ads
ރިހިވެލި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް ޑޮޓް ކޮމް
ރިހިވެލި ރިސޯޓުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ރިހިވެލި ރިސޯޓު މައްސަަލައިގައި "ސޭވް ދަ ޑްރީމް" ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުކަމުން ދައުވާ ލިބޭ ފަރާތް ވަކިކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ރިސޯޓަކީ 1979 ގައި، އަލީ ޔޫސުފް، މަޝްހޫރު ނަމުން ނަމަ ދޮންއަލިފުޅު އުފެއްދެވި މާހަލް ޓުއާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް މިހާރު ދޮންއަލިފުޅުގެ ހިއްސާ އޮންނަނީ އޭނާގެ ދަރިންގެ މެދުގައި ބަހާފައެވެ.

ރިހިވެލި ރިސޯޓުގެ މިހާރު ހިންގަމުން އަންނަނީ އެ ރިސޯޓުގެ ވެރިފަރާތްކަމަށްވާ މާހަލް އާއި ފްރާންސްގެ "ސޭވް ދަ ޑްރީމް" އެއްވެގެން ޖޮއިންޓް ވެންޗާއެއްގެ ގޮތުގައެވެ. ސޭވް ދަ ޑްރީމްގެ ފަރާތުން ކްރިސްޓިއަން ކަލްބް ރިހިވެލި ރިސޯޓަށް އިންވެސްޓްކުރީ މާހަލް ޓުއާސްގެ އެއް ހިއްސާދާރު ކަމުގައިވާ ހުސައިން ޝިހާމް އާ ވާހަކަ ދެއްކުމަށް ފަހުގައެވެ.

ކޮވިޑް-19 އައުމުގެ ކުރިން ވެސް ކުންފުނީގެ މާލީ ހާލަތު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ. ކުންފުނީގެ ފައިސާ އެހެން ގޮތްގޮތަށް ހުސައިން ބޭނުންކުރައްވާ ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދޭން ވެސް އުނދަގޫވި ކަމަށް ކްރިސްޓިއަން ކަލްބު ވަނީ ބުނެފައެވެ. ކުންފުނީގެ އެތެރޭގެ މައްސަލަތައް ހޫނުވެ ހިއްސާދާރުންގެ މެދުގައިވެސް ވަނީ ހިތްހަމަ ނުޖެހުން އުފެދިފައެވެ.

އެގޮތުން ހުސައިން ޝިހާމް އަލީގެ (ދައުވާ ކުރާ ފަރާތް) ހިއްސާ އޮންނަ އަދި މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ކުންފުންޏެއްކަމުގައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް، ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ (ދައުވާ ލިބޭ ފަރާތް) ހިޔާނާތްތެރިވެ މަކަރު ހަދައި އޮޅުވާލާފައިވާތީއާއި ކުންފުނީގެ ޝަހުސިއްޔަތު ނުހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ، ދައުވާ ލިބޭ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހިޔާނާތްތެރިވެފައިވާ ކަމަށް ކަނޑައަޅައި ދެއްވައި ކުންފުނީގެ ޑިރެކްޓަރު ކަމުން ދައުވާ ލިބޭ ފަރާތް ވަކިކޮށްދިނުމަށް އެދި ހުސައިން ޝިހާމު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ނަމަވެސް ހުސައިން ޝިހާމް މައްސަލަ ހުށަހެޅި އިރު ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީގެ ޑިރެކްޓަރު ކްރިސްޓިއަން ކަލްބް އަކީ ދައުވާ ލިބޭ ފަރާތް ކަމުގައި ބަޔާންކޮށްފައި ނުވާކަން ސިވިލް ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި ކްރިސްޓިއަން ކަލްބަށް ޖަވާބުދާރީވެ ދިފާއުވުމުގެ ބާރު ލިބިގެން ނުވާ ކަަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ. 

އެހެންކަމުން ބަޔާންތަކަށާއި ޝަރީއަތުގައި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށް ފަހު ދައުވާ ލިބޭ ފަރާތަކީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ނުވާތީ އާއި ދައުވާ ލިބޭ ފަރާތް ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ކްރިސްޓިއަށް ކަލްބް ކުންފުންޏަށް ގެއްލުންވާގޮތައް އަމަލުކޮށްފައިވާ ކަމަށް ދައުވާގެ ސީގާ ގައި ބަޔާންކޮށްފައިވާތީ ދައުވާ ލިބޭ ފަރާތާއެކު ކްރިސްޓިއަން ކަލްބް ހިމެނުމެއްނެތި އެ މައްސަަލައިގެ މައުލޫގައި ގޮތެއް ކަނޑަނޭޅޭނޭ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ. 

އެހެންކަމުން އެ މައްސަލައަކީ މިހާރު ހުށަހެޅިފައިވާ ގޮތުން ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް