ads
ވީޑިއޯ ރިޕޯޓް
މަސްތުވާ ތަކެތީގެ މައްސަލަތައް އިތުރުވުން: ހައިރާން ވާނެ ކަމެއް ނެތް!
މިވެނި ވަރެއް މަސްތުވާތަކެތި އަތުލައިގެންފި! އެވެނި މީހަކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފި! މަސްތުވާތަކެތި ވިއްކާ މީހަކު ބަންދުން ދޫކޮށްލައިފި! މިސްކިތެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ނިދާފައި އޮތް މީހަކު ފުލުހުންނާ ހަވާލު ކޮށްފި! މިއީ އާ އަޑުތަކަކަށް ނުވާނެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ އަބަދުހެން މެދު ނުކެނޑި ދެކެވޭ ވާހަކަތަކެކެވެ. މިހާރުވެސް އެތައް އާއިލާއެއްތިބީ ކަރުނައިގެ ތެރޭގައެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އެތައް ޒުވާނުންނެއްގެ ކުރިމަގު ހަލާކުވެ، އެތައް އާއިލާއެއް ވަނީ ރޫޅިގެން ގޮސްފައެވެ. އެގޮތުން ފާއިތުވި އަހަރު ތަކުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1800 އަށް ވުރެ ގިނަ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ. 

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެފަދަ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވުމުގެ އިތުރުން އެކަންކަމަށް ހިތްވަރުދޭ މީހުންވެސް ތިބީމައެވެ. ގާނޫނުތަކުންވެސް އެމީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭތީއެވެ. މި އަހަރު ހުށަހެޅުނު މަސްތުވާތަކެތީގެ 1822 މައްސަލައިގެ ތެރެއިންވެސް ތަހުގީގުކޮށްފައިވަނީ އެންމެ 758 މައްސަލައެވެ.

މިހާ ހިސާބުން ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތު ކަމުގައި ގިނަ ބަޔަކު ސިފަކުރާ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކަކޮޅަކަށް ބަލައިލަމާހެއްޔެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "ދޮން މީހުން" ނަކީ ބޯ ބައެއް ކަމަށާއި، އެމީހުން އުޅޭގޮތައް އުޅެގެން ނުވާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، އެމަނިކުފާނުގެ އިލްތިމާސް އަކީ "ދޮން މީހުން" އުޅޭގޮތައް އުޅެގެން ސަލާމަތް ވެވިދާނެ ކަމަށެވެ. 

"ދެން އެހެން ކޮންމެ އެއްޗެއް ބުއި ނަމަވެސް ސަލާމަތްކުރެވޭތޯ ބެލުމަކީ، މީގައި ކޮންމެވެސް ކަހަލަ މިންގަނޑެއް ގޮތުގައި ބެހެއްޓުމަކީ މުހިންމު ކަމެެއް. އަޅުގަނޑުމެންނަށް ބައެއްފަހަރަށް ހީވަނީ ދޮން މީހުން ވެއްޖިއްޔާ ބޯނޭ. އެމީހުން އުޅޭގޮތައް އުޅެގެން ނުވާނޭ. އަޅުގަނޑުގެ އިލްތިމާސަކީ ދޮން މީހުން އުޅޭގޮތައް އުޅެއްޖިއްޔާ އަޅުގަނޑުމެން ސަލާމަތްވެވިދާނޭ،" ރައީސް ނަޝީދު

ހަމަމިއާއެކު، ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރާ ގާނޫނަށް ގެންނެވި "މޮޅު" ބަދަލަކަށް ބަލައިލަމާހެއްޔެވެ. 2017 ވަނަ އަހަރު ޖަލްސާއެއްގައި ދެއްކެވި އެ ވާހަކަ ކޮޅުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ މަސްތުވާތަކެތި އެއް ގުރާމު ގެންގުޅެނިކޮށް އަތުލައިގަންނަ ފަރާތްތަކަކީ އެ ވިއްކައި އުޅޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެފަދަ ފަރާތްތައް މިނިވަން ކުރާނެ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ހުކުމް އައިސްފައި ތިބި ޒުވާނުންވެސް ޕީޖީ އާ ވާހަކަ ދައްކައިގެން މިނިވަން ކުރާނެ ކަމަށެވެ.

"މަސްތުވާތަކެތި އެއް ގުރާމު ގެންގުޅޭ ކަމުގައި ވަންޏާ އެއީ މަސްތުވާތަކެތި ވިޔަފާރިކުރަން ގެންގުޅޭ މިންވަރުގެ އަދަދެއް ކަމަށް ކަނޑައަޅައި، އެއީ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުން އެކަން ކަނޑައަޅުއްވައި އެމީހެއްގެ ހުކުމަކީ އުމުރުގެ ހުކުމަކަށް ބަދަލުވެގެން ދިޔަ ދުވަސް ﷲ ގެ ރަހުމަތާއެކީ މިހާރު މާޒީވެފައި މިވަނީ. އެހެންވީމާ ގާނޫނަށް އިސްލާހު، ހާލަތައް އަންނަ ބަދަލާ ގުޅިގެން ގާނޫނަށް އިސްލާހު މި ގެންނަން ޖެހެނީ މި ދެންނެވި ކަންކަމުގެ ފައިދާ ޒުވާނުންނަށް ހޯދައިދިނުމަށްޓަކައި. އަދު، އެއް ގުރާމު އަތުގައި ހުއްޓެއް ކަމަކު އެއީކީ މަސްތުވާތަކެތި ވިޔަފާރިކުރަން ގެންގުޅޭ ގެންގުޅުމެއް ކަމުގައި ނުބަލާ. އަދި އަޅުގަނޑު ދަންނަވާލި ފަދައިން، ﷲ ގެ އިރާދަފުޅާއެކީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އިއުލާނުވެގެންދާނީ މި ދެންނެވި ގޮތައް، މީ މީގެ ކުރީ ގާނޫނުގެ ދަށުން އެއް ގުރާމަށްވުރެ ތަންކޮޅެއް ގިނަ އަދަދުގެ މަސްތުވާ ތަކެތި ހުރި ޒުވާނުން އެކުދިންނަށް އުމުރުގެ ހުކުމް އައިއްސަ ތިބި ކުދިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކެއް އޭޕްރީލްގަ ޕްރޮސެކިއުޓަ ޖެނެރަލްއާ ވާހަކަ ދައްކައިގެން އެ ހުރިހާ ކުދިންނަކީ މިނިވަނުންގޮތުގައި ހެދުމަކީ އަޅުގަނޑުމެން ސަރުކާރު،" ރައީސް ޔާމީން-2017

މަސްތުވާތަކެއްޗަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެއް ކަމުގައިވާއިރު އެއް ގުރާމަށްވުރެ މަދު އަދަދެއްވެސް ގެންގުޅެންވީ ކީއްކުރަންތޯއެވެ؟ ރައީސް ޔާމީންގެ އެ ނިންމުމާއެކު މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގިނަ ފަރާތްތަކެއް، އެނބުރި މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔައެވެ.

މިހާރު ގާނޫނުގައިވާ ގޮތުން އެމީހަކީ ޑްރަގު ޓްރެފިކް ކުރާ މީހެއް ކަމުގައި ބެލެވޭނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްއެއް ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެ ނަމައެވެ.

މަސްތުވާތަކެތީގެ އެއް ގުރާމަށްވުރެ މަދު އަދަދަކާއެކު އަތުލައިގަންނަ ފަރާތްތަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އޮތް އޮތުން ބަދަލުކުރުމުގައި ރައީސް ޔާމީނުގެ ނިޔަތަކީ އެކުދިން އިސްލާހުވުމުގެ ފުރުސަތު ދިނުން ކަމުގައި ވެދާނެއެވެ. ނަމަވެސް މިއީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ފަރާތްތަކަށް ދެވުނު ބޮޑު ދުލަކަށް ނުވާނެބާއެވެ؟ 

އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަކަމުގައި ވާނަމަ މަސްތުވާތަކެތީގެ ކުޑަ މިންވަރެއްވެސް ގެންގުޅެން އެމީހުން ޖެހިލުންވާނެއެވެ. އެހެންނަމަވެސް "ދެ ދުވަސް" ފަހުން މިނިވަން ވުމަކީ އެމީހުންނަށް މަސްތުވާތަކެތީގެ މުއާމަލާތްތަކުގައި އުޅުމަށް ފަހިވެގެންދިޔަ ދޮރެކެވެ. ނަތީޖާއަކަށްވާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވާ ޒުވާނުންގެ އަދަދު އިތުރުވުން ނޫންތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް