ads
ސަމިއްޔާ
ގިނަ ތަންތަނުން ފުއްޕާމޭ ފަޅައިގެން ގޮސްފަވާކަމަށް ބުނި، ދެން ލިބުނީ އެންމެ ފަހު ކޯލް
ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ކަރުން ލޭ އަންނަވަރަށް ކެއްސި
މާލެ ގެނާފަހުން ފިރިމީހާއާއި، އާއިލާއަށްވެސް ސާމިއާ އާއި ބައްދަލުވީ ނިޔާވިފަހުން
ސިޒޭރިއަންއަށްފަހު ދަރިފުޅު ނާސަރީއަށް، ސަމީއާ ވެންޓިލޭޓަރަށް
ފ. ނިލަންދޫއަށް އުފަން، މޯނިންގްސަން އުމުރުން 25 އަަހަރުގެ ސަމީއާ އަހްމަދު، ޒަވާޖީ ހަޔާތެއް ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެެވެ. އެއަށް ފަހު އެ ހަޔާތައް އިތުރު އުފާވެރިކަމެއް ގެނުވީ ސަމިއާ ފުރަތަަމަ ދަރިފުޅަށް ބަލިވެއިން ކަން އެނގުނު ހިސާބުންނެވެ. އެހެންނަމަވެސް ސަމިއާގެ ހަޔާތައް ކަޅުކަން ވެރިވީ ކުއްލިއަކަށް ބްލީޑްވާން ފެށުމުން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ.

އާއިލާއަށް ކުރިމަތިވި ކުއްލި ހިތްދަތި ކަމުގެ ވާހަކަ "ސީއެންއެމް"އާއި ހިއްސާކުރަމުން ސަމީއާގެ ބޭބެ ހަބީބު ބުނިގޮތުން ސަމީއާ ބްލީޑްވާތީ ރަށުގެ ޑޮކްޓަރަށް ދެއްކުމުން ލަފާދިނީ މާލެ ދިޔުމަށެވެ. އެެހެންކަމުން ދެން ދިޔައީ މާލެ އެެވެ. މާލޭ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަށް ފަހު ރަނގަޅުވުމުން ދޫކޮށްލި އެެވެ. އެއަށް ފަހު ރަށަށް ދިޔައިރު ރޯގާގެ އަލާމަތްތައް ހުރުމާއި ގަދައަށް ކެއްސާތީއާ އެކު ރަށު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ކޮވިޑް ޓެސްޓް ހެދިކަމަށް ސަމީއާގެ ބޭބެ ބުނެއެވެ. 

"ރަށަށް ދިޔައިރު ވެސް އަނެއްހެން ރޯގާ ޖެހިފަހުރީ ދެން، ރަށަށް ގޮސްފައި ޓެސްޓުކުރީ ބަލިވެގެން، މާބޮޑަށް ކެއްސާފައި އުނދަގޫވާތީ އެޑްމިޓްކޮށްފައި އޭރު ޓެސްޓު ހެދީ. އޭރު ކަރަންޓީންގައި ހުރީ، ދެން ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް. ދެން އޭގެ ފަހުން އަނެއްކާ ދޫކޮށްލާފައި އޭރު ވެސް ވަރަށް ކެއްސާ، ހަމަ ކަރުން ލޭ އަންނަ ވަރަށް ކެއްސި" ސަމިއާގެ ބޭބެ ހަބީބު ކިޔައިދިނެވެ.

ސަމީއާގެ ބޭބެ ކިޔައިދިންގޮތުން އެއީ މެއި މަހުގެ ފަހުކޮޅު ހިސާބެވެ. އޭރު ވަރަށް ބޮޑަށް ކެއްސާ، އުނދަގޫވާން ފެށުމުން ރަށު ހޮސްޕިޓަލުގައި އެޑްމިޓްކުރިކަމަށާއި ފަހުން ނޭވާ ލާން ވެސް އުނދަގޫވާން ފެށި އެވެ. ސަމީއާ ރަށު ހޮސްޕިޓަލުގައި އެޑްމިޓްކުރީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. ނޭވާލާން އުަނދަގޫވާން ފެށުމުން ހަމަ އެދުވަހު މާލެ ފޮނުވާލި އެވެ. މާލެ އާދެވުނީ އެދުވަހު އިރުއޮށްސޭކަށް ހާއިރު ކަމަށާއި މާލެ ގެނެވުމާއެކު ހުުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ސަމިއާއަށް ފަރުވާދޭން ފެށިކަމަށް ބޭބެ ބުނެއެވެ. 

" ދެން ފަތިހުގައި އެކޮޅުން ބުނީ، ވެންޓިލޭޓަރަށް ލާންށޭ ޖެހޭނީ. ދެން އެރޭ ފަތިހު ވެންޓިލޭޓަރަށްލީ ލާފައި އަނެއް ދުވަހު މެންދުރެއްހާއިރު، ދަރުމަވަންތައަށް ބަދަލުކުރީ. ދަރުމަވަންތައަށް ބަދަލުކުރި ގޮތަށް ސިޒޭރިއަން ހެދި. ދެން ހަަމަ އޭގެފަހުން ވެންޓިލޭޓަރަށް ލާފައި އޮތީ. ނިޔާވުމާ ހަމަޔަށްވެސް ވެންޓިލޭޓަރުގަ އޮތީ،" ސަމީއާގެ ބޭބެ

ބޭބެ ކިޔާދިންގޮތުން ވެންޓިލޭޓަރަށް ލީއިރުވެސް ސަމީއާ އެހާ ސީރީޔަސްއެއް ނޫނެވެ. އޮކްސިޖަންވެސް އެހާ ދަށް ނޫން ކަމަށާއި، ބައެއް ދުވަސް ދުވަހު ދަށްވެ ރަނގަޅުވެލާފައި އަނެއް ދުވަހު ދަށްވެލާފައި، ހުރެދާނެ ކަމަށް ބޭބެ ބުނެއެވެ. އޭގެފަހުން އިއްޔެއަކީ ކޮއްކޮ ސަމީއާ ވަރަށް ރަނގަޅު ކަމަށް ޑޮކްޓަރު ބުނި ދުވަހެއް ކަމަށް އޭނާގެ ބޭބެ ބުނެ އެވެ. އޭގެފަހުން ވަރަށް ރަނގަޅަށް އޮތުމަށް ފަހު ސަމިއާގެ ހިތް ހުއްޓުނީ ކުއްލިއަކަށް ރޭ 10:15 ހާއިރު ކަމަށް ބޭބެ ބުނެއެވެ.

" ރޭގަ ވެސް މައުލޫމާތު ދެއްވީ ފުއްޕާމޭ ވައި ލީކުވާކަމަށް. އެ ވައިތައް ސާމިއާ ހަށިގަނޑުން ބޭރުކުރަން މަސައްކަތް ކުރި ވާހަކަ ވިދާޅުވި" - ސަމިއާގެ ބޭބެ

ސަމީއާ ބޭބެ ބުނީ ސާމިއާ މަރުވި ދުވަހުގެ ހެނދުނު ޑޮކްޓަރު ގުޅުއްވާފައި ވައި ލީކްވާތަނެއް ކެމެރާ ލައްވައިގެން ބަލައި ލީކުވާ ތަނަކަށް ހަށިގަނޑުން ލޭ ނަގައިގެން އެޅުމުން އާއްމުގޮތެއްގައި ބެނދޭނެ ކަމަށް ވިދާޅުވި ކަަމަށާއި، އެހެންނަމަވެސް ކެމެރާ ލައްވައިގެން ބެލިއިރު ވަރަށް ބޮޑަށް ފުއްޕާމޭ ފަޅައިގެންގޮސްފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވި ކަމަށް ހަބީބު ވިދާޅުވިއެވެ. 

"ޑޮކްޓަރު ވިދާޅުވީ، އެބަހުއްޓޭ ވަރަށް ބޮޑަށް ވަރަށް ގިނަ ތަންތަނުން ފުއްޕާމޭ ފަޅައިގެން ގޮސްފައި. އެންމެ ތަނަކުން ނޫނޭ ވަރަށް ގިނަ ތަންތަނުން ފަޅައިގެންގޮސް ވަަރަށް ލީކުވޭ އޭ. އެތަންތަނަށް ހަށިގަނޑުން ލޭ ނަގައިގެން އެޅުމުން ވެސް އެތަންތަނެއް ނުއެއް ބެދެޔޭ. ތިމަންނަމެންނަށް ދެވޭނެ އެންމެ މެކްސިމް ޓްރީޓްމެންޓް އެއޮތީ ދެވިފައޭ. ދެން އިތުރަކަށް ދެވޭނެ ޓްރީޓްމެންޓެއް ނެތޭ،" ޑޮކްޓަރުންނާ ހަވާލާދީ ހަބީބު ކިޔައިދިނެވެ.

ހަބީބު ބުނީ ސަމީއާ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ފުއްޕާމޭ ފަޅައިގެން ގޮސްފައި ހުރި ތަންތަނަށް ލޭ އެޅުމުން ވެސް އެތަންތަން ނުބެދޭތީ ދެން ދެވޭނެ ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. ޑޮކްޓަރު އުންމީދު ކަނޑާލާ، ފޯނުކޯލް ބޭއްވިތާ އިރުކޮޅެއް ނުވެ، އެ ރޭ 12:45 ހާއިރު ސަމީއާގެ ހިތްހުއްޓި ނިޔާވި ކަމުގެ ފޯން ކޯލް ޑޮކްޓަރުގެ ފަރާތުން ލިބުނު ކަމަށް ހަބީބު ބުނެއެވެ.

ވެންޓިލޭޓަރުގައި 15 ދުވަސް ހޭދަކުރުމަށް ފަހު ސަމިއާ އޭނާގެ އެންމެ ފަހުގެ ނޭވާ ދޫކުރިއިރު، ވެންޓިލޭޓަރަށް ލުމުގެ ކުރިން އޭނާގެ އަލަތު ދަރިފުޅު ވަނީ ސިޒޭރިއަން ހައްދައިގެން ނަގާފައެވެ. ސަމީއާ ދުނިޔެ ދޫކުރީ ފިރިމީހާ އާއި އާއިލާގެ އެކަކުވެސް ލޮލަށް ފެނިލުމުގެ ފުރުސަތު ނުލިބިއެވެ. 

ކޮވިޑަށް ޕޮޒިޓިވްވެފައިވުމާ އެކު މެއި 28 ވަނަ ދުވަހު ފެސިލިޓީއަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށި ފަހުން އާއިލާގެ މީހަކަށްވެސް އަދި ފިރިމީހާއަށް ވެސް ސަމީއާ ފެނިލުމުގެ އަދި ވާހަކަ ދައްކާލުމުގެ ފުރުސަތެއް ވެސް ނުލިބެ އެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާ، ވަގުތުން ނާސަރީއަށް ގެންދެވުނު އިރު، ސަމިއާ ލެވުނީ ވެންޓިލޭޓަރަށެވެ. 

ދަރިފުޅު ނާސަރީގައި އޮތުމުގެ ސަބަބުން އާއިލާއަށް ވެސް އަދި ސަމީއާގެ ފިރިމީހާއަށް ވެސް އެ ތުއްތު ދަރިފުޅުވެސް އަދި ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ތުއްތު ދަރިފުޅު ނާސަރީން މާދަމާ ވޯޑަށް ބަދަލުކުރާނެކަން އާއިލާއަށް އަންގާފައިވާ ކަމަށް ހަބީބު ބުނެއެވެ. 

ސަމީއާގެ ބޭބެ ހަބީބު ސީއެންއެމްއާ މިވާހަަކަތައް ހިއްސާކުރީ ފުން ހިތާމައާ އެކުއެވެ. އާއިލާއަށް ލިބުނު ފުން ހިތާމާގެ މިވަގުތުވެސް ސަމިއާގެ ފިރިމީހާވެސް ދައްކަމުންދަނީ ވަރުގަދަ ހިތްވަރެއްކަން ހަބީބު ފާހަގަކުރި އެވެ. 

ސީއެންއެމްއިން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވާ، ސަމީއާގެ ފުރާނައަށް ދާއިމީ ސުވަރުގެ މިންވަރުކޮށްދެއްވުމެވެ. 

13%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް