ads
ޑރ އަހުމަދު ޝަހީދު
ކޮވިޑުގައި މަރުވާ މީހުންގެ ނިސްބަތުން ގިނައީ ފިރިހެނުން: ޑރ. ޝަހީދު
ކޮވިޑު-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތުން ގިނައީ އަންހެނުންނަށްވުރެ ފިރިހެނުން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް މަރުވެފައިވާ މީހުންގެ ތަފާސްހިސާބުތައް މީޑިއާާތަކާއި ހިއްސާކުރަމުން ޑރ. ޝާހިދު ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި 111 މީހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށެވެ. 

އެގޮތުން މަރުވެފައިވާ މީހުންގެ އުމުރުފުރައާއި ޖިންސަށް ވެސް ޑރ. ޝާހިދުވަނީ އަލިއަޅުވާލައްވައި، އެމައުލޫމާތުތައް ހިއްސާކުރައްވާފައެވެ. ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑުގައި ރާއްޖެއިން މަރުވެފައިވާ 60 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށާއި، 40 އިންސައްތަ މީހުންނަކީ އަންހެނުން ކަމަށެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގެ ދިރާސާތަކުންވެސް ދައްކަނީ ކޮވިޑްގައި މަރުވާ މީހުންގެ ބޮޑު އިންސައްތައެއް އުޅެނީ ފިރިހެނުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެންތަންތަނުގައި ހަދާފަހުރި ދިރާސާތަކުންވެސް މިއީ ހަމަ ފާހަގަކުރެވޭ ޓްރެންޑެއް. ގިނަ އަދަދަކަށް ކޮވިޑްގައި ނިޔާވެފަ ވަނީ ފިރިހެނުން، ރާއްޖޭގަ އެކަންޏެއް ނޫން ދުނިޔޭގެ އެހެން ގައުމުތަކުގަވެސް" ޑރ. ޝަހީދު ވިދާޅުވިއެވެ.

އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އުމުރުފުރާއަށް ބަލާއިރު، 80 އަހަރުން މަތީގެ 30 މީހުން މަރުވެފައިވާއިރު، 65 އަހަރާއި 80 އަހަރާއި ދެމެދުގެ 37 މީހުން މަރުވެފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑްގައި މަރުވި 60 އިންސައްތަ މީހުންނަކީ 65 އަހަރުންމަތީގެ ދުވަސްވީ އުމުރުފުރާގެ މީހުންނެވެ.

ޑރ. ޝަހީދު ވިދާޅުވީ 40 އަހަރާއި 65 އަހަރާއި ދެމެދުގެ 30 އިންސައްތަ މީހުން މަރުވެފައިވާއިރު، 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ފާހަގަކުރެވޭ ކަމަށެވެ. 

"އެހެންވީމަ ފާހަގަކޮށްލަން ބޭނުން މި ސާޖުގަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްޗަކީ ހަގުއުމުރުގެ މީހުންނަށްވެސް ކޮވިޑްގެ ނުރައްކާ އޮތް މިންވަރު، 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން އެހެންވީމަ ފާހަގަކޮށްލަން ބޭނުން އުމުރުން ދުވަސްވީ މީހުންނެއް ނޫނޭ ބަލީގައި ނިޔާވަނީ ހަމައެކަނި" ޑރ. ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ އުމުރުފުރާއަކުން ބަލިން ރައްކާތެރިވުމަށް އިލްތިމާސް ކުރާކަމަށް ޑރ. ޝާހިދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް