ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
އައްމަޓީގެ މައްޗަށް 42 ދައުވާއެއް: 65 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ ފްލެޓު އެޅުމަށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ސީލައިފްގެ ވެރިޔާ އަންމަޓީގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަަށެވެ. 

ޕީޖީން ވަނީ އޭނާގެ މައްޗަށް 42 ދައުވާއެއް އުފުލާފައެވެ. މި ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަންމަޓީގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާ އަކާއި 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއަކާއި ހަމަ އެ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 ދަައުވާއެކެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.   

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އެކަމަކު އެޕާޓްމަންޓްތައް ނުލިބި އެމީހުންނަށް އިންސާފު ނުލިބި ލަސްވާތީ އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އައްމަޓީ ހައްޔަރުކުރަން ގޮވާލާއި މީގެ ކުރިން ތަފާތު ހަރަކާތްތައް ވެސް ބާއްވާފަ އެވެ. 

ސީލައިފްގެ ހައުސިންގް ޔުނިޓުތައް އެޅުމަށް ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާ ކަމަށް ވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އިއުލާންކުރި އެ މަޝްރޫއުގައި ސީލައިފުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުކޮށް ފައިސާ ނެގުމުގެ ސަބަބުން ގެއްލުންވި މީޙުންގެ ތެރެއިން 203 މީހަކު ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސަރުކާރުން ކޯޓުން ބޭރުގައި ނިންމީ ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތުދޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް