ads
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
އެއްތަތްގަނޑަކަށް، ފަހާފައޮންނަ ކޯޓެއް ގޮތަށް ހައުސިން ކުރިއަށް ނުގެންދާނަން: އަސްލަމް
ސަރުކާރުން ހައުސިން ޕްރޮގްރާމްތައް ހިންގާނީ އެކި ގިންތީގެ އެކި ކަހަލަ އެކި މިންވަރުގެ ތަނަވަސްކަން ހުރި މީހުންނަށް ބޭނުންވާ ގޮތަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތައް ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ، ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި، ދިވެހި މުޖުތަމަައު ބެހިފަ އޮތް ގޮތަށް ބަލައިގެން އެކި ގިންތީގެ މީހުންނަށް ބޭނުންވާ ގޮަތަށް ހައުސިން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. 

"އެއްތަތްގަނޑަކަށް އެއް ޓެންޕްލޭޓަކަށް ހުންނަ އެންމެންނަށް އެކައްޗެއް އެންމެންނަށް ފަހާފަ އޮންނަ އެއް ސައިޒެއްގެ ކޯޓެއް ގޮތަކަށް ހައުސިން ޕްރޮގްރާމްތައް އަޅުގަނޑުމެން ކުރިއަކަށް ނުގެންދާނަން. އެ ސިޔާސަތުގެ ދަށުން ތިބޭފުޅުންނަށް މިއަދު ފާހަގަކުރެވިގެންދާނެ އަޅުގަނޑުމެން މިއަދު މި ބިންގާ އަޅާ މި ފަށާ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި މިކްސްޑް ޑިވިލޮޕްމެންޓެއްގެ ތެރެއިންކަން މިކަން ކުރިއަށް މިދަނީ" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ހައުސިން ސިޔާސަތުގައި އެކުލެވިގެންވާ ހަތަރު ކެޓަގަރީގައި ކައުންސިލް ހައުސިން ހިމެނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މީގެ ކުރީގައި ރައީސް މައުމޫންގެ ޒަމާނުގައި، މާލޭގައި ކައުންސިލް ހައުސިން ތަކެއްހުރި ކަމަށާއި އެހެންނަމަވެސް އޭގެފަހުން ކައުންސިލް ހައުސިން ތަކެއް ނުހުނަތާ ވަަރަށް ޒަމާންވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މުޅިންވެސް އަޅަނީ އެއްތަތްގަނޑަކަށް، އެއް ސައިޒަކަށް އަދި އެއް އަގެއްގައި އެންމެންނަށް ދިނުމަށް އަޅާ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އެގޮތުން އެންމެ ނިކަމެތި މީހާވެސް އެންމެ ތަނަވަސް މީހާވެސް ސަރުކާރުން ކުރިއަށް ގެންދާ ހައުސިން ޔުނިޓްގެ ދަށުން ގެދޮރުވެރިކަން ހޯދަން ބޭނުންވާނަމަ ހޯދަންޖެހެނީ އެންމެންނަށް އެއް އަގެއްކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި، މުޖުތަމައުގެ ތަނަވަސްކަންވެސް ބެހިފަވަނީ އެކި މިންވަރަަށް ކަަމަށެވެ.

"އަޅުގަނޑުމެން މާލޭގެ އާބާދީގަ ހައުސިންއަށް ބޭނުންވާ އާއިލާތައް ތިބި އަދަދު ބަލާފަ ހައުސްހޯލްޑް އެކްސްޕެންޑިޗަ ސާވޭއިން އަޅުގަނޑުމެންނަށް ލިބެންހުރި މައުލޫމާތުގެ އަލީގަ، މުޖުތަމައުގެ އާއްމުދަނީ ބެހިފަހުރި ގޮތަށް ބަލާފަ، އަޅުގަނޑުމެން މިވަނީ މިދެންނެވި ހަތަރު ކެޓަގަރީއަށް ބަހާލާފަ ކުރިއަށް ގެންދަން މިިހާރު މިކުރިއަށް ދަނީ އެގޮތުން ކުރިއަށްދާ މަޝްރޫއުއެއް" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މި ހައުސިން މަޝްރޫއު އިފްތިތާހުވެގެން ދިޔުމުން ލިބޭ އެންމެ ބޮޑު އެއް އުފަލަކީ މި މަޝްރޫއު ކުރިއަށްދަނީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުން އެ މަސައްކަތް ކުރިއަށް ގެންދާތީ ކަމަށެވެ. 

މާލޭ ސިިޓީގައި ދިމާވެފައިވާ ބޯހިޔާ ވަހިކުަމުގެ ދަތިކަމަށް ހައްލެއް ގެނެސް އަތްފޯރާ ފަށެއްގައި ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އިސް ނަންގަވައިގެން ހިންގާ އެ މަޝްރޫއުއަކީ ކައުންސިލް އަދި އެފޯޑަބަލް ހައުސިން، މީގެ އިތުރުން މިޑް ޓު ހައި ރޭންޖުގެ ހައުސިން ޔުނިޓްތަކުގެ ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ހިމެނޭގޮތަށް 1000 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓް އާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކުރެވުނު މަޝްރޫއުއެކެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް