ads
ރައީސް ސޯލިހް--
ސަރުކާރު މުވައްޒަފުން މިމަހުގެ 15 ނިޔަލަށް ގޭގައި މަސައްކަތްކުރަން އަންގައިފި
ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިތުރުކުރައްވައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، ނިމުނު މެއި މަހުގެ 5 ވަނަ ދުވަހުން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ކުރިން ވަނީ ހަމަޖައްސަވައިފައެވެ. 

އެ މުއްދަތު މިއަދު ހަމަވުމާއި ގުޅިގެން ރައީސް އޮފީހުން ބުނީ، އެ މުއަދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ ވާ ކަމަށެވެ. ކޮވިޑްގެ ކޭސްތައް މެއި މަހުގެ ތެރޭގައި އިތުރުވެގެން ދިޔުމާއި ގުޅިގެން އިއުލާންކުރި ހަރުކަށި ކާފިއުވެސް އިތުރު ދެ ހަފްތާއަށް ދިގު ދަންމާލާފައިވާއިރު، މިމުއްދަތުގައި ސަރުކާރުގެ އޮފީސްތައްވެސް ބަންދުވާނެއެވެ. އެހެންނަމަވެސް ސަރުކާރު ބަންދެއް ނުވާނެއެވެ. 

މިމުއްދަތު ޖޫން މަހުގެ 15އާއި ހަމަޔަށް އިތުރުކުރިކަން އަންގާ މިއަދު ރައީސް އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ހިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ސޯލިހް ވަނީ ދަންނަވާފަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ހިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ދަންނަވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެމުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އަންގަވާފައެވެ. 

މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫނެވެ.

ކޮވިޑް ކޭސްތައް ގިނަވަމުން ދިޔުމުން މާލެ ސަރަހައްދުގައި މިހާރު ވަނީ ހަރުކަށި ކާފިއުއެއް އިއުލާންކޮށްފައެވެ. އެގޮތުން ހަވީރު ހަތަރަކުން ހެނދުނު 8:30 އަށް ކާފިއު ހިންގަމުންދާއިރު އެނޫން ވަގުތުތަކުގަައިވެސް އާއްމުންނަށް ބޭރަށް ނިކުމެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް