ads
ޝަކުވާ
އިމާޒު ދިޔުމުގެ ހުއްދަ ނަސީމާ ދިނެވެ. އަޒްކާއާއި ހައްޔާނަށް އެކަނި ހޭދަކޮށްލަން ފުދޭވަރެއްގެ ވަގުތުކޮޅެއް ލިބިދާނެކަމަށް ލަފާކޮށްފައެވެ. އަދި އިމާޒުގެ ފަހަތުން ނުކުތީ އޭނާގެ މޮޅު ރޭވުމުގެ ނަތީޖާ ދެކިލާ ހިތުންނެވެ.
ޝަކުވާ - (6 ވަނަ ބައި)

އިމާޒު ދިޔުމުގެ ހުއްދަ ނަސީމާ ދިނެވެ. އަޒްކާއާއި ހައްޔާނަށް އެކަނި ހޭދަކޮށްލަން ފުދޭވަރެއްގެ ވަގުތުކޮޅެއް ލިބިދާނެކަމަށް ލަފާކޮށްފައެވެ. އަދި އިމާޒުގެ ފަހަތުން ނުކުތީ އޭނާގެ މޮޅު ރޭވުމުގެ ނަތީޖާ ދެކިލާ ހިތުންނެވެ.

ހައްޔާން އެކަނި ކޮފީ ބޯން އިންތަން ފެނުމުން ނަސީމާއަށް ޗޮކެއް ކަނޑާލެވުނެވެ. އެ އަޒްކާ ވެސް ފިލްމް ބަލަން ހުންނަނީ މާ ފޯރިއެކެވެ. އަދިވެސް ހުންނަނީ ޅަކުދިންގެ ޚިޔާލެވެ. އެއްޗެއް ވިސްނޭނީ ކޮން ދުވަހަކުން ކަމެއް ވެސް ނޭނގެއެވެ. އެހާ ވަރުން އިމާޒު ހިފަހައްޓައިގެން މި ކުރެވުނީ ބޭކާރު މަސައްކަތެއް ކަން އެނގުމުން މުޅި މީހާގެ މޫޑު ޚަރާބުވެއްޖެއެވެ. ގުރޫޕު މީހުން ނޫޑްލްސް ކައްކައިގެން އުޅޭ ތަނަށް ވެސް ނުގޮސް މަޑުކުރުމުން ވީ ފައިދާއެއް ނެތެވެ. އެކަމަކު އަދި ހިތްވަރު އެލުވައިލާކަށް ނަސީމާ ބޭނުމެއް ނޫނެވެ. އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ހޯދައިގެން ނަމަވެސް އޭނާ މިކަންތައް ކާމިޔާބު ކުރާނެއެވެ.

ހައްޔާންގެ އަތް ފޮޅުވާލައިފައި ދުވެފައި ބަދިގެއަށް ވަތް ނަވްޔާގެ ހިތުގެ ވިންދު އަދިވެސް ހަމައަކަށް ނޭޅެއެވެ. ދެ އަތް ޖޯޑުކޮށްލައިގެން ހުރެ ފާރުގައި ބުރަކަށި ޖައްސާލުމަށް ފަހު ނަވްޔާ ލޯ މަރައިލިއެވެ. ހައްޔާންގެ އަތުގެ ބީހުން އަދިވެސް އިހުސާސް ކުރެވޭ ކަހަލައެވެ. ލޯބީގެ އޮއިވަރުގައި ޖެހި، ބެހެމުން ދިޔަ ނަވްޔާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ނިދަން ވަނުމުގެ ކުރިން ފެން ބޯންވެގެން ކާގެއަށް ދިޔަ ނަސީމާއަށް ބަދިގެތެރޭގައި ނަވްޔާ ހުރިހެން ހީވެގެން ބޯދިއްކޮށް ބަލައިލިއެވެ. ނަވްޔާ ހުރި ގޮތުން ޝައްކުވެ ހިތުގައި ނުތަނަވަސް ކަން އުފެދުނެވެ. ފިލްމު ބަލަން ކެތްނުލަވާފައި ހުރި އަޒްކާ، ނަވްޔާއާ ކޮފީހަދަން ހަވާލުކޮށްފައި ދިޔައީކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. އެ ފުރުޞަތުގެ ބޭނުން ނަވްޔާ ރަނގަޅަށް ހިފީއެވެ. ވެގެން ދިޔަ ގޮތް ތަޞައްވަރުކުރެވުމާ އެކު އައި ރުޅިން ނަސީމާގެ ލޭ ކެކިގަތެވެ. އަޅާފައި ހުރި ފެންތަށި ހިފައިގެން ދިޔަ ގޮތަށް ނަވްޔާގެ މޫނުމައްޗަށް ޖެހިއިރު މުޅި މީހާ ތުރުތުރު އަޅައެވެ.

ސިއްސައިގެން ގޮސްފައި ލޯ ހުޅުވުނު ވަގުތު ނަސީމާގެ ރުޅިވެރި މޫނު ފެނުމުން ނަވްޔާގެ ހިތް ބިރުން ރޫރޫ އަޅައިގަތެވެ.

"މިހިރަ ހަރާން ދަރިޔާ، ހަނދާން ނެތުނީތަ ކަލޭތީ ކާކު ކަން؟ މާ ހިތް މޮޅުވެގެން ހައްޔާންގެ ފަހަތުން ނުނެއްޓިގެން ތި އުޅެނީ؟ އެ މީހުންނަކީ މިރަށުގެ އެންމެ ޤަދަރުވެރި ޢާއިލާކަން ނޭނގެނީތަ؟ އެ މީހުން ދުވަހަކުވެސް ތި ކަމަކަށް ޤަބޫލެއް ނުވާނެ. ނޫނީ އަމާ އުޅުނު ވައްތަރަށް އުޅެންތަ ތި އުޅެނީ؟" ނަސީމާގެ ދަތްކުނޑިވިކާފައި ބުންޏެވެ.

ވޭނުން ފުރިގެންވީ ބެލުމަކުން ނަސީމާއާ ދިމާއަށް ބަލައިލިއިރު ނަވްޔާގެ ދެ ލޯ ކަރުނުން ފުރި ބާރުވެއްޖެއެވެ. ކުރިން ވެސް ތެމިފައިވި މޫނުން ކަރުނައިގެ ތިކިތައް ފައިބަމުން ދިޔަ ނަމަވެސް ނަސީމާގެ ހިލަ ހިތަށް އަސަރެއް ނުކުރިއެވެ.

"ދައްތާ، އަހަރެން .." ނަވްޔާގެ އަޑުގައި ވެސް ވަނީ ވޭނާއި ރިހުމެވެ.

"ކޮން ދައްތަ އެކޭ ކިޔާކަށް. މިހާރު މޫނުމަތީގައި ޒުވާބު ވެސް ކުރަން ފެށީތަ؟" ނަސީމާގެ އަޑު ބާރުވިއެވެ.

ނަސީމާ އައި ރުޅިން ނަވްޔާގެ ކޯ ކަށިގަނޑަށް ފިތާލުމަށް ފަހު ގައިގެ ހުރި ބާރެއްލާފައި ކޮއްޕައިލިއެވެ. ގުޅައަކަށް ގޮސް ބިން މައްޗަށް ޖެހެނު ވަގުތު ވީ ތަދުން ނަވްޔާއަށް ރޮވެން ފެށުނު ނަމަވެސް ނަސީމާގެ ހިތް ފުރުނުހެންނެއް ހިޔެއް ނުވެއެވެ. ގާތަށް އައިސް އިސްތަށިގަނޑުގައި ހިފާފައި ނަވްޔާގެ ބޯ ގަދަކަމުން އުފުލައިލިއެވެ. އޭރު ގިސްލެވެމުން ދިޔަ ނަވްޔާގެ މޫނުމަތީގައި ނަސީމާ ހިފިތަން ރަތްވެފައި ވެއެވެ.

"ކަލޭ މީގެ ފަހުން ރޭގަނޑު އެ ފަރާތަށް ނުދާތި. އެހެން ނޫނީ މަގޭ ހުރި ނުބައިކަން ދައްކާލަނަން." ނަވްޔާއަށް އިންޒާރު ދީފައި ނަސީމާ ނުކުތެވެ.

ހިތްވަރުކޮށްފައި ތެދުވެ ނަވްޔާ ކޮޓަރިއަށް ގޮސް އެނދުމައްޗަށް ވެއްޓި ގަތެވެ. ބާލީހެއްގައި ބައްދާލައިގެން އޮވެ ހިތުގައިވާ ޝަކުވާތަކާއި ގިލަންތައް ކަރުނައިގެ ސިފައިގައި ބޭރު ކުރަމުން ދިޔައީ ގިސްލަގިސްލާފައެވެ.

ތެދެކެވެ. ނަވްޔާއަކީ ބައްޕަ ނެތް ކުއްޖެކެވެ. ނަމަވެސް އޭގައި އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ ދުނިޔެއަށް އުފަންވުން ހެއްޔެވެ؟ މަންމައަށް ކުރެވުނު ކުށެއްގެ ސަޒާ މުޅި އުމުރަށް ވެސް ނަވްޔާ އުފުލަން ޖެހޭނެ ހެއްޔެވެ؟ އެއީ ކޮންފަދަ އިންސާފެއް ހެއްޔެވެ؟

ހިތާހިތާ ކިތަންމެ ޝަކުވާއެއް ކުރެވެމުން ދިޔަ ނަމަވެސް ނަސީމާއްތަ ދެއްކި ވާހަކަތަކަކީ ތެދެވެ. އެއީ ނަވްޔާގެ ދިރިއުޅުމުގެ ހިތި ހަޤީޤަތެވެ. ހައްޔާން ފެންނަ ވަގުތު ހިތް އޮޔާ ގޮސް ސިކުނޑީގެ އިންޒާރަށް ސަމާލުކަމެއް ނުދެވުނު ނަމަވެސް އެ ދެ މީހުންގެ ގުޅުމަކަށް އެގޭ މީހުން މަރުހަބާ ނުކިޔާނެ ކަން ނަވްޔާއަށް އެނގެއެވެ. ހައްޔާންގެ ހުރި ހަމަ އެކަނި ކޮއްކޮ ހުޔޫންއަކީ އޭގެ ހެއްކެކެވެ. ސްކޫލްގައި އުޅުނު ދުވަސްތަކުގައި އެހެން ކުދިން ނަވްޔާ ބާކީކޮށް އެކަހެރި ކުރުމުގައި ވެސް އިސް ދައުރެއް ކުޅުނީ ހުޔޫންއެވެ. ނަވްޔާގެ ފަހަތުން އެ ނަން ކިޔަމުން ހިނގާ ގްރޫޕްގެ އެންމެ އިސް ކުއްޖަކަށް އަބަދުވެސް ހުންނަނީ ހުޔޫންއެވެ.

ކުރީ ކޮޅުގައި ކުދިން އެހެން ކިޔާފައި މަލާމަތް ކުރާތީ މަންމަދެކެ ވެސް ނަވްޔާއަށް ރުޅި އާދެވެއެވެ. ހަރީރާއްތަ ގާތަށް ގޮސް އެ ޝަކުވާތައް ކުރެވެއެވެ. ނަމަވެސް ހަރީރާއްތަ ކެތްތެރިކަމާ އެކު ނަވްޔާއަށް ވިސްނައިދެއެވެ. މަންމަގެ ރަނގަޅު ވާހަކަ ކިޔައިދެއެވެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެކަމާ ތެދުވެރި ހިތަކާ އެކު ތަޢުބާވުމުން މާތްﷲ ފާފަ ފުއްސަވާނެ ކަން ބުނެދެއެވެ.

ނަވްޔާގެ ހަނދާނުގައި ހަރުލާފައިވަނީ ވެސް މަންމަގެ ރަނގަޅު ސިފަތަކެވެ. ނަމާދު ކުރާ ކޮންމެ ފަހަރަކު ދުޢާ ކުރާ އިރު އެ މަންމަގެ ލޮލުން ކަރުނަ އޮހޮރޭ ތަން ނަވްޔާއަށް ފެނިފައިވެއެވެ. ދުވަހަކު ވެސް މީހެއްގެ ނުބައި ވާހަކައެއް ނުދައްކައެވެ. މީހަކު ކިތަންމެ އެއްޗެއް ކީ ނަމަވެސް އަޑު އުފުލާ އެކައްޗެއް ވެސް ނުބުނެއެވެ. އަބަދުވެސް ބޮޑުބެގެ ވެސް ރަނގަޅު ވާހަކަ ނޫނީ ނުދައްކާނެއެވެ. މަންމަ ބަލާ ބޮޑު ކުރީ ބޮޑުބެ ވަރަށް ލޯބިންކަމުގައި ނަވްޔާއަށް ކިޔައިދީ ހަދައެވެ. ބޮޑުބެގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް މަންމަގެ ލޯ ކަރުނައިން ތެމެއެވެ.

އެއް ދުވަހަކު ނަވްޔާގެ ބޯ ފުނާ އަޅައި ދޭން އިނދެފައި މަންމަގެ އަތް މަޑު ޖެހުމުން ނަވްޔާ ފަހަތަށް އެނބުރި ބަލައިލިއިރު މަންމަ އިނީ ދުރު ބަލަހައްޓައިގެންނެވެ. ނަވްޔާ ކިހިނެއްވީ ތޯ އެހުމުން ބޮޑުބެ މަތިން ހަނދާންވީ ކަމުގައި ބުންޏެވެ. އަދި ހީނލާފައި ނަވްޔާގެ ބޮލުގައި އަލުން ފުނާ އަޅައިދެމުން ކުޑައިރު ބޮޑުބެ މަންމަގެ ފުނާ އަޅައިދޭ ވާހަކަ ބުންޏެވެ.

"މަންމާ، ކީއްވެ ދެން މިހާރު ބޮޑުބެ ވާހަކަ ނުދައްކަނީ؟" ނަވްޔާ އެހިއެވެ.

"ބޮޑުބެގެ ބަސް ނާހާ އުޅެވުނީ. މަންމައަށް ގޯސް ކަމެއް ކުރެވުމުން ބޮޑުބެ ރުޅި އައީ. އެކަމަކު ކޮންމެ ވެސް ދުވަހަކުން އަދި ބޮޑުބެ ވާހަކަ ދައްކާނެ. މަންމަ ދެކެ ބޮޑުބެ ވަރަށް ލޯބިވާނެ." މަންމަގެ އަޑު ކުރެހުނެވެ.

އެކަމަކު މަންމަ ދުނިޔެ ދޫކޮށް ދިޔައީ އެ ދުވަސް ނުފެނިއެވެ. އެންމެފަހު ވަގުތު ވެސް މަންމަގެ އެދުމަކަށްވީ ބޮޑުބެ ދެކިލުމެވެ. ނަމަވެސް މަންމަގެ އެންމެފަހުގެ އެދުން ވެސް ނަވްޔާއަށް ފުރިހަމަކޮށް ނުދެވުނެވެ. މަންމަ މަތިން ހަނދާންވާން ފެށުމުން ނަވްޔާއަށް އަދި މާ ބޮޑަށް ރޮވެން ފެށުނެވެ.

ރޮއިރޮއި ވަރުބަލިވެ ނިދެމުން ދަނިކޮށް ފޯނަށް މެސެޖެއް އައި އަޑު އިވިގެން ނަވްޔާ ހައިރާންވެފައި ފޯނު ބަލައިލިއެވެ.

"އައި ކާންޓް ސްޓޮޕް ތިންކިންގް އަބައުޓް ޔޫ." މެސެޖްގައި ލިޔެފައި އޮތެވެ.

ކާކު ބާވައޭ ހިތަށްއަރާފައި ފޯނު ބާއްވަން އުޅެނިކޮށް އަނެއްކާ އަނެއް މެސެޖް އައެވެ.

"އަތަށް ފަރުވާ ލިބިއްޖެއެވެ. ދެން މި ހިތަށް ފަރުވާ ލިބޭނީ ކޮން އިރަކުން ހެއްޔެވެ؟"

"ހައްޔާން." ވައި އަޑުން ނަވްޔާއަށް ކިޔާލެވުނެވެ.

ހައްޔާނަށް ނަވްޔާގެ ފޯނު ނަންބަރު އެނގުނީ ކިހިނެއްބާވައެވެ؟ ކޮންމެގޮތަކުން ލިބުނު ކަމުގައިވީ ނަމަވެސް އެ މެސެޖު ކިޔައިލި ވަގުތު ނަވްޔާ ހަށިގަނޑުގައި އުފާވެރިކަމުގެ ރާޅު ބާންޏެއް ދަތުރު ކޮށްލިއެވެ. ނަމަވެސް ހަމަ އެ ހިނދުމެ ފޯނު ދުރަށް ޖައްސާލާފައި ލޯ މަރައިލީ ނަސީމާގެ އަޑު ސިކުނޑީގައި ގުގުމަމުން ދިޔައީތީއެވެ.

ހަށިގަނޑު ކިތަންމެ ލޮޑުވެ، ސިކުނޑިއަށް ބަރުވެފައިވީ ނަމަވެސް ހައްޔާންގެ މެސެޖްތަކުން ނަވްޔާގެ ނިދި މުޅިން ފިލައިފިއެވެ. ހައްޔާންގެ ހަނދާންތަކުން ނަވްޔާގެ ސިކުނޑި ހިސާރުކޮށްފިއެވެ. ހައްޔާންގެ ނަން އެންމެ ފުރަތަމަ އެ ހިތުގައި ފެވުނީ މީގެ ހަތަރު އަހަރު ކުރިންނެވެ.

އެއީ ނަވްޔާ މެން އޯ.ލެވެލް ހެދިތާ ދުވަސްކޮޅެއް ފަހެވެ. ފަރްހާގެ ދައްތަގެ ކައިވެނި ޕާޓީއަކަށް އަޒްކާއާ އެކު ނަވްޔާ ދިޔައީ ފަރްހާ އާދޭސް ކުރި ވަރުންނެވެ. ޕާޓިއަށް ރަށުގެ ސްކޫލް ޒީނަތްތެރި ކުރެވިފައި ވަނީ ނުހަނު ފުރިހަމައަށެވެ. ކަށިމައްޗާއި ހަމައަށް އަރާ މަޑު ނޫކުލައިގެ ހެދުމެއްގައި ނަވްޔާގެ ހުރިއިރު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިފައި ވެއެވެ. އެއްވެސް ކަހަލަ މޭކަޕެއް ކޮށްފައި ނެތުމުން ނަވްޔާ ފެންނަނީ ނުހަނު ސާދާކޮށެވެ.

އާއިލާ މީހުންނާ އެކު ފަރްހާ ފޮޓޯ ނެގުމުގައި އުޅެން ފެށުމުން ނަވްޔާމެން ކާ އެއްޗެހި އަޅައިގެން ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ބަރިއެއްގައި އިށީނެވެ. ކާން އިނދެފައި ފެންތައްޓެއް ބަލާ އަޒްކާ ދިޔަ ވަގުތު ކައިރީގައި ހުރި ގޮނޑިއެއްގައި މީހަކު އިށީންހެން ހީވެގެން ބަލައިލިއިރު ހައްޔާނެވެ. ނަވްޔާގެ ހާލު ކިހިނެއްތޯ އަހައިލުމަށްފަހު އެކިއެކި ވާހަކަދައްކަން ފެށިއެވެ. އޭރު ނަވްޔާގެ އަތްފައި ފިނިވެފައި ވެއެވެ. ދެކެ ފަރިތަ ނަމަވެސް މީގެ ކުރިން ދުވަހަކު ވެސް ހައްޔާން އަނގައިން ބުނެފައެއް ނެތެވެ.

ރަށުގެ ގިނަ ފިރިހެން ކުދިންގެ ނަޒަރު ނަވްޔާއަށް ހުއްޓޭ ތަން ފެނި ހަސަދައިން ފޯވެފައ ތިބި ހުޔޫންމެންގެ ގްރޫޕްގެ ކުއްޖަކަށް މި މަންޒަރު ފެނުނެވެ.

"ހުޔޫނަށް ވެސް ފަހަރިއެއް ލިބެން އުޅެނީ ކަންނޭގެ." ހުޔޫން ރުޅި އަރުވާލުމުގެ ނިޔަތުގައި ހައްޔާނާއި ނަވްޔާ ދައްކާލާފައި ޖަޒްވާ ބުންޏެވެ.

"ހަމަ ހިލާ ތިކަން ވިޔަކަ ނުދޭނަން. ބަލާބަލަ، ފޮނިވެފަ އިން ވައްތަރު. ތިމާހާ ރީތި މީހަކު ނެތިގެން އުޅޭހެން ހީވަނީ. ހާދަ ރުޅި އާދެއޭ. މި ރޭ ހަނދާން ހުންނަވަރުގެ ލަނޑެއް ދޭންވާނެ." ރުޅި އައިސް ރަތްވެ އިނދެ ހުޔޫން ބުންޏެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް