ads
އައްބާސް ފާއިޒް---- ފޮޓޯ: ޕީއެސްއެމް
ފަންޑުކުރި މީހުންގެ ތަހުގީގު ހިނގަމުންދާނީ އެމެރިކާގެ މާހިރުގެ ބެލުމުގެ ދަށުން: ފުލުހުން
ފަންޑުކުރި މީހުން ހޯދުމުގެ ތަހުގީގު ހިނގަމުންދަނީ އެމެރިކާގެ މާހިރުގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަުލުވުމުގައި ފަނޑުކުރި މީހުންގެ މައުލޫމާތު ސާފުކޮށްދިނުމަށް އެދުމުން ފުލުހުން ބުނެފައިވަނީ އެކަމުގެ ތަހުގީގު  އެމެރިކާގެ ތަޖުރިބާ ކާރު ބޭފުޅެއްގެ އެހީތެރިކަން ހޯދަމުންދާ ކަމަށާއި އެކަމުގައި ކުރިއެރުންތަކެއްވެސް ލިބިފައިވާ ކަމަށެވެ. 

އެހެންނަމަވެސް ފަންޑުކުރި ބަޔަކާއި ގުޅޭގޮތުން ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކުގެ ތަފްސީލެއް ހާމަކުރުމަށް ފުލުުހުންވަނީ ދެކޮޅު ހަދާފައެވެ. 

ފަންޑުކުރި މީހުން ހޯދުމަށް ކުރަމުންދާ ތަހުގީގުގައި ބޭރުގެ ތަޖުރިބާ ހުރި ފަރާތްތަކާއި ފުލުހުންގެ ތެރެއިން ހަރަކާތްތެރިވާ ފަރާތްްތަކަކީވެސް އެކަމުގެ ހަގީގަތް ހޯދުމުގެ ގާބިލުކަން ތިބި ބަޔަކަށް ވުމުން ފަންޑުކުރި މީހުން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. 

ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒްއެވެ. 

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ އިލްމުގެ ލެކްޗަރައެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެމައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި،ހަމަލާޔާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން އައްބާސް ފާއިޒް އެމަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލް އަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ހޯދާނެ ކަަމަށް ރައީސް ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް