ads
ހުޅުމާލެ ސަހަރާ
ކޮވިޑްގައި މަރުވި 20 އިންސައްތަ މީހުންނަކީ އެހެން އެއްވެސް ބައްޔެއްނެތް މީހުން
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ 20އިންސައްތަ މީހުންނަކީ އެހެން އެއްވެސް ބައްޔެއް ނެތް، އަދި އެހެން އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދާނުދާ މީޙުން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް މަރުވެފައިވާ މީހުންގެ ތަފާސްހިސާބުތައް މީޑިއާާތަކާއި ހިއްސާކުރަމުން ޑރ. ޝަހީދު ވަނީ މަރުވެފައިވާ މީހުންގެ ހުރި ބަލިތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ. 

އެގޮތުން އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް ނިޔާވި މީހުންގެ ހުރީ ކޮންކަހަލަ ބަލިތަކެއްތޯ ބެލިއިރު ފާހަގަކުރެވުނީ މުހިންމު ފަސް ބައްޔެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ލޭމައްޗަށް ދިޔުން، ހަކުރު ބަލި، ސްޓްރޮކް، ހިތުގެ ބަލި އަދި ކިޑްނީގެ ބަލިތައް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ކެންސަރު ބައްޔާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ޙޯދަމުންދިޔަ މީހުންވެސް ހިމެނެއެވެ. 

އެހެންނަމަވެސް މިއިން އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ ނުވަތަ އެއްވެސް ބައްޔެއް ނެތް މީހުންވެސް ކޮވިޑުގައި ރާއްޖެއިން މަރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ޑރ. ޝަހީދު ވިދާޅުވީ މިހާތަނަށް މަރުވި 111 މީހުންގެ ތެރެއިން 20 އިންސައްތަ މީހުންނަކީ ދިގު މުއްދަތަކަށްވެސް އަދި އެހެންވެސް ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ މީހުން ކަމަށެވެ.

"މީގަ ވަރަށް ފާހަގަކޮށްލެވުނު އެއްވެސް ބައްޔެއް ނެތް މީހުންވެސް ކޮވިޑް ޖެހިގެން ނިޔާވެފަވޭ އޭގެތެރެއިން 20 އިންސައްތަ މީހުންނަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުންދިޔަ މީހުންނެއް ނޫން. އަޅުގަނޑުމެން އެބޭފުޅުންގެ ރިކޯޑްތައް ބެލިން، އެއްވެސް ކަހަލަ ބައްޔެއް ހުރި ކަމަކަށް ފާހަގައެއް ނުކުރެވޭ ނިޔާވި 20 އިންސައްތަ މީހުންނަކީ" ޑރ.ޝަހީދު ވިދާޅުވިއެވެ.

އެހެންކަމުން ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ މީހުންވެސް އަދި ފަރުވާ ހޯދަމުން ނުދާ މީހުންވެސް ވަރަށް ބޮޑަށް ކޮވިޑަށް ރައްކާތެރިވާންޖެހޭކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެެ. ޑރ. ޝަހީދު ވިދާޅުވީ މަރުވި މީހުންގެ 80 އިންސައްތަ މީހުންނަކީ ދާއިމީ ކޮންމެވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހުން ކަމަށާއި، 60 އިންސައްތަ މީހުންނަކީ އޭގެ ތެރެއިން ކޮންމެވެސް ދެބައްޔަކަށް ފަރުވާ ކުރާ މީހުން ކަމަށެވެ. 

ޑރ،ޝަހީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސާޖްތައް އައުން އެކަށީގެންވާ ކަމަށާއި، އަދި މިއީ އެންމެ ފަހުގެ ސާޖް ކަމަކަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން މި ބައްޔާއެކު އުޅެން އެބަޖެހޭކަން ދަންނަން ޖެހޭ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް