ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ޖިންސީ ފުރައްސާރައިގައި ގައުމު ކަރުނަ އަޅަނީ
ތަސްލީމާ (އަސްލު ނަމެއްނޫން) އޮފީހަށް ނުކުތީ އޭނާގެ ކުރިމަގަށް ވަރަށް ފޮނި އުންމީދު ތައް ކުރަމުންނެވެ. ވަޒީފާގައި ރަނގަޅަށް ދެމި ހުރެ ރަނގަޅު އާމްދަނީ އެއްލިބޭތީ އޭނާ ހުރީ އުފާވެފައެވެ. އެހެން ނަމަވެސް އޭނާގެ އުންމީދުތައް ފުނޑުފުނޑުވެގެން ދިޔައީ އޮފީހުގެ އިސްމީހާ އޭނާއަށް ޖިންސީ ގޯނާކުރަން ފެށުމުންނެވެ. ވަޒީފާގެ މާހައުލުގައި ރައްކާތެރިކަމެއް ނެތް ކަން އޭނާ އަށް އެނގުނީ އެހިސާބުންނެވެ. އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ.

ދާދިފަހުން އަހަރެމެންނަށް އިވިގެން ދިޔައީ ޓީޗަރަކު އޭނާގެ ދަރިވަރަކާއެކުު ޖިންސީ ގުޅުން ހިންގި ވާހަކައެވެ. އަދި އެކަމާ ގުޅިގެން  ފުލުހުން މިހާރު ދަނީ މައްސަލަ ބަލަމުން ކަމަށް ސީއެންއެމް އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައިވެއެވެ. މި އަމަލު ހިންގާފައިވަނީ އުމުރުން 25 އަހަރުގެ އަންހެން ޓިޗަރަކާއި އޭނާ ކިޔަވައިދޭ 16 އަހަރުގެ ފިރިހެން ކުއްޖަކާއި ދެމެދުގައި ކަމަށްވާއިރު، ސޯޝަލް މީޑިޔާގައި އާންމުވީ ވީޑިއޯގައި ފެނިގެންދަނީ  އާއިލާގެ ރައްކާތެރިކަމާއެކު،މި ބުނާ އަންހެން ޓީޗަރު ރަށު ރައްޔިތުން ވެގެން ރަށުން ބާލާ މަންޒަރެވެ. 

ބައެއްފަހަރު މަންޒަރު ފެންނަނީ މިހެންނެވެ. ރަށުގެ ރައްޔިތުން ހިތްހަމަނުޖެހި މިފަދަމީހުންނަށް ވަގުތުން ފިޔަވަޅު އަޅާ މަންޒަރެވެ. ފުލުހުން، ނުވަތަ ޖެންޑާ އަށް އަރާހަމަ ނުކުރެވެނީހެވެ. ގާނޫނުތައް ހުންނަގޮތުން އެކަންކަމަށް ވަގުތު ނަގަނީ ކަމަށް ވެދާނެއެވެ. 

މި މައްސަލާގައި ތުހުމަތުކުރެވޭ އަަންހެން ޓީޗަރު ރަށުން ބާލާފައިވީ ނަމަވެސް، އަދިވެސް ހައްޔަރުކޮށްފައިނުވާތީ ރަށު ރައްޔިތުންނާ އާންމުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ފުލުހުންނަށް ފާޑުކިޔަމުންނެވެ. އެގޮތުން އަންހެން މީހާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރި މައްސަލާގައި ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށާއި އަދި ތަހުގީގުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކަމުގައެވެ. އޭގެ އިތުރުން މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށް ވަކި އިޖުރާޢަތު ތަކެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. 

އޭގެ ފަހުން 24 ގަޑިއިރު ނުވެއެވެ. އަނެއްކާވެސް ޖިންސީ ފުރައްސާރައެއްގެ ވާހަކައެވެ. މި ފަހަރު ދަރުބާރުގޭގައި ހިންގަމުން އަންނަ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރާ ވޮލިންޓިއަރަކަށް، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅަކު ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެކެވެ. 

މިކަމާ ގުޅިގެން ފުލުހުން ސީއެންއެމްއަށް ދީފައިވާ މައުލޫމާތުން އެނގިފައިވަނީ އެޗްއޯއީސީގައި މަސައްކަތް ކުރަމުން އަންނަ ވޮލިންޓިއަރަކަށް ހެލްތް މިނިސްޓްރީ އިސްބޭފުޅަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިވާ ކަމެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމެވެ.

މި މައްސަލައާ ގުޅިގެން ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރީގެ މީޑިއާ އޮފިޝަލް ތަސްލީމާ އުސްމާން ވިދާޅުވީ މިފަދަ މައްސަލައެއްގެ ރިޕޯޓު ލިބިގެން ހެލްތް މިނިސްޓްރީގެ މައްސަލަ ބަލާ ކޮމިޓީން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ތުހުމަތު ކުރެވޭ ހެލްތު މިނިސްޓްރީގެ މުވައްޒަފާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށެވެ.

އަދި މި މައްސަލަތަކާ ގުޅިގެން ސީއެންއެމް އިން ޖެންޑާގެ ބަހެއް ލިބޭތޯ ގުޅާލުމުން ޖެންޑާގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބުދެއްވާފައި ނުވާތީ އެފަރާތުގެ ބަހެއް ލިބިފައެއް ނުވެއެވެ.

މައްސަލަތައް މިހާ ގިނަވެފައިވާއިރު ފިޔަވަޅުއެޅުން ލަސްވަމުންދާ ކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ކޮންމެ ކަމަކަށް މުއައްސަސާ ހެދިފައިވާއިރު ލަސްވާ މައްސަލައަކީ އަބަދުހެން މީހުންޝަކުވާ ކުރާ މައްސަލައެކެވެ.

24 ގަޑީއިރުތެރޭގައި ޖިންސީ ގޯނާގެ ދެ މައްސަލައެއް ފެންމަތިވެފައިވާއިރު، ނިމުނު މެއި މަހުވެސް "ރައިޒް އަޕް" މޫވްމެންޓް ގެ ފަރާތުންވެސް ވަނީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކި ކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އަޑުއުފުލުމުގެ ގޮތުން ބާއްވާ ސުލްހަވެރި އެއްވުމެއް ބާއްވާފައެވެ. އަދި މި އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، ރޭޕް ކުރުމާއި ދެކޮޅަށް އެއްވުމުގެ ބައިވެރިން ގޮވާލައި ޝުއޫރުތައް ފާޅު ކޮށްފައިވެއެވެ. 

ޖިންސީ ފުރައްސާރައަކީ އަބަދުވެސް ސަރުކާރުގެ މަތީފަންތިން އާންމުކޮށް ފެންނަ މަންޒަރެކެވެ. 

ކުރީގެ ޓޫރިޒަމް މިނިސްޓްރު އަލީ ވަހީދު އަށްވެސް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާ ކުރި މައްސަލަތަކެއް ފެންމަތިވެ އެކަމާ ގުޅިގެން ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް، ބޭސް ފަުރާއަށް ކަމަށް ބުނެ ވަނީ ގައުމުން ބޭރަށް ފިލައިގެން ގޮސްފައެވެ. އޭނާ އަށް ކޯޓުން ދީފައިވާ ހަތަރުމަސް ހަމަވިއިރު ވެސް އެނބުރި ގައުމަށް އައިސްފައެއް ނުވެއެވެ. 

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް ޖިންސީ ފުރައްސާރައިގެ 162 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ދެވަނަ ކުއާޓާގައި 74 މައްސަލައެއް ހުށަހަޅާ އަދި ތިން ވަނަ ކުއާޓާގައި 145 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން ޖުމުލަ 381 ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 132 މައްސަލަ މާލެއިން އަދި 249 މައްސަލައަކީ އަތޮޅުތެރެއިން ހުށަހަޅާފައިވާ މައްސަލަތަކެވެ. 

މި ފަހަކަށް އައިސް ރާއްޖޭގައި ރޭޕް ކުރުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަތަށް ނުބެލި މުޖުތަމައަށް ދޫކޮށްލެވިފައި ތިބޭތީ، މިކަމާ ގިނަ ބަޔަކު ދަނި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މިފަދަކަންބޮޑުވުންތަކަށް ހައްލު ލިބިގެން ދިއުމަކީ ތަސްލީމާ ފަދަ އެތައްބައެއްގެ އާދޭހެވެ. އުންމީދެވެ. ހާސްކަމެއްނެތް ދިރިއުޅުމެއް އުޅުމަށް ބޭނުންވާތީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް