ads
މަހުލޫފް
ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މަހްލޫފްގެ އުދާސްތައް ބަންޑުންކޮށްލައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ޕީޖީ އޮފީހަށް އޭސީސީން އިއްޔެ މައްސަލަ ހުށަޙެޅުމާއިއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަޒީފާގެ މަސްއޫލިއްޔަތު ތަކުން ވެސް ވަނީ ދުރުކޮށްފައެވެ. އެޔާއިއެކު އެ ތުހުމަތުތަކަށް އިންކާރުކުރައްވާ މިނިސްޓަރު މިއަދު ވަނީ ވަރުބަލިވެއްޖެ ކަމަށާއި، އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުދާސްތައް ޓްވިޓާގައި ބަންޑުން ކޮށްލާފައެވެ.

މަހްލޫފް ވިދާޅުވީ، ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އެމަނިކުފާނާއިމެދު އަމަލު ކުރަމުން އަންނަނީ  ޒާތީކޮށް ކަމަށާއި، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް  ގޮތަށް ކަމަށެެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށާއި، ބޭނުމަކީ ހަމައެކަނި ޔޫތު މިނިސްޓަރު ކަމުގެ މަގާމުން އެމަނިކުފާނު ވަކިކުރުން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. އަދި މިނިސްޓަރު މަހްލޫފް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަމަށް އޭސީސީން ކޮށްފައިވާ ތުހުމަތުތައްވެސް ދޮގުކޮށްފައެވެ. 

"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން. ކުރި ތުހުމަތުވެސް ގޯސް. ތުހުމަތު ކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެންބަރެއް، ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، އެމްއެމްޕީއާރްސީއަށް  ދައުވާ  ކުރުމުގެ  އެއްވެސް  ޤާނޫނީ  ބާރެއް  އެމައްސަލައިގަ ލިބިގެން  ނުވާ ކަމަށެވެ. އެކަން  އެސެޓް ރިކަވަރީ ކޮމިޝަން  އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެެވެ. މަހްލޫފް ވިދާޅުވީ، މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވީ ކޮމިޝަނުން ކަމަށެވެ. އަދި ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ކަނޑައެޅިގެން ރާއްޖޭގެ ގާނޫނާ ހިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކިތަކެއްކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، އޭގެ ތަފްސީލަށް މިވަގުތު ދާކަަށް ނެތިން ކަމަށެވެ.

"ކަން ބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، އެމަނިކުފާނުގެ މައްސަލަވެސް ހަމަ ބަލަންވީ ކަމަށާއި އެކަމަކު އެކަން ކުރަންވާނީ ގާނޫނީ އިމުގެ  ތެރެއިން ތަފާތުނުކޮށް ކަމަށެވެ. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރު  ވީއިރު ފެނުނީ އެމަނިކުފާނުގެ ނަން އެކަނިތޯ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ. 

މަހްލޫފް ވިދާޅުވީ، ގާނޫނާއި ގަވައިދުގެ ތެރެއިން، ކޮމިޝަންއާއި، ޕޮލިސް، އަދި ޕީޖީގެ އިތުރުން އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް ގެންދާނަމަ އެމަނިކުފާނު ހުންނެވީ، އިސްތިއުފާ ދެއްވަން ތައްޔާރަށް ކަމަށެވެ. 

"ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އަޅުގަނޑާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މިމަގާމުގަ ދެމިނުހުންނާނަން." މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އިއްޔެ ވަނީ އަންގާފައެވެ.

އެމައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އޭސީސީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހްގީގުން އެނގޭ ކަމަށެވެ. 

އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހްލޫފްގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަހްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މަހްލޫފް އާއި ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަދީބު، މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހްގީގުން އެނގޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. 

ހަމައެހެންމެ، 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭސީސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެކަމަށް، މަހްލޫފް އޭސީސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހްގީގަށް ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ. އެގޮތުން، މަހްލޫފް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހްގީގަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، މަހްލޫފް ގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް