ads
އަބުﷲ ޖާބިރު
ލޯނު ނުދިނީ ކުލަ އަލި ނޫންވީމަ ކަމަށް ވެދާނެ: ޖާބިރު
ރިސޯޓު ތަރައްގީކުރުމަށް ބޭނުންވާ ލޯނު ބޭންކު އޮފް މޯލްޑިވްސް އިން ނުދިނީ ހަމުގެ ކުލަ އަލި ނުވުމުން ކަމަށް ވެދާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތައް ލުއިދިނުމާ ބެހޭގޮތުން މިއަދުގެ މަޖިލީހަށް ހުށަހެޅިފައިވާ ގަރާރަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ އެ ގަރާރަށް ތާއީދުކުރަނީ ގަރާރު ކޮމިޓީއަށް ގެންގޮސް ސަރުކާރުން ލާރި ހޯދާނެ ގޮތެއް ސަރުކާރަށް ކިޔައިދޭން ކަމަށެވެ. ވިޔަފާރިތަކަށް އެހީވާ ފަދައިން ގޭގައި ބަންދުވެފައި ތިބި މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން ގޭބީސީ ތަކުގައި ދިރިއުޅޭ އެންމެންނަށްވެސް އެހީވާންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރިތައް ހިންގުމަށް އުނދަގޫވަނީ ގަވާއިދުތަކާއި ގާނޫނުތައް މާގިނަވުމުން ކަމަށެވެ. ވިޔަފާރިތައް ފްރީ ހޭންޑެޑްކޮށް އޮޕަރޭޓްކުރެވޭނެ ނިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާ ނުލައި ޓްރާންސްޕޭރެންޓުކޮށް ވިޔަފާރި ހިންގޭނެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށާއި ބޭންކު އޮފް މޯލްޑިވްސް ކޮމާޝިއަލް ކޮށް އޮޕަރޭޓް ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިހާރު ކަމަކަށް އެދުނީމާ ފުރަތަމަ އެއް މިނިސްޓްރީން ލިޔަނީ ބަންޑާރަ ނައިބަށް. ބަންޑާރަ ނައިބު ޖަވާބު ލިބުނީމަ ރައީސް އޮފީހަށް. މިދޭތެރޭގަ އެތައް މަހެއް އެބަވޭ. އެހެންވީމަ ވިޔަފާރިއެއް ނުކުރެވޭނެ. އަޅުގަނޑު މިވަގުތު އޮޕަރޭޓު މި ކުރަނީ މިހާރު ހުވަދުއަތޮޅުގައި އަޅުގަނޑު ހަދަމުންދާ ވަޓަވައްރެހާގަ. އިއްޒަތްތެރި ރައީސް މިތަން މިއޮތީ 80 ޕަސެންޓު އަޅުގަނޑު އެކުއިޓީން ހަދާފަ. 40 މިލިއަނުން. އެކަމަކު ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނުދިން. ވެދާނެ ފަހަރެއްގަ އަޅުގަނޑު ކުލަ އަލި ނުވީމާ ކަމަށް. އަޅުގަނޑަކީ އެބުނާ ކެޓެގަރީ." ޖާބިރު

ޖާބިރު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު އިންތިހާބުގެ ތެރޭގައި ވަޓަވައްރެހާ ނިންމުމަށްޓަކައި ބޭނުންވާ ފައިނޭންސް ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ބީއެމްއެމް އިން އެކަމަށް ބޭނުންވާ ލޯނު ނުދިނީ ފަހަރެއްގައި ކުލަ އަލި ނުވީމަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް