ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައިލް-
އިންޑިއާ އިންވެސްޓް ކުރިޔަސް ހަނިމާދޫ އެއާޕޯޓު ހިންގާނީ ދިވެހި ސަރުކާރުން: ފައްޔާޒު
ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓަށް އިންޑިއާއިން ފަންޑުކުރި ނަމަވެސް، އެ އެއާޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހާއެކު ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ފެތުރުމާ ގުޅިގެންނެވެ.

މިނިސްޓަރު ފައްޔާރު މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެ އެއާޕޯޓް ހިންގާ ބަލަހައްޓާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ އެސްއޯއީ އަކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުގައި ދިވެހި އަދި ބޭރުގެ އިންވެސްޓަރަކަށްވެސް ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގައި އެއާ ޓްރެފިކް އޮޕަރޭޝަން ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށާއި އެކަން ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ. އެކަން އޮޅުން އަރާގޮތަށް އޮތުމުން އިސްލާހުގެ އިބާރާތް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނިމާދޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ހަތް އަހަރުވެފައިވީ ނަމަވެސް އެތަން ތަރައްގީކުރަން ފަށާފައިވަނީ އެތަނުން ބައިނަލްއަގްވާމީ ފެންވަރަށް ހިދުމަތް ނުލިބޭތީއެވެ. އެއާއެކު ހަނިމާދޫގައި އަލުން އެއާޕޯޓު އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. އެއާއެކު، އެ ރަށުގެ ޖަމިއްޔާތަކާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް