ads
ވީޑިއޯ ރިޕޯޓް-
އެއާޕޯޓްތައް ހިންގަން ދޭ ވާހަކަ: އޮޅިގެންތަ؟ ގަސްތުގައިތަ؟
ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ބަދަލުގެނެސްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. އެއާއެކު ފެނުނީ ޕޮލިސީއަށް ގެނެވުނު ބަދަލު ރައްޔިތުންނަށް ދޭހަވިގޮތް ގޯސްކަން ހާމަކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ތަނެވެ. މިއާއެކު އުފެދޭ އެއް ސުވާލަކީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 100 ޕަސަންޓު ހިއްސާއާއެކު އެއާޕޯޓު އޮޕަރޭޓު ކުުރުމަށް ބަދަލު ގެނެވުނީ ގަސްތުގައިތޯ ނުވަތަ އޮޅިގެންތޯ؟ އެެވެ.

ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ބަދަލުގެނެސްފައިވާއިރު، އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެއެވެ.

އެގޮތުން ކުރީގެ ގަވާއިދުގައި ވާގޮތުން ނަމަ، އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 އިންސައްތަ އޮންނަ ކުންފުނިތަކަށް ކަމަށްވާއިރު، މިގޮތަށް ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ކުއްޔަށް ދެވޭނީ ގިނަވެގެން ފަސް އަހަރުގެ މުއްދަތަށެވެ. އެހެން ނަމަވެސް އެފްޑީއައި ޕޮލިސީއަށް ބަދަލުގެނެސް އިކޮނޮމިކް މިނިސްޓްރީން މި ޖޫން މަހުގެ 13 ވަނަ ދުވަހު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން، އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. ނަމަވެސް އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ސަރުކާރުން ބަދަލު ގެނެސްފައިވާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި އަދި ދިވެހިރައްޔިތުންގެ މަޖިލިސްކުރާގެގައިވެސް މިކަމާ ގުޅިގެން ދަނީ ބޮޑު ބަހުސެއް ކުރެވެމުންނެވެ. އެގޮތުން ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އެކި މެންބަރުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވާހަކަދައްކަވަމުން މެންބަރު ސައީދު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށްޓަކައި ވިޔަފާރިކުރާ ފަރާތްތަކަށް އެހީވާންޖެހޭ ކަމަށެވެ.

އެހީވާންޖެހުނު ނަމަވެސް މި ދަނޑިވަޅުގައި ރާއްޖޭގެ ފަޅުތަކާއި ރައްތައް ނީލަމަށް ލައިގެން ނުއަގުގައި ވިއްކަންޖެހޭ ސަބަބެއް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކާއި، ފިނޭންސް މިނިސްޓްރީއާއި، ރާއްޖޭގެ އެންމެ މައި އެއާޕޯޓު ހިންގުމަށް ބޭރުގެ މީހުންނާ ހަވާލުކުރަންޖެހުނު ސަބަބުވެސް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އާންމުންގެ ހިތްހަމަނުޖެހުންތައް ފާޅުކޮށް އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެއްޓުމުން އަނެއްކާވެސް ފެނިގެން މިދަނީ ސަރުކާރުގެ ރާގު ބަދަލުވަމުންދާ މަންޒަރެވެ. އެގޮތުން މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެ އެއާޕޯޓް ހިންގާ ބަލަހައްޓާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ އެސްއޯއީ އަކުން ކަމަށެވެ.

އަދި މިކަމާ ގުޅިގެން ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ. އަދި ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ މިފަދަ ހާލަތަކަށް އެމްއެމްއޭ ތައްޔާރަށް އޮންނަންޖެހޭ ކަމަށެވެ. އެގޮތުން އެމްއެމްއޭއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖާބިރު ފާހަގަ ކުރައްވާފައިވަނީ ދިވެހިރާއްޖެ ނޫން ހުރިހާ ގައުމެއްގައިވެސް ގައުމު މި ހާލަތަށް އަންނައިރު ސަރުކާރުން ފައިސާ ހޯދާނެ ގޮތްތަކަށް ބަލާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިންގުން ރަނގަޅުކުރަންޖެހޭ ކަަމަށެވެ. އެހެންކަމުން މިހާރު ގަވަރުނަރަކަށް ހުރި އަލީ ހާޝިމްގެ ބަދަލުގައި "ޒަމާނީ" ގަވަރުނަރަކު އެމަގާމަށް އައްޔަންކުރަންޖެހޭ ކަމަށެވެ.

"މިއަދު ލޯނެއްވެސް ނެގުން މަނާ މި ސަރުކާރަށް. މި ސަރުކާރު ކުންފުންޏެއްގެ ހިއްސާ ވިއްކުންވެސް މަނާ. މި ސަރުކާރަށް ފައިސާ ލިބޭނެ ގޮތެއް އަޅުގަނޑުމެން މަޖިލީހުން އެބަ ޖެހޭ ކިޔައިދޭން. އަޅުގަނޑު ހިތައް އަރަނީ ކޮބައިތޯ ލާރި ލިބޭނެ ގޮތަކީ. އަޅުގަނޑުމެން އެބަޖެހޭ ކޮމާޝަލް ބޭންކިން ސެކްޓާ ހުޅުވާލަން. އަޅުގަނޑުމެން އެބަ ޖެހޭ އެމްއެމްއޭގެ ގަވަރުނަރު ހަރުދަނާކޮށް އާ ގަވަރުނަރެއް ލާން. ގަވަރުނަރު މި ޒަމާނުގެ ބޭފުޅަކަށް ނުވަނީސް ކިހިނެތްތޯ ސެންޓްރަލް ބޭންކު ހިނގާނީ"

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މަޖުބޫރު ހާލަތުގައި ސަރުކާރުން އަލީ ހާޝިމަށް ވަޒީފާއެއް ދޭން ބޭނުންނަމަ، ކޮންމެވެސް އެހެން މަގާމަކަށް އައްޔަން ކުރުމަށްފަހު އެހެން ބޭފުޅަކު ގަވަރުނަރަށް އައްޔަން ކުރަންޖެހޭ ކަމަށެވެ.

ރާއްޖެގެ އެއާޕޯޓުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ސިޔާސީ ފަރާތްތަކާއި އަދި އާންމުންގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 

ބޭރުގެ ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާއާއެކު އެއާޕޯޓު ހިންގޭ ގޮތައް ބަދަލުގެނައީ ގަސްތުގަތޯ ނުވަތަ އޮޅިގެންތޯ މިއީ ކޮށްލަން ހަމަ ބުއްދިވެރި ސުވާލެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް