ads
އައިޖީއެމްއެޗް
ހާލުދެރަވެ ވެންޓިލޭޓަރަށްލީ 7 އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުން ނެގައިފި
ކޮވިޑް-19 ޖެހިގެން ހާލުދެރަވެ ވެންޓިލޭޓަރަށްލީ ހަތް އަހަރުގެ ކުޑަކުއްޖަކު ވެންޓިލޭޓަރުން ނަގައިފި އެވެ.

އެޗްއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އެޑްވައިޒަރީ ގުރޫޕްގެ ޗެއާޕާސަން ޑރ.އަހްމަދު ފައިސަލް ވިދާޅުވީ، މިހާރު މިއުޅޭ "ޑެލްޓާ ވޭރިއަސް" ގައި ވަރަށް ބޮޑަށް މާބަނޑުމީހުންނާއި، ކުޑަކުދިން ޕޮޒިޓިވްވެ ނުރައްކާ މިންވަރު ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. 

އެހެންކަމުން ރާޢްޖޭގައި މިހާރު މިކުރިމަތިވެފައިވާ ސާޖުގައިވެސް ވަރަށް ބޮޑަށް ކުޑަކުދިންނާއި، މާބަނޑު މީހުންނަށް ނުރައްކާވާތަން ފެންނަ ކަމަށެވެ. 

އެޔަށްފަހު ރަނގަޅު އުފާވެރި ހަބަރެއްވެސް އެބައޮތްކަމަށް ވިދާޅުވަމުން ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ކުޑަކުއްޖަކު ހާލުދެރަވެ، ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށެވެ. އެހެންނަމަވެސް އެ ކުޑަކުއްޖާ މިހާރުވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. 

"އަޅުގަނޑުމެންގެ ހޮސްޕިޓަލުގަ އޮތް ވެންޓިލޭޓަރަށް ލާންޖެހުނު ކުއްޖަކު މިހާރު މިވަނީ ވެންޓިލޭޓަރުން ނެގިފަ، އެހެންވީމަ އަދި ދޫވެސް ކޮށްލެވޭނެ އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހީވަނީ ރަނގަޅު އުފާވެރި ހަބަރެއް، ވެންޓިލޭޓަރުން ނެގުނުކަން ﷲގެ ރަހުމަތުން ލިބުނު ވަރަށް ބޮޑު ރަހުމަތެއް އެއީ. ٱلْحَمْدُ لِلَّٰهِ‎ " ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން ހާލުދެރަވެ، ވެންޓިލޭޓަރަށް ލާންޖެހުނީ ހަތް އަހަރުގެ ކުއްޖެކެވެ. ޑރ. ފައިސަލް ވިދާޅުވީ، އެކުއްޖާގެ ހާލަތު މިހާރުވަނީ ސީރިއަސް ހާލަތުން ކޮވިޑްގެ އާދައިގެ ހާލަތަކަށް ރުޖޫއަވެފަ ކަމަށެވެ. 

ނިމިދިޔަ މޭމަހު 400އާއި ގާތްކުރާ އަދަދަކަށް 1 އަހަރުން ދަށުގެ ކުޑަކުދިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން  ވަނީ ހާމަކޮށްފައެެވެ. އެޗްޕީއޭއިން ބުނީ އަލަށް އުފަންވާ ތުއްތުކުދިން ހިމެނޭގޮތަށް 1 އަހަރުން ދަށުގެ 381 ކުޑަކުއްޖަކު ނިމިދިޔަ މޭމަހުގެ ތެރޭގައި ޕޮޒިޓިވްވި ކަމަށެވެ. 

އަދި ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.  މިއީ އެވްރެޖްކޮށްބަލާނަމަ 10 އަހަރުން ދަށުގެ 52 އިންސައްތަ ކުދިންނެވެ.

ކޮވިޑްގެ ހާލަތު މާޗު މަހުން ފެށިގެން ރާއްޖޭގައި ގޯސްވަމުން އަންނައިރު، 18 އަހަރުން ދަށުގެ އެކި އުމުރުފުރާގެ ގިނަ ކުދިންވެސް ހިމެނެއެވެ. ކޮވިޑް ޖެހިގެން ހާލުސީރިއަސްވެ މޭމަހުގެ ތެރޭގައި އެކަނިވެސް 80އަށްވުރެ ގިނަ މީހުން މަރުވެގެންދިޔައިރު މި ފެށުނު ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 12:00ޖަހާކަށް ހާއިރުވަނީ 10 އަހަރުގެ ކުއްޖަކު ކޮވިޑް ޖެހިގެން މަރުވެފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިބަލީގައި މަރުވި ފުރަތަަމަ ކުޑަކުއްޖާއެވެ.

ކޮވިޑްޖެހުމުން ބޮޑުވަރުވާ މިންވަރު ދަށްކުރުމަށް ރާއްޖޭގައި ދެމުންއަންނަ ވެކްސިން އަކީ 18 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ހުއްދަދީފައިވާ ވެކްސިންއެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގެ ކުޑަކުދިންނަށް ވެކްސިންގެ ރައްކާތެރިކަން އަދި ލިބިފައެއް ނުވެއެވެ. 

އެހެންކަމުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށާއި ވެކްސިންއަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެޗްޕީއޭއިން ބުނީ ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ދަރީންނަށް ރައްކާތެރިކަން އިތުރުވެގެން ދާނެ ގޮތަކީ އެއީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް