ads
މަރްހޫމް މާދިހް އިސްމާއިލް
ދިވެހި ކުޅިވަރުން ވަކިވި "ޖަވާހިރު"
އިއްޔެވެސް އޭނާ އުޅުނީ ހަމަ އާއްމު ދިރިއުޅުމުގައި މަސްއޫލުވެއެވެ. ކޮންމެ މީހަކާވެސް ހިނިތުންވެ ހުރެ ނޫނީ އަނގައިންވެސް ނުބުނާނެއެވެ. ހިތްހެޔޮ ކަމުގެ އިންތިހާއެވެ. ދީނަށް ލޯބިކުރުމުގައި އެއްވަނައެވެ. ކުޅިވަރުގެ މުޅި އާއިލާގެ އެކުވެރިއެކެވެ. އެއީ އަޅުގަނޑުމެން އެންމެނާ ކުއްލި ގޮތަކަށް ވަކިވެ ދިޔަ މ. ޖަވާހިރުވިލާ މާދިހު އިސްމާއިލްއެވެ. ދިވެހި ކުޅިވަރުގެ ޖަވާހިރެކެވެ.

މާދިހުގެ ކުއްލި ވަކިވުން ވެގެންދިޔައީ ދިވެހި ކުޅިވަރު އާއިލާއަށް ލިބުނު ކުއްލި ސިހުމަކަށެވެ. ފޫ ނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެކެވެ. މާދިހު ވަކިވުން ވެގެންދިޔައީ މުޅި ކުޅިވަރު އާއިލާއަށް އަސަރު ކުރުވިކަމަކަށެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓްރީ މަރްޒޫގު ވިދާޅުވި ގޮތުގައި މާދިހުގެ ޚިދުމަތުގެ ވާހަކަ ފަށާނެ ގޮތެއްވެސް އެނގިވަޑައިނުގަންނަވައެވެ.

މާދިހު އިސްމާއިލްގެ ޚިދުމަތުގެ ވާހަކަ ކޮން ކުޅިވަރަކަށްތޯ ކޮން ދިމާލަކުންތޯ ފަށާފަ ނިންމަން އެއީ އަޅުގަނޑަށް އުދަގޫ ކަމެއް. މާދިހުގެ ޚިދުމަތް އެއަށްވުރެ މާފުޅާ. ގެއްލިގެން އެދިޔައީ ދިވެހި ކުޅިވަރަށް އެތައް ޚިދުމަތެއް ކޮށްދެއްވި ބޭފުޅެއް.

އުމުރުން ފަންސާސް އެއް އަހަރުގައި ކުއްލި ގޮތަކަށް ރޭ ނިޔާވި މާދިހު އަކީ ކުރިން ގައުމީ ޓީމްތަކަށް ކުޅުއްވި ކާމިޔާބު އެތްލީޓެކެވެ. ފަހުން އުޅުއްވީ ބޮޑަށް ހިންގުމުގެ ދާއިރާގައެވެ. އޭގެ އިތުރުން މާދިހުއަކީ ސެޓިފައިޑް ފިޒިއޯތެރަޕިސްޓެކެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބުކަމަށްވާ ނިއުރޭޑިއަންޓްގެ މެޑިކަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި މެޑިކަލެއްގެ ގޮތުގައި ރާއްޖެއާ ރާއްޖޭން ބޭރުގައި މަސައްކަތް ކުރެއްވިއެވެ. ނިޔާވިއިރުވެސް އޭނާއަކީ މިއަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރާ މާޒިޔާގެ މެޑިކަލެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ނިޔާވިއިރު ރަސްމީ ވަޒީފާގެ ގޮތުގައި އަދާކުރައްވަމުން ގެންދެވީ ޣިޔާސުއްދީން ސްކޫލުގެ ސްޕޯޓްސް ކޯޑިނޭޓަރުގެ މަގާމެވެ. އެ މަގާމުގައި މާދިހު ހުންނަވާތާ ދިހަވަރަކަށް އަހަރުވެދާނެއެވެ.

މާދިހަކީ ކުޅިވަރުގެ އާޢިލާއެއްގެ މީހެކެވެ. އޭނާގެ އެއްބަނޑު އެއްބަފާ އެކަކީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ފޯވާޑު ޝާހް އިސްމާއިލްއެވެ. ޝާހް ވިދާޅުވި ގޮތުގައި މާދިހުއަކީ އޭނާގެ މުޅި ހަޔާތުގައި ދެގޮތެއް ނުވެ ހުންނެވި އޭނާގެ އެންމެ ބޮޑު ހިތްވަރެވެ.

ކުޅިވަރުގެ އިތުރުން މާދިހުއަކީ ދީނީކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. ވޭތިވެ ދިޔަ ދުވަސްތަކުގައި މާދިހުވަނީ ހައްޖަށް އަދި އުމްރާއަށް މީހުން ގެންދިޔުމުގައި އަގުހުރި މަސައްކަތެއް ކުރައްވާފައެވެ. އެގާރަވަރަކަށް އަހަރު، ހައްޖާޖީންނަށް އެހީތެރިވުމަށް ހައްޖުވެރިންނާ އެކު ހައްޖަށް އަދި އުމްރާއަށް މާދިހުވަނީ މާތްވެގެންވާ މައްކާއަށް ދަތުރުކޮށްފައެވެ. އޭނާގެ ގާތް މީހަކު ބުނި ގޮތުގައި ކޮވިޑުގެ ކަންތައް ހަމައަކަށް އެޅުމާއި އެކު، އަދި އާއްމު ދަތުރުތަކަށް އިންތިޒާމްތައް ހަމަ ޖެހުމާއި އެކު އަނެއްކާވެސް އުމްރާއަށް އަދި ހައްޖަށް މީހުންނަށް އެހީތެރިވެދިނުމުގެ ކަންކަން މާދިހު ގެންދެވީ ކުރައްވަމުންނެވެ. މީގެ އިތުރުން ރޯދަ މަހު މިސްކިތުގައި މީހުންނަށް ރޯދަ ވީއްލުމުގެ ކަންކަމަކީ މާދިހު ވަރަށް ފަރުވާތެރިކަމާ އެކު ކުރައްވަމުން އައިކަމަކެވެ.

 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް