ads
މިޝްކާ
ބަލި ހާލަތުގެ ސަބަބުން ވަމުންދިޔަ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވުނު
އުމުރުން އެންމެ 10 އަހަރުގެ ކުޑަކުޑަ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އެޗްއީއޯސީގެ އިހުމާލު އޮތް ކަމަށް ނިޔާވުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު އާއްމު ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ކުއްޖާގެ ސާމްޕަލް ނެގުމާއި ހަމައިން މަރުވުމާއި ހަމަޔަށް ކަންް ހިގާފަ ވާގޮތްވެސް ތަފްސީލްކޮށްދީފައިވާއިރު ލޯބިލޯބި މައުސޫމު ފުރާނައެެއް ނެތި ދިޔަ ގޮތުގެ ހިތްދަތި ވާހަކަތައް މިތަނުގައި މިއަދު ލިޔަން މިޖެހުނީ އެ ފުރާނަ ސަލާމަތްކޮށްދެވެން އޮތް ބަޔަކު އެކަމުގައި ކުއްޖާއަށްވީ ބޮޑު އިހުމާލުގެ ވާހަކަވެސް ގެންނަމުން ލަދުވެތިވާ ހާލުގައެވެ.

ކޮވިޑް-19ގެ އަލާމާތްތައް ފެނަން ފެށުމުން މިދިޔަ މޭމަހުގެ 28ވަނަދުވަހު ނެގި ސާމްޕަލް 29 ވަނަ ދުވަހު ޓެސްޓުކުރެވުނުއިރު، ޖެހިގެން އާ 30 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިން ޓީމުން މިޝްކާގެ ބެލެނިވެރިޔާއަށް ގުޅާ ދިން ހަބަރަކީ މިޝްކާ ޕޮޒިޓިވްވެފައިވާކަމެވެ.

ޕޮޒިޓިވްވުމާއި ގުޅިގެން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ؟ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން، މިޝްކާގެ އުމުރުގެ ހަގުކަމާއި، މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. ކޮންޓެކްޓް ޓްރޭސިން ޓީމުން ފުރިހަމަކުރަންޖެހޭ މައުލޫމާތު ޝީޓުގައި އެކަން ރެކޯޑްކުރި ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ތަހުގީގީ ރިޕޯޓުން ދައްކައެވެ.

ކޮވިޑަށް ޕޮޒިޓިވްވާމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލު ހަމަޖެހިފައިވާގޮތުން، ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. އެހެން ނަމަވެސް، ޕޮޒިޓިވްވެގެން ނިޔާވުމާއި ހަމަޔަށް ހޭދަކުރި ދެދުވަހުގެ ތެރޭގައިވެސް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްނުދެވުނުތާ، ކެއާ ކްލަސްޓާގެ ފަރާތުން މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާލާފައިވެސް ނުވެއެވެ. 

31 މޭ(މިޝްކާގެ ހާލަތު ގޯސްވިދުވަހު) ކަން ހިނގީ ކިހިނެތް؟ 

މިދުވަހަކީ މިޝްކާގެ ހާލަތު ވަރަށް ރަނގަޅަށް ހުރުމަށްފަހު ކުއްލިއަކަށް ގޯސްވި ދުވަހެވެ. މަރުވުމާއި ހަމަޔަށް ކުރި ކުރު ދަތުރުގައި މިޝްކާގެ ހުން ގަދަވާންފެށީ އެދުވަހު މެންދުރު 14:20 ހާއިރުއެވެ. އޭރު އެއްވެސް ކާއެއްޗެއް ނުކެވެއެވެ. އެޔާއެކު ވަރުބަލިވެ، ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާވަނީ ކޯލް ސެންޓަރަށް ގުޅާ ހިއްސާކޮށްފައެވެ.

ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް އެދުވަހުގެ 15:35 ހާއިރު ގުޅާ، މިވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިއަށް ގެންދިޔުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ލަފާދެއްވާފައިވެއެވެ.

އެޔަށްފަހުވެސް މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށް އަލުން އެރޭ 21:06 ގައި ގުޅާފައިވެއެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި، ނޭވާލާން އުނދަގޫވެ، އަތްތަޅުވާ ހަދާކަމަށް ބުނެ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

ތަހުގީގީ ރިޕޯޓުގައި ވާގޮތުން 21:53ގައި މިމައުލޫމާތާ ގުޅިގެން ޖީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރިނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އަދި ޑީއެމްއާރްޓީގެ ޑޮކްޓަރު ކުރި ކޯލް މިސްވެފައިވާތީ ކޯލް ސެންޓަރަށް ބެލެނިވެރިޔާ އަލުން 22:06ގުޅާ،  މިޝްކާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް މައުލޫމާތުދީފައިވެއެވެ. އެ މައުލޫމާތު ދިން ނަމަވެސް ޑޮކްޓަރަކާއި އަލުން ގުޅުނީ 22:33ގައެެވެ.

ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްކަމާއި، ބަލި ހާލަތުގެ ސަބަބުން މިޝްކާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މައުލޫމާތު ވެސް ބެލެނިވެރިޔާ ޑޮކްޓަރަށް ދީފައިވޭ

ޑޮކްޓަރު ގުޅުމުން މިޝްކާގެ ހާލަތާ ގުޅޭގޮތުން، އެއީ ކޮވިޑް ޕޮޒިޓިވް ކޭސްއެއްކަމާއި، ނޭވާލާން އުދަގޫވާކަމާއި 1 ދުވަސް ވަންދެން، ހިކި ކެއްސުމާ (2 ދުވަސް) އަދި 6 ދުވަސް ވަންދެން ހުންއަންނަކަމާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ބޭނުންނުކުރާކަމަށް ބުނެފައިވެއެވެ. ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި މިޝްކާގެ ބަލި ހާލަތުގެ ސަބަބުން މިޝްކާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މައުލޫމާތު ވެސް ބެލެނިވެރިޔާ ޑޮކްޓަރު ދީފައިވެއެވެ. އެ މައުލޫމާތު ނޯޓްކޮށް އެމައުލޫމާތު ޑޮކްޓަރު ފޮނުވާފައިވަނީ އުސޫލުގެ ދަށުން ސީމެޓަށެވެ. އަދި އެ ކޭސްއަށް އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ޑީއެމްއާރްޓީއާއި ސީމެޓަށްވެސް އެމައުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް މިޝްކާ ނެގުމަށް އެގެޔަށް ދާން އަންގާފައިނުވާކަން ވެސް ރިޕޯޓުން ދައްކައެވެ. 

އެމްބިއުލާންސް ފޮނުވާފިކަމަށް ބުނެ ކޯލް ސެންޓަރުން ހެދީ ދޮގު:

އެއަށްފަހު 23:16 އިން ފެށިގެން 23:33 ދެމެދު އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. އެތަނުން އެއް ކޯލްގައި މިޝްކާގެ ހާލު ދައްވަމުންދާކަމާއި، ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަންނަކަމަށް ބުނެފައިވެއެވެ. އެ ފަސް ކޯލުގައިވެސް، ޖަވާބުދެމުން ކޯލް ސެންޓަރުން ބެލެނިވެރިޔާ ގާތު އެމްބިއުލަންސް ފޮނުވިފައިވާކަމަށް ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް އެމްބިއުލަންސް އެކްޓިވޭޓްކޮށް އެގެއަށް ފޮނުވާފަވެސް ނުވާކަން ތަހުގީގު ރިޕޯޓުން އެގެއެވެ. 

މިއިން ކޮންމެ ފަހަރަކު އެމްބިއުލާންސް ދާނެކަމަށް ބުނި ނަމަވެސް ނާންނާތީ ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު 23:25ގައި ވެސް ގޮސް އެކަން އަންގާފައިވެއެވެ. އެހެންނަމަވެސް އެމްބިއުލަންސްއެއް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކޯލްސެންޓަރުން އީއެމްއެސްއަށް އަންގާފައިވަނީ 23:32ގައެވެ. އޭގެ އަށް މިނެޓުފަހުން އެމްބިއުލާންސް އާއިރު އެކުޑަކުޑަ ފުރާނަކޮޅުވަނީ ވަރުބަލިވެ މުޅިންހެން ހުއްޓިފައެވެ. 

ވަގުތުން ސީޕީއާރުދީ 23:42ގައި ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފެށުނުނަމަވެސް އިތުރު ވޭނެއް ތަހަންމަލުކުރަން އެކުޑަކުޑަ ފުރާނަ ބޭނުން ނުވި ކަހަލައެވެ. “ދެން ނުވާނެއޭ”ބުނި ކަހަލައެވެ. ކުޑަކުޑަ އެންމެ ވިންދަކާއިއެކީ ދުނިޔެއާއި އަލްވަދާއު ކީ 12:10ގައެވެ. 

މިއީ ހަމައެކަނި ހުރި ދެލޯފަދަ ދަރިފުޅުގެ ހާލުދެރަވެ، ހާދާނެ އިތުރުގޮތެއް ނެތި ތެޅިފޮޅުނު މިޝްކާގެ މައިންބަފައިން ކުއްޖާ ސަލާމަތްކުރެވޭތޯ ކުރި ހިތްވަރެވެ. އެހެންނަމަވެސް މިޝްކާގެ ބެލެނިވެރިޔާ އެތައް ފަހަރަކު ތަކުރާރުކޮށް އެމްބިއުލާންސް ފޮނުވުމަށް އާދޭސްކުރިއިރު، ފޮނުވާފަވާކަމަށް ދޮގު ހެދުމުގެ ބޭނުމަކީ ކޮބައިކަމެއް ހަމަ އެެއްގޮތަކަށްވެސް ނުވިސްނުނެވެ. އެމްބިއުލާންސްތައް ބިޒީވެ ލަސްވާނެނަމަވެސް ރީތިކޮށް ކަން އޮތްގޮތް ސާފުކޮށްލަ ދިންނަމަ އެހެން ގޮތަކުންވެސް ކުއްޖާ ހޮސްޕިޓަލަށް ގެންދެވޭތޯ މަސައްކަތްކުރަން ބެލެނިވެރިޔާއަށް އެގުނީސްކަން ކަށަވަރެވެ. 

އެހެންކަމުން މިއީ ކުޑަކުޑަ ލޯބިލޯބި ފުރާނައަކަށްވީ ހާމަކަން ބޮޑު އިހުމާލެކެވެ. މިކަންވަނީ ރިޕޯޓުގައިވެސް ފާހަގަކޮށްފައެވެ. އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައިވީނަމަވެސް ރިޕޯޓު އާއްމުކުރުމާއި ހަމަޔަށް ފިޔަވަޅެެެއް އެޅިފަ ނުވާކަންވެސް ފާހަގަކުރެވެއެވެ.

13%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް