމީންއާ އެކު
ވެރިކަން ބަދަލުވިފަހުން ޕްރެޒިޑެންޓްސްކަޕް ހަމަ ނުބޭއްވޭ
ރާއްޖޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތްކަމުގައިވާ ގައުމީ ފުޓްބޯޅަ މުބާރާތް ނުވަތަ، ޕްރެޒިޑެންޓްސް ކަޕު ފުޓްބޯޅަ މުބާރާތް މިއަހަރުވެސް ނުބާއްވަން އެފްއޭއެމުން ނިންމައިފިއެވެ.

މިއީ މި މުބާރާތް ވިދިގެން ކެންސަލް ކުރާ ހަތަރުވަނަ ފަހަރެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އެންމެ ފަހަރަކުވެސް މި މުބާރާތް ނުބާއްވައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ މި އަހަރުވެސް ޕްރެޒިޑެންޓްސް ކަޕް ނުބާއްވާނެ ކަން އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް ސީޒަން ފެށުނީއްސުރެ އެފްއޭއެމުން ކިޔަމުން އައީ މި އަހަރު އަލުން ޕްރެޒިޑެންޓްސް ކަޕު ބާއްވާނެ ކަމަށެވެ. 

ދާދި މިދާކަށް ދުވަހުވެސް ބައްސާމްވަނީ އެކަން ތަކުރާރު ކުރައްވާފައެވެ. އެހެންނަމަވެސް އެންމެ ފަހުން އަނެއްކާވެސް އެފްއޭމުން ނިންމީ ޕްރެޒިޑެންޓްސް ކަޕު މި އަހަރުވެސް ނުބާއްވާށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ މުބާރާތް، ފަހުން ރީބްރޭންޑް ކުރުމަށް ފަހު ޕްރެޒިޑެންޓްސް ކަޕުގެ ނަމުގައި ބާއްވަމުން އައިއިރު، މިއީ ރާއްޖޭގައި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ބާއްވާފައިވާ މުބާރާތްވެސް މެއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމަށް ފަހު އެކިއެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބޭއްވޭ ގޮތެއް އެފްއޭއެމަކަށް ހަމަ ނުވެއެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ނުބާއްވާނެ ކަމަށް ބައްސާމް އިއުލާން ކުރެއްވިއިރު، މެދު ކެނޑިފައިވާ ތިންވަނަ ޑިވިޝަން މުބާރާތް އަލުން ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެހެންކަމުން ހަގީގަތުގައި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރުމަކީ ކޮވިޑާ ގުޅިފައިވާ ނިންމުމެއް ކަމަށް ގަބޫލު ކުރަން ފުޓްބޯޅަ އާއިލާގެ ބައެއް މީހުން ދެކޮޅު ހަދައެވެ.

ޕްރެޒިޑެންޓްސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ ދެހާސް ސަތާރަވަނަ އަހަރުއެވެ. އެ އަހަރު މުބާރާތް ކާމިޔާބު ކުރީ ނިއުރޭޑިއަންޓެވެ. ޖެހިގެން އައި ދެހާސް އަށާރަވަނަ އަހަރު ރިޔާސީ އިންތިޚާބުން ރައީސް ޔާމީނު ބަލިވުމަށް ފަހު ޕްރެޒިޑެންޓްސް ކަޕު އެއްގޮތަކަށްވެސް ނުބާއްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް