ads
ފޮޓޯ:މުނި އަވަސް
އަންހެނުންނާ ފޮށުން: މުޖުތަމައުގައި އާންމުވެފައިވާ ބައްޔެއް!
"ހާދަ ރީއްޗޭ"، "ނަންބަރު ދީބަލަ"، "ކޮންތާކަށް ތިދަނީ، ތި ދާތާކަށް ލާދެންތަ؟" މިއީ އާންމުކޮށް މަގުމަތީގައި ހިނގާފައިދާއިރު އަންހެން ކުދިންނާ ދިމާލަށް މަގުމަތިންދާ ފިރިހެނުން ގޮވާ ބައެއް އެއްޗެއްސެއެވެ. މިއީ މާލޭގައި ވަރަށް އާންމު ކަމެކެވެ.
"ހާދަ ރީއްޗޭ"، "ނަންބަރު ދީބަލަ"، "ކޮންތާކަށް ތިދަނީ، ތި ދާތާކަށް ލާދެންތަ؟" މިއީ އާންމުކޮށް މަގުމަތީގައި ހިނގާފައިދާއިރު އަންހެން ކުދިންނާ ދިމާލަށް މަގުމަތިންދާ ފިރިހެނުން ގޮވާ ބައެއް އެއްޗެއްސެއެވެ. މިއީ މާލޭގައި ވަރަށް އާންމު ކަމެކެވެ.

އާންމުގޮތެއްގައި މިފަދަ ކަންތައްތަކާ ކުރިމަތި ލަނީ ޅައުމުގެ ކުދިންނަށާއި ޒުވާން އުމުރުގެ ކުދިންނަށް އަދި މެދު އުމުރުގެ އަންހެނުންނަށެވެ. ބައެއް މީހުން އެއީ އެމީހަކު ލާ ހެދުމެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނެތް ކަމެއް ކަން އެފަދަ ކަންކަމާ ދިމާވެފައިވާ ފަރާތްތަކުން ބުނެއެވެ.

ޒުވާން އުމުރު ފުރައިގެ ފިރިހެނުންގެ އިތުރުން އުމުރުން ދޮށީ ފިރިހެނުން ވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރެއެވެ. އެގޮތުން މަގުމަތިން ހިނގާފައިދާއިރު ގަސްތުގައި އުމުރުން ދޮށީ ފިރިހެނުން އަންހެނުން ގައިގައި ޖެހޭ މައްސަލަ އަކީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ.

ބައެއް އަންހެނުންގެ ޝަކުވާތައް:

"އޮފީހުން އަންނައިރުގެ މަގުގެ ކަންމަތީގައި ތިބޭ ފިރިހެން ކުދިން ވަރަށް ބަލާނެ، ލަވަ ވެސް ކިޔާނެ، ވަރަށް ފާޑު ފާޑު އެއްޗެހި ބައެއް ފަހަރު ކިޔާނެ، ލަދުވެސް ގަނޭ، ރުޅިވެސް އާދޭ، އެކަމަކު އެމީހުންނާ ފަސް އެނބުރި ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ" ސީއެންއެމް އާ ވާހަކަ ދައްކަމުން އަންހެނަކު ބުންޏެވެ.

"މަގުމަތިންދާއިރު ހަމަ ގަސްތުގައި ޖެހޭ މީހުންވެސް އުޅޭ، ހަމަ އަންނާނީ ގަޔާ ދިމާލަށް، ހާއްސަކޮށް ބޮޑެތި ފިރިހެނުން، ވަރަށް ރުޅި އާދޭ އަސްލު،" އިތުރު މީހަކު ބުންޏެވެ.

"އިއްޔެ ވެސް ފިރިހެނަކު ފަހަތުން އައި ގެއާ ހަމައަށް، ވަރަށް ބިރުގަތް، ހަމަ ނަން އަހާ، ފޯނު ނަބްރަު އަހާ، ލަދުން ހަލާކުވި ފަހަތުން އަންނާތީ، އެކަމަކު ކިއްކުޜާނީ ވަކިން އެކަނި ދާތީ އަންހެނުންނަށް ދިމާވާ ކަންކަންމީ ހަމަ" އިތުރު އަންހެނަކު ބުންޏެވެ.

"މިއީ ރާއްޖޭގައި މިހާރު ބޮޑުވެއްޖެ މައްސަލައެއް، މަގުމަތިން އެކަނި ހިނގާފައި ނުދެވޭނެ ފިރިހެނުން ފޮށޭތީ، ބައެއް ފަހަރު ގައިގައި އަތްލަން ވެސް އުޅޭނެ، މިކަން ހުއްޓުވަން ޖެހޭ އެބަ" އިތުރު އަންހެނަކު ބުންޏެވެ.

ތަފާސް ހިސާބުތައް:

ދެހާސް ފަނަރަ ވަނަ އަހަރު ނުފޮށޭ ކެންޕެއިން އިން ހެދި ސާވޭއަކުން ދައްކާގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުންނަށް ފުރަތަމަ ފުރައްސާރަ ލިބިފައިވަނީ އުމުރުން 14 އަހަރުގެ ނުވަތަ 14 އަހަރަށް ވުރެ ދަށުގެ އުމުރު ފުރައިގައެވެ.

އޭގެ އިތުރުން އުމުރުން 15 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން 26.8 އިންސައްތަ މީހުން، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެފައިވާއިރު އުމުރުން 18 އަހަރާއި 20 އަހަރުގެ މީހުންގެ ތެރެއިން 8.5 އިންސައްތަ އަކީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހުނެވެ. އަދި އުމުރުން 21 އަހަރު އަދި އެއަށްވުރެ މަތީގެ މީހުންގެ ތެރެއިން 3.7 އިންސައްތައަކީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހުންކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމައެހެންމެ 89 އިންސައްތައަކީ އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ނުކުރާ މީހުންކަމަށް ސާވޭއިން ދައްކަ އެވެ.



ގަވައިދުގައި ބުނަނީ ކީކޭ؟

ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަންކަން ބަޔާން ކުރާ މާއްދާ އެވެ. އޭގެ ދަށުން އުފުލޭ ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާއްމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އަދި ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އެވެ.

އެއިން ކުށެއް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ނުވަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ތިން މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

"އެމީހުންނަށް އަބަދު ދިނުން" މިއީ ގިނަ އަންހެނުން އެކަން ހައްލުކުރުމަށް ކުރެވޭނީ ކޮން ކަމެއްތޯ އެހުމުން ދިން ޖަވާބެވެ. މިއީ ދޮގު ވާހަކަ އެއް ނޫނެވެ. ނަމަވެސް އެމީހުންނަށް ހައްގު އަދަބު ދެވޭނީ އެމީހުން ފޮށޭ ވަގުތު ބިރުން އެތަނުން ދުވެ ފިލައިގެނެއް ނޫނެވެ. އެކަން ފުލުހުންނަށް ވަގުތުން ރިޕޯޓުކޮށްގެންނެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ މަގުމަތީގައި މީހުންނާ ފޮށުމުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމުން އެފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުޜާ ކަމަށެވެ. އަދި ހެކި ލިބޭ މައްސަލަތައް ދައުވާ ކުރަން ޕީޖީއަށް ފޮނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ބާވަތުގެ ކުށްތަކަށް ފިޔަވަޅު އަޅަނީ 16/2014 ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދަށުން ކަމަށާއި ގާނޫނު އުގޫބާތުގެ 615 ވެސް އަމަލުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގުމަތިން ފޮށުން ހުއްޓުވުމަށް އަމިއްލަ ފަރުދީ ޒިންމާ ވެސް ނެގޭނެއެވެ. އެގޮތުން މީހަކަށް ފުރައްސާރަ ކުރާ މަންޒަރު ފެނުމުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެއެވެ. އަދި މުޖްތަމައު ހޭލުންތެރިކުރުމަށްޓަކައި ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭ ވާހަކަތައް ދެއްކިދާނެއެވެ.

މިއީ އަމިއްލައަށް ކުރެވޭނެ ކަންކަން ކަމުގައި ވިޔަސް އަންހެނުންނާ ދިމާކޮށް އެއްޗެހި ގޮވާ މައްސަލަ އަކީ ހައްލުކުރަން ޖެހިފައިވާ ބޮޑު ބަލިމަޑުކަމެކެވެ. އެކަމަށް ފަރުވާއެއް ހޯދުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާ ކުރަން ޖެހޭނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް