ads
ވީޑިއޯ ރިޕޯޓް-
ނަޝީދަށް ދިން ހަމަލާއަށް ދޮޅު މަސް: ކުރިއެރުމެއް ނުލިބެނީތަ؟
ނިމިދިޔަ މޭމަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގޭ ކައިރީގައި ދެވުނު ޓެރަރިސްޓް ހަމަލާއަށް މިހާރު ދޮޅުމަސްވެގެން ދިޔައީއެވެ.

ހަމަލާއިން ލިބުނު ޒަހަމުތަކުން ސަލާމަތްވުމަށް 16 ގަނޑިއިރުގެ އޮޕަރޭޝަންއެއް ކުރައްވާ، އޭޑީކޭ ހޮސްޕިޓަލުގައި ސީރިއަސް ހާލަތުގައި އައިސީޔޫގައި އޮންނެވުމަށްފަހު ދޫކޮށްލިނަމަވެސް، ހަށިކޮޅަށް ލިބިފައިވާ ބޮޑެތި ޒަހަމުތަކަށް އިތުރު ފަރުވާ ހޯދެއްވުމަށް ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައިވެސް ފަރުވާ ހޯދަންޖެހުނެއެވެ. 

މިހާރު ފަރުވާތަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލެވިފައިވީނަމަވެސް ލިބުނު ޒަހަމުތަކުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދިވެސް ވޭންތައް ތަހަންމަލު ކުރަން ޖެހޭނެކަން ގައިމެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން އެއްބާރު ކަމުގައިވާ މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެންދިން މި ހަމަލާއާއެކު، މުޅި މާލޭ ސަރަހައްދު އެލާޓުވެގެންދިޔައިރު، ފުލުހުންނާއި، ސިފައިންގެވެސް އެލާޓު ލެވަލް އެންމެ މައްޗަށް ޖެހުނެވެ. ވަގުތުން ހަމަލާ ތަހުގީގުކުރުމަށް ހާއްސަ ކޮމެޓީތަކާއި، ފުލުހުންނާއި ސިފައިންގެ ފޯސްތައްވެސް ރުކުރުވާލެވުނެއެވެ.

ފުލުހުންގެ އިންޓަލްއާއި އެކަމަށް ހާއްސަ ޓީމާއިއެކު ތަހުގީގުގެ ދަތުރުފެށީ ހަތަރުވަނަ ގިޔަރުގައި މެކުހަށް ޖަހައިގެންނެވެ. ފުލުފުލުން ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އާއި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އާއްމުކުރަމުންދިޔަ ހާމަކަން ބޮޑު ތަފްސީލްތަކުން ނޫސްވެރިންނާއި، ބަލަންތިބިހާ ބަޔަކު ހައިރާން ކޮށްލިއެވެ. 

ނަތީޖާއެއްގެ ގޮތުން ހަމަލާދިންތާ ތިން ވަނަ އަށް ވީދުވަހު ރައީސް ނަޝީދު ހޮސްޕިޓަލުގައި އޮންނަަވަނިކޮށް ހަމަލާގެ "ޕްރައިމް ސަސްޕެކްޓާއި" އެކު ހަމަލާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވިގެން ފުލުހުން ހައްޔަރުކުރަން "ގުންފައިޖެހި" އެންމެންވެސް ހައްޔަރުކުރިއެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި މާލޭގައި އޮތްހާ ސީސީޓީވީ ފުޓޭޖަކުން ފެށިގެން ހައްޔަރުކުރެވުނު މީހުންގެ ވަނަވަރާއި، އެކަން ކުރިގޮތާއި މުއާމަލާތް ކުރިގޮތުގެ ތަފްސީލުތައްވެސް ހާމަކޮށް ނިންމާލިއެވެ. އައްސަރިބަހާ ސާބަހެވެ. ތައުރީފުގެ ބަސްތަކާއި އަތްތިލަބަޑި ޖެހިޔަސް ނުފުދޭހާ ކުރިއެރުން ހޯދިއެވެ. އެ ހަަމަލާއަކީ އެންމެ ސީރިއަސް ހަމަލާއެއްގެ ގޮތުގައި އިސްކަމެއް ދީގެން ބަލަމުން ގެންދާ މައްސަލައެއްކަން އަދި ތަހުގީގުގައި ލައްކަ ކުރިއެރުންތައް އެންމެ ހަލުވި މިނުގައި ކުރިއަށް ގެންދާކަމުގެ އިހުސާސް ކުރެވުނެއެވެ. 

އެހެންނަމަވެސް ހަމަލާގެ މެއިން ސަސްޕެކްޓުކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ހަމަލާއަށް ތިންވަނައަށްވީ މޭ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކޮށް ހަމަ އެދުވަހު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޕްރޮސިކިއުޓާ ޖެނަރަލް ވެސް ހިމެނޭގޮތައް ބޭއްވި ބައްދަލުވުމަކީ ނޫސްވެރިންނަށް ނުވަތަ އާއްމުންނަށް މިހަމަލާއާއި ގުޅިގެން މިބޭފުޅުންގެ ދުލުން އެއްޗެއް އަހާލަން ލިބުނު އެންމެ ފަހުގެ ބައްދަލުވުމެވެ. އެޔަށްފަހު ހާމަކުރަމުންދިޔަ ހާމަކަން ބޮޑު ތަފްސީލްތަކާއި ނަޝީދުގެ ހަމަލާއާއި ގުޅިގެން ކުރަަމުންދާ ތަހުގީގުތަކުގެ އަޑުމަޑުވެއްޖެއެވެ. ދޭތެރެދޭތެރެއިން "ހަރުކަށި ފިކުރުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި" މިއަޑުތައް އިވެއެވެ. އެހެންނަމަވެސް މިހާ ހިސާބަށް އާއިރު އެހެން މައްސަލަތަކެކޭ އެއްގޮތަށް ތަހުގީގަށް ހުރަސް އެޅޭކަމަށްބުނެ "އިތުރު ތަފްސީލެއް ހާމަކުރުމަށް އުޒުރުވެރިވާ" މޫސުން ފެށިއްޖެ އެވެ. 

އެޔަށްފަހު ޖޫން މަހުގެ ހަވަނަ ދުވަހަކީ އެ ހަމަލާއަށް 1 މަސް ފުރިގެންދިޔަ ދުވަހެެވެ. އޭރު ފުލުފުލުން ބާއްވަމުންދިޔަ ބައްދަލުވުންތައް ހުއްޓިފަ އޮންނަތާ މަހެއްވާން ގާތްވެފައިވަނިކޮށް ނަޝީދަށް ދިން ހަމަލާއަށް މަހެއް ފުރުނު ޖޫން މަހުގެ ހަވަނަ ދުވަހު ހަމަލާއާއި ބެހޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާކަން އިއުލާންކުރިއެވެ. އެޔާއިއެކު މިއީ ތަހުގީގުތަކުން ލިބުނު ކުރިއެރުން އަޑުއަހާލަން ލިބޭނެ ދުވަހެއް ކަމަށް ހިތާ ހުއްޓާ ސުޕްރިންޓެންޑެންޓް ބަޝީރު އަދި ސުޕްރިންޓެންޑެންޓް ޝަފީއު ބައިވެރިވެގެން ގާތްގަނޑަކަށް އެއްގަޑިއިރާއި 10 މިނިޓުގެ ދިގުމިނުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމައެކަނި ތަހުގީގުން އަޑުއަހާލަން ލިބުނު އާ ވާހަކައަކަށް އިވުނީ " މިހާތަނަށް 150 މީހެއްގެ ފަރާތުން މައުލޫމާތު އެއްކުރެވި، އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތާއި ފުލުހުންގެ އިންޓެލްައަށް ލިބުނު މައުލޫމާތުތަކަށް ބަލައި ޖުމުލަ 25 ތަނެއް ބަލާ ފާސްކޮށް 14 މީހުން ހައްޔަރުކުރެެވުނު" ވާހަކަ އެކަންޏެވެ. 

ދެން ނޫސްވެރިންނަށް ސުވާލުތަކަށް ހުޅުވާލިތަން ފެނުނުއިރު ކުރާ ކޮންމެ ސުވާލަކަށް މުޅިންވެސް އިވެމުންދިޔައީ " ތަހުގީގަށް ހުރަސްއެޅިދާނެތީ ތި މައުލޫމާތުތައް ހިއްސާކުރަން އަދި އަޅުގަނޑުމެން އުޒުރުވެރިވަން" މި ޖުމުލައެވެ. 

ސުވާލަކީ ހަމަލާ ހިގި ވަގުތުން ފެށިގެން މިއީ އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް" ކަމަށް ބުނަމުންދިޔަ މި މައްސަލަ އަށް ދޮޅު މަސް ވެފައިވާއިރު ދިޔައިރު ހާމަކުރެވޭނެ އާ މައުލޫމާތެއް ނެތީތޯ؟ އެވެ. "ހައްޔަރުކުރެވުނު މީހުން ތަހުގީގަށް އެއްބާރުލުންދޭތޯ؟" އިން ފެށިގެން "ހައްޔަރުކުރެވުނު މީހުންނަކީ ނަޝީދަށް ދިން ހަަމަލާއާއި ގުޅުންހުރި މީހުންތޯ؟" އަދި ސީސީޓީވީ ފޮޓޭޖާއި މެދު ކުރެވުނު ސުވާލަށްވެސް ޖަވާބުދީގެންވެސް ހަމަ ތަހުގީގަށް ހުރަސް އެޅެނީތޯ ކުރެވޭ ސުވާލެވެ. 

ނޫނީ " ތަހުގީގަށް ހުރަސްއެޅިދާނެތީ ތި މައުލޫމާތުތައް ހިއްސާކުރަން އަދި އަޅުގަނޑުމެން އުޒުރުވެރިވަން" މި ޖުމުލައަކީ ތަހުގީގަށް ކުރިއެރުމެއް ނުލިބުމުން ފުލުހުން ބޭނުންކުރި އަތްމަތީ ބަހެއްތޯ ކުރެވޭ ސުވާލުވެސް އެބައޮތެވެ.

މިމަހުގެ ހަވަނަ ދުވަހު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ސީދާ “ގޮއްވާލުމަށް” ޓާގެޓުކޮށް ދިން ބޮމުގެ ހަމަލާއަށް ދޮޅު މަސް ފުރިގެންދިޔައިރު، އެންމެ ހާއްސަކަމެއް ދީގެން ބަލާނެކަމަށް ބުނި މި ހަމަލާގެ “ހަތަރުކަން” ފޮރުވާ، މިއަދު ތަހުގީގީ ގިޔަރުގަައި ދަބަރުވެސް ޖަހައިފިއެވެ. ހަމަލާއަށްފަހު ދޭތެރެދޭރެއިން ހަރުކަށި ފިކުރަށް ތުހުމަތު ކުރެވޭކަމަށް ބުނެ ބަޔަކު ހައްޔަރުކުރާތަން ފެނުން ފިޔަވައި ތަހުގީގަށް ލިބުނު ކުރިއެރުމެއް ހާމައެއް ނުކުރެވުނެވެ. ފަންޑުކުރި ބަޔަކު ހޯދުމަށް ތަހުގީގު ހިންގާކަމަށާއި ކުރިއެރުންވެސް ލިބެމުންދާ ކަމަށް ބުނި ނަމަވެސް އެ ބުނާ ކުރިއެރުމެއްވެސް ހާމައެއް ނުކުރެވުނެވެ. 

 އެޔަށްފަހު ދެން ފެނުނީ އެމްޑީޕީ އެތެރެފަޅައިގެންގޮސް ސަރުކާރާއި ދެކޮޅު ވެގެންދިޔަ ތަނެވެ. ޕާޓީތެރެއިން ހަގުރާމަ ފެށުނުތަނެވެ. މުޅި ހާދިސާގެ މަންޒަރު ބަދަލުވެ، މިއީ ސިޔާސީ ޑްރާމާއަކަށްވެ ނިމެމުންދާތަނެވެ. 

އަހަރެންގެ ނަޒަރުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ސީދާ “ގޮއްވާލުމަށް” ޓާގެޓުކޮށް ދިން ބޮމުގެ ހަމަލާއަށް ދޮޅު މަސް ވެފައިވާއިރު، ސަރުކާރުން މި ތަހުގީގުގައި ކުރިއެރުން ހޯދަމުން އަންނަ މިންވަރު ރައްޔިތުންނަށް އޮޅުން ފިލުވާދެމުން ގެންދަންވާނެއެވެ. " ތަހުގީގަށް ހުރަސްއެޅިދާނެތީ ތި މައުލޫމާތުތައް ހިއްސާކުރަން އަދި އަޅުގަނޑުމެން އުޒުރުވެރިވަން" މި ޖުމުލައަކީ ރައްޔިތުންގެ ކޮންމެ ސުވާލަކަށް ދެވެންއޮތް ޖަވާބަކަށް ވާނަމަ އެއީ ތަހުގީގުގައި ކުރިއެރުމެއް ނުހޯދެނީކަމަށް ރައްޔިތުންނަށް ހީވެ ހަމަނުޖެހުންތައް ބޮޑުވެގެން ދާނެ ކަމެކެވެ. އަދި އެ ޖުމުލައަކީ މިފަދަ ބޮޑު ހާދިސާއަކަށް ދެމަސް ފުުރުމާއި ގާތަށް ދާއިރު މިހާރު ރައްޔިތުންން އަހަން ބޭނުންވާނެ ޖުމުލައެއްވެސް ނޫނެވެ.

ނަމަވެސް މި މައްސަލައިގައި ތަހުގީގީ އިދާރާތަކުގެ ބޭރުން ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީއަށް ވަނީ ގާނޫނީ ގޮތުން ބޮޑު ސުވާލަކަށް ޖަވާބު ލިބިފައެވެ. އެއީ ވަކި ވަކި ސިފައިން ފޮނުވުމަށް ދެކޮޅު ހަދަނިކޮށް ފެނުނީ ރައީސް ނަޝީދުގެ ގާތުގައި އެވަގުތު ތިބި ވަކި ވަކި ބޮޑީގާޑުން ވެސް މަޖިލީހަށް ހާޒިރު ކުރި މަންޒަރެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް