ads
ޑރ. މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ދެމަސްތެރޭ، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ
މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް ދެމަސް ތެރޭ އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިހާތަނަށް މާލޭ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވާލެވިފައި ނުވާކަމަށާއި، އެހެންކަމުން ހޯމަ ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި އެކަން ކުރުމަށް މިހާރު ފާސްކޮށްފައިވާ ކަމަށެވެ.

"އަދި އެކަމާ ބެހޭ ބައްދަލުވުންތައް މިހާރު ވަނީ ފެށިފަ އެކޮނޮމިކް މިނިސްޓްރީއާއި އަޅުގަނޑުމެން ބައްދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ގިނަ ވެގެން ދެމަސް ދުވަހުގެ ތެރޭގަ މާލޭގަ ދިރިއުޅޭ ހުރިހާ ބިދޭސީންގެ ހުރިހާ ދަފްތަރެއް އެކުލަވާލެވި ބިދޭސީންގެ މައްސަލާގައި ދާއިމީ ހައްލެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް ދަންނަވަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެއީ  މިހާތަނަށް އައިއިރު ސަރުކާރު ތެރެއިންވެސް އެއްވެސް ކައުންސިލެއްގެ ދުވަސްވަރު ނުވެފައިއޮތް ކަމެއް ކަމަށެވެ. ގާނޫނުަގައި ބުނާގޮތުން ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން ބިދޭސީއަކަށް، ސިޓީއެއްގައި މަސައްކަތްކުރުމަށް ވޯކް ވިސާ ދޫކޮށްފިނަމަ އެ ވިސާ ދޫކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެކަން ކައުންސިލަށް އަންގަންވާނެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މިހާތަނަށް އެ މައުލޫމާތު ސިޓީ ކައުންސިލަށް ލިބިފަނުވާ ކަމަށެވެ. ޑރ، މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ބަޔަކު އެކަން ނުކުރިއްޔޭ ދަންނަވަން ބޭނުންނުވާ ކަމަށާއި އެހެންނަމަވެސް އެކަމަށް ސަމާލުކަން މުޅި ސިސްޓަމް ތެރޭވެސް ދެވިފަ ނެތް ކަމަށެވެ. އެކަން ކަމާބެހޭ ބައްދަލުވުމުގައި ފާހަގަކޮށްފައި ވާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް