ads
އަލީ ސޯލިހް
ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނައީ ރައީސް ސޯލިހު: އަލީ ސޯލިހު
ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީ އާއި، އެމްއާރުއެމް އާއި، އަދާލަތު އަދި އެމްޑީޕީއާ އެކު ކޯލިޝަން ހައްދަވައިގެންނެވެ.

ސީއެންއެމް އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އަލީ ސޯލިހު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް އައީ ރާއްޖޭގައި އޮތް އެންމެ ހިޔާލު ތަފާތުވުން ބޮޑު ހަތަރު ލީޑަރުންނާއެކު ކޯލިޝަން ހައްދަވައިގެން ކަމަށެވެ. އެ ހަތަރު ބޭފުޅުން އެއް ގަލަކަށް އަރުއްވައި ވެރިކަމަށް ވަޑައިގަތުމުން ރައީސް ސޯލިހަކީ ވަރުގަދަ ލީޑަރެއްކަން ހާމަވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އެގޮތުން 2008 ވަނަ އަހަރު ހެއްދެވި ކޯލިޝަންވެސް ރޫޅިގެން ގޮސްފައިވާކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ ރައީސް ސޯލިހަކީ ރާއްޖެ މިހާތަނަަށް ދުށް ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ، އަދި އެންމެ ހިކުމަތްތެރި ލީޑަރު ކަމަށެވެ. 

"އަޅުގަނޑުމެން މިތިބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި މިއޮތް ކޯލިޝަންގަ. އަޅުގަނޑުމެން މިތިބީ ކޯލިޝަން ވެރިކަމެއްގަ. ރައީސް ސޯލިހަކީ މިގައުމުގަ މިހާތަނަށް ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ، ހިކުމަތްތެރި ރައީސް. މި ނޫން އެއްވެސް ބޭފުޅަކަށް މިކަން ކުރެވުނު ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު." އަލީ ސޯލިހު

އަލީ ސޯލިހު އިތުރަށް ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ވަރުގަދަ ލީޑަރެއް ކަމަށާއި ރައީސް ސޯލިހު ނަންގަވާ ކޮންމެ ޑިސިޝަނެއްވެސް ނަންގަވާނީ ގައުމަށް ހެވާ ލާބަ އެދިގެން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައީ ރާއްޖޭގަ އޮތް އެންމެ ހިޔާލު ތަފާތުވުން ބޮޑު ހަތަރު ލީޑަރުންނާއެކު ކޯލިޝަން ހަދައިގެންނެވެ. މި ހަތަރު ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ތިބި އެންމެ ހިޔާލު ތަފާތު ހަތަރު ބޭފުޅުން އެއް ގަލަކަށް އަރުއްވައި އަދި އެ ހަތަރު ބޭފުޅުންގެ ފަރާތްޕުޅުން ލީޑުކުރައްވަން ހުންނެވީ ރައީސް ސޯލިހު. އެހެންކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ މި ހާލަތުގައި ގައުމު ހެޔޮގޮތުގައި ކުރިއަށް ގެންދެވިފައިވަނީ، ގައުމުގެ މަސްލަހަތު ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވި އެންމެ ވަރުގަދަ ލީޑަރަކީ ރައީސް ސޯލިހޭ" އަލީ ސޯލިހު

ރައީސް ސޯލިހަކީ ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ ލީޑަރުކަމަށް އަލީ ސޯލިހު ވިދާޅުވެފައިވާއިރު، އެމްޑީޕީ ނޫން ކޯލިޝަން ޕާޓީތަކުގެ ސްލޮޓުތަކުގައި އެކި މިނިސްޓްރީތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުން ވަނީ މީގެ ކުރިން އެ މަގާމުތަކުން ވަކިކޮށްފައެވެ. އަދި ކޯލިޝަންގެ ބައިވެރިން މިނިސްޓްރީތަކުގައި ތިބުމުން ސަރުކާރާއި އެމްޑީޕީގެ ރިޔާސީ ވައުދުތައް ފުއްދަން އުނދަގޫވާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް