ads
މިނިސްޓަރު ފައްޔާޒް އަދި މެންބަރު ސައީދު
ކޫއްޑޫ އެއާޕޯޓު ބޭރު ބަޔަކާ ހަވާލުކުރީ ކޮން ސަރުކާރެއްގައި ކަމެއް ސައީދަށް ނޭނގުނު
ކޫއްޑޫ އެއާޕޯޓު ބޭރު ބަޔަކާ ހަވާލުކުރީ ކޮން ވެރިކަމެއްގައި ކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް އޮޅިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޫއްޑޫ އެއާޕޯޓާއި މާފަރު އެއާޕޯޓު 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ދިން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އޭރުގެ މިނިސްޓަރުން މިއަދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާތީ ފާޑުވިދާޅުވެފައެވެ.

މިނިސްޓަރު ފައްޔާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒްގެ މައުލޫމާތު ރަނގަޅުކޮށްލަން އެދޭ ކަމަށާއި ކޫއްޑޫ އެއާޕޯޓު ދީފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. 

އަދި އެ އަހަރު ވެރިކަމުގައި ހުންނެވީ ކާކުކަން މިނިސްޓަރަށް ކިޔައިދޭން ނުޖެހޭނެކަމަށެވެ އަދި އެ މަޝްރޫއުގެ ބިޑް ކޮމިޓީގެ ޗެއާ ކަން ކުރެއްވީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަންނަވާ ނަމަ ސައީދަށް އަންގާލަދިނުމަށް ވިދާޅުވިއެވެ.

ސައީދަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ 2014 ވަނަ އަހަރާއި ހަމައަށް ކޫއްޑޫ ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިން ކަމަށެވެ. ނަމަވެސް އެ އަހަރު އެ އެއާޕޯޓު ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ދިން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާލުވީ 2014 ވަނަ އަހަރު ވެރިކަމުގެ ހުންނެވީ ކާކުކަމާއި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ކާކުކަންވެސް ސައީދުއަށް ވެސް އެނގިވަޑައިގަންނަވާނެކަމަށެވެ. މިނިސްޓަރު ފައްޔާޒު ވަނީ އިތުރަށް ސާފުކޮށްލުމަށް އިކޮނޮމިކް މިނިސްޓްރީގެ ޕްރެސް ބެލުމަށް ސައީދުގެ ކިބައިން އެދިވަޑައިގެންފައެވެ. 

މިނިސްޓަރު ސައީދަށް ރައްދުދެއްވަމުން ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އޭރުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމަށް އެނބުރި ދާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކޫއްޑޫ އެއާޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިންގަޕޫރުގެ ބޮނަވިސްޓާއާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި ތަރައްގީކުރި އެއާޕޯޓެކެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. އެއަށްފަހު އެއާޕޯޓު ހިންގަމުން އައީ ސަރުކާރުންނެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކޫއްޑޫގައި ހަދާފައިވާ އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަން އާ ވަނީ ހިންގުން ހަވާލުކޮށްފައެވެ. 

ސަރުކާރާ އެކު ހެދި 25 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ކުއްޔަށް ދިނީ އަހަރަކަށް 24،000 ޑޮލަރު (ގާތްގަނޑަކަށް 370،000ރ.) އަށެވެ. އެއާޕޯޓު ތަރައްގީކޮށް ރަސްމީކޮށް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރެގައެވެ.

ކޫއްޑޫ އެއާޕޯޓުގެ ހިންގުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ ސަރަހައްދީ އެއާޕޯޓުތައް ހިންގުމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއްކުރަން ޖެހޭ ކަމަށާއި އެއާޕޯޓު ހިންގައިގެން އެ ގެއްލުން ސަރުކާރަށް ފޫނުބެދޭ ކަމަށް ބުނެއެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް