ރައީސް ނަޝީދު
ލާދީނީ ގޮވުން ހުއްޓުވަން ރައީސް ނަޝީދުގެ ޕެޓިޝަނެއްގައި ސޮއިކުރަން އެދިވަޑައިގެންފި
Share
ލާދީނީ ގޮވުން ހުއްޓުވުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
Advertisement

ރައީސް ނަޝީދު ފޭސްބުކުގައި ވަނީ އެ ޕެޓިޝަނުގެ ލިންކު ހިއްސާކޮށް، އޭގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.

މި ޕެޓިޝަނަކީ ހަސަން ކުރުސީ ނަމަކަށް ކިިޔާ މީހަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަދާފައިވާ ޕެޓިޝަނެކެވެ. އޭގައި ބުނާ ގޮތުން އެމީހުން ބޭނުންވަނީ މީހުންނަށް ލާދީނީ ގޮވުމާއި ކާފަރު ކުރުން ހުއްޓުވާށެވެ. އަދި އެއީ ގާނޫނުން ފާސްކުރަން ޖެހޭ ކަމެއް ކަމަށް އޭގައި ވަނީ ބުނެފައެވެ.

ލާދީނީ ލޭބަލްގެ ސަބަބުން ފާއިތުވި 10 އަހަރު ތެރޭގައި މާލެ މަގުމަތީގައި ގިނަ ބައެއްގެ ލޭ އޮހޮރިފައިވާ ކަން ފާހަގަކޮށް އޭގައި އިތުރަށް ބުނީ މިދިޔަ މަހު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން ކޮންޓްރޯލުން ނެއްޓޭކަމުގެ މިސާލެއް ކަމަށެވެ. އަދި މިފަދަ މީހުން ބޭނުން ކުރާ އެންމެ މޮޅު އުކުޅަކީ އެހެން މީހުންނަށް ލާދީނީ ގޮވުން ކަމަށް ވެސް ވަނީ ބުނެފައެވެ. 

އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށާއި ބޭނުންވަނީ ތަހުޒީބީ، މެދު މިނުގެ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށް ޕެޓިޝަންގެ ލިޔުމުގައިވެއެވެ. އަދި މިއަދު މިކަން ނުކޮށްފިނަމަ ކުރިއަށް އޮތް ޖީލުތަކަށް ވެސް މީގެ އަސަރު ކުރާނޭ ކަމަށް ވަނީ ބުނެފައެވެ.

މިފަދަ ޕެޓިޝަނެއް އާންމުވެފައިމިވަނީ މިކަން މަނާކުރާ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. މުސްލިމަކާ ދިމާއަށް، މުސްލިމެއްނޫނޭ ނުބުނެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔިޔުންވެސް ވަނީ އަމާޒުވެފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އެ ބިލަކީ ދީނަށް ހަޖޫ ޖަހާ މީހުންނަށް ގާނޫނީ ބާރުދިނުމަށް ކުރާ މަސައްކަތެކެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ހިސާންގެ އެ ބިލާ ދެކޮޅަށް ތެދުވެފައެވެ. 

އަދި ގިނަ ބަޔަކު، ޓްވިޓާގައިވެސް މިކަމާ ދެކޮޅަށް "ބޭން ސެކިއުލާ ބިލް" ގެ ނަމުގައި ކެމްޕެއިނެއް ވަނީ ފަށާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް