ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޝަރީއަތް މިއަދު ހަވީރު ބާއްވަނީ
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ކޮށްފައިވާ ޖިންސީ ފުރަސާރައިގެ އަޑު އެހުން މިއަދު 15:00 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. އަލީވަހީދު ޝަރީއަތުގައި ބައިވެރިވަނީ ލަންޑަނުގައި ހުންނަވައިގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އަލީ ވަހީދަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ ހަތް ދައުވާއެކެވެ. 

އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައިއެވެ. އޭނާ ޖަރުމަނަށް ވަޑައިގަތީ ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ. 

މިކަމާގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ބައެއްމީޑިއާތަކަށް މިއަދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގުމަކީ ގޮންޖެހުންތައް ހުރި ކަމަކަށްވާނެއެވެ.

އޭނާ ވިދާޅުވީ މިސާލަކަށް އޮންލައިންކޮށް ރާއްޖޭން ބޭރުގަ ހުރެފަ ކޯޓުގެ ހުރުމަތް ކަނޑާލައިފިނަމަ ދެން ހަދާނީ ކިހިނެއްތޯ ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ.

އެހެންކަމުން ޝަމީމް ވިދާޅުވި ގޮތުގައި، ޝަރީއަތް ހިންގަން ވާނީ ތަންފީޒު ކުރެވޭނެ ގޮތެއް އޮންނަ ގޮތަކަށް ކަމަށާއި އެހެންނޫންނަމަ ވާނީ ޖޯކަކަށް ކަމަށެވެ.

އެގޮތަށް ޝަރީއަތް ކުރުމަކީ  ޝަރީއަތް ކުރުމުގެ މުޅި މި ނިޒާމާ އެއްކޮށް ހިނގާނެ ކަމަކަށް ވާނެކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެޝަރީއަތް ކެންސަލް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން އެ އޮފީހަށް މިމަހުގެ 10 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދު އެދުމުން، އެދުވަހު ބާއްވަން އުޅުނު އަޑުއެހުން ވަނީ ކެންސަލްކޮށްފިއެވެ 

އޭނާ ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކޮށްފައިވަނީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އެދުމުގެ އިތުރުން އަލީ ވަހީދުގެ ބައެެއް މެޑިކަލް ޑޮކިއުމެންޓްސް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

ނަމަވެސް އަލީ ވަހީދު ހުށަހެޅި ޑޮކިއުމެންޓްސް މިހާތަނަށް ޕީޖީއަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ އެދުވަހު ވިދާޅުވިއެވެ.

ޕީޖީން އިތުރަށް ވިދާޅުވީ ޝަރީއަތް އެހެން ދުވަހަކަށް ފަސްކުރުމުން އިތުރަށް ބަލަންޖެހޭ ކަންކަން އެއޮފީހުން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ބޭރަށްގޮސް ބޭސްފަރުވާ ކުރުމަށް އަލީ ވަހީދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 4 މަހުގެ މުއްދަތެކެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވަނީ އަޑުބަރޭ ޖާމިނު ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖާމިނުވާ މީހާ އިޤްރާރާ ހިލާފުވެއްޖެނަމަ އެއް އަހަރަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށް ނުވަތަ ދެ އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަށް ނުވަތަ 15،000 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް