ވީޑިއޯ ރިޕޯޓް-
އަލީ ވަހީދަށްޓަކާ ޝަރުއީ ނިޒާމް "ގަޑުބަޑު"ކުރަނީތަ!
Share
ގައުމުގެއްގެ އިޖްތިމާއީ ފޭރާން ރަނގަޅުވެ، އެ ގައުމެއްގެ ސުލްހަމަސަލަސް ކަމާއި އަމަންއަމާންކަން ގާއިމްވެގެންދާނީ ރަނގަޅު އިތުބާރު ކުރެވޭ ޝަރުއީ ނިޒާމެއް ލިބިގެންނެވެ. ރައްޔިތުން ރާއްޖޭގެ ޝަރުއީ ނިޒާމް ރަނގަޅުވުމަށް އެދެމުން އަންނަނީ އިއްޔެ އަކު މިއަދަކު ނޫނެއެވެ. ކޮންމެ ސަރުކާރެއްގެ ފަރާތުންވެސް ރައްޔިތުން އެދެނީ އިންސާފު ގާއިމްކޮށް ދިނުމަށެވެ.
Advertisement

ކޮންމެ ރިޔާސީ އިންތިހާބަކަށް އޭރަކު އިދިކޮޅުގައި ތިބޭ ބަޔަކު ރައްޔިތުންގެ ލޯބި ހޯދުމަށްޓަކާ ވާ ވައުދަކީ އިންސާފު ގާއިމްކޮށްދޭނެ ކަމަށް ބުނެވާ ވައުދެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެގެންދާއިރުވެސް، އެ ބުނާ ވައުދު އޮންނަނީ ހަމައެކަނި އަނގައިން ބުނެލާ އެއްޗެއްގެ ގޮތުގައެވެ. ފުއްދޭތަނެއް އަދި ފުއްދަން އުޅޭ ތަނެއްވެސް ނުފެނެއެވެ.

މިހާރު ރާއްޖޭގެ ވެރިކަން ކުރަމުން މި އަންނަ ކޯލިޝަން ސަރުކާރުންވެސް ކެމްޕޭން ތެރޭގައި އަޑަށް ބާރުލާފައި ބުނަމުން ގެންދިޔައީ، ޝަރުއީ ނިޒާމުން ގެއްލިފައިވާ އިތުބާރު ހޯދައިދީ އިންސާފު ހޯދައިދޭނެ ކަމަށެވެ. ނަމަވެސް މި ވައުދުގެ ފުދުނީ ކިތައް އިންސައްތަތޯ ބަލަންޖެހެއެވެ. ރައްޔިތުން އިންސާފަށް އެދި ދެކެމުން މި އަންނަ ހުވަފެން، ބިލާހަކަށް ވެދާނެ ކަމަށް ހީވާ ކަހަލަ މަންޒަރުތައް ފެންނަމުން އަންނަ ކަމަށް މިއަދު ރައްޔިތުން ބުނަން ފަށައިފިއެވެ.

 މި ސަރުކާރު އައުމުން ވެސް އިންސާފުވެފައި މި ވަނީ ވަކި ބަޔަކަށް ލިބެންޖެހޭ އެއްޗަކަށެވެ. ޝަރުއީ ނިޒާމްވެސް މި ބަދަލުވަނީ ސަރުކާރު ގަޔާވާ ނޫނީ ސަރުކާރުން ބޭނުންވާ މީހާއަށް ހިތުހުރި ގޮތަކަށް ކުޅެލެވޭ ބޯޅައަކަށެވެ. އެ މީހަކު ބޭނުންވާ ގޮތަށް ގާނޫނުތަކާއި ގަވާއިދުވެސް ބަދަލުވެގެން ދިއުމެވެ. މިހެން ދަންނަވަން މި ޖެހެނީ މިހާރު ކަންތައް ހިނގަމުން މި އަންނަ ގޮތާއި ފެންނަ މަންޒަރަށް ބަލައި ރިއާޔަތް ކުރުމަށް ފަހުއެވެ.

އަޅުގަނޑު އިޝާރާތް ކުރަމުން މި އަންނަނީ ވަކި މީހަކު ބޭނުންވާ ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމް މިއަދު ބަދަލުވަމުން އަންނަ މަންޒަރު ފެންނަން ފަށައިފި ކަމުގެ ވާހަކައެވެ. އެ ފަރާތުން ބޭނުންވީމައި ރާއްޖޭގެ ތާރީހުގައިވެސް ކޮށްފައިނުވާ ކަންތައް ކަޅު އަކުރުން، ވަކި މީހަކަށްވީތީ ކުރި ކަމަށް ލިޔަން މަޖްބޫރުވި ކަމުގެ ވާހަކައެވެ. އެ ފަރާތެއްގެ ނަން ނުބުނެވި އަޅުގަނޑުގެ ވާހަކަ މާ ދިގުވެސް ވެއްޖެއެވެ.

އަޅުގަނޑު  އިޝާރާތް ކުރަމުން މި އަންނަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތަށެވެ. މުޅި ޝަރުއީ ނިޒާމް މި ފެންނަނީ އެ ބޭފުޅާ ބޭނުންވާ ގޮތަށް ނުވަތަ އެދޭ ގޮތަށް ބައްޓަން ވަމުން އަންނަ މަންޒަރެވެ. ހޭވެސް އަހައިނުލައި އެ ބޭފުޅާއަށްޓަކާ ހުރިހާ ކަމެއް ބަދަލުވެގެން އަންނަ މަންޒަރެއެވެ. ރިހާކުރުފުޅި ވަގަށް ނެގި މީހާ ހުރި ތާކަށްގޮސް، އޭނާ ހޯދައި ގެނެސް ބޭނުންވާ މުއްދަތަށް ހުކުމް ޖަހައި އޭނާ ޖަލަށް ފޮނުވާލެވުނަސް އަލީ ވަހީދާއި ދޭތެރޭ މިފަދައިން އަމަލުކުރެވޭ ތަނެއް ނުފެނެއެވެ.

 އަލީ ވަހީދަކީ ސިޔާސީ ބޭފުޅަކަށް ވީތީ، ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް ވީތީ މި ފެންނަނީ ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތްވެސް ބަދަލުވެގެންދިޔަ ތަނެއެވެ. އެ ބޭފުޅާ ރާއްޖެ ވަޑައިނުގެން ވިޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ޝަރީއަތް ގެންދަން ބޭނުންވާ އިރަށް،  "ޔޭސް ބްރޯއޭ" ވިދާޅުވެ، ހަމަ އެ ގޮތަށް އެ ބަދަލުވީއެވެ. މާތް ކަލާކޯއެވެ. މި ގައުމުގައި އިންސާފަކީ ބާރުގަދަ މީހުންގެ ހައްގެއް ކަމަށް ކަނޑައެޅޭ ހާލަތައް ދަނީ ބާއޭ، މިއަދު ގިނަ ދިވެހި ރައްޔިތުން ސުވާލު އުފައްދަން ފަށައިފިއެވެ. 

ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ޝަރުއީ ނިޒާމުން މިހާތަނަށް އައިއިރު ކޮށްފައިނުވާ ކަމެއް، އަލީ ވަހީދަށްޓަކައި އެ ދަނީ ކުރެވެމުންނެވެ. ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި އޭނާ ބަހައްޓައިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމިއިރު، ކޯޓުގެ މި ނިންމުމަށް ހުދު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޝަރީއަތްތައް ކުރިއަށްދާންޖެހޭނެ އިޖްރާއަތްތަކާއި އުސޫލްތަކެއް އޮންނައިރު، ރާއްޖޭގެ ޝަރުއީ ބާރުތައް ނުހިނގާ ތަނެއްގައި އަލީ ވަހީދުގެ ޝަރީއަތް ތާވަލްކޮށްގެން ކުރިއަށް ގެންދަން މި އުޅެނީ ހަގީގަތުގައިވެސް އިންސާފު ހޯދައިދޭންބާއޭ ސުވާލުއުފެދެއެވެ. މި ސުވާލުތައް އުފައްދަންޖެހޭ ސަބަބުތައް ގިނަ އެވެ. ސަބަބަކީ ޝަރީއަތެއް ކުރިއަށް ގެންދަން މި ޖެހެނީ އިންސާފު ހޯދައިދިނުމަށް ކަމަށްވާއިރު، މި ހާލަތުގައި އިންސާފުވެރިކަމާއެކު މި ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމާއި މެދު ސުވާލު އުފެދޭތީއެވެ.

މިސާލަކަށް އަލީ ވަހީދު ލަންޑަންގައި ހުންނަވާ އެ ތާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން ޝަރީއަތުގެ މަޖިލީހަށް ހުރުމަތްތެރިކޮށް ނުހިތައި،ޝަރީއަތުގެ މަޖިލީހުގެ ގަދަރު ގެއްލޭފަދަ އަމަލެއްކޮށްފިއްޔާ އޭނާ ހުއްޓުވާނީ ކިހިނެއްތޯއެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށް ގެންދާ ޝަރީއަތެއްގައި އަލީ ވަހީދު ހިތްހަމަޖެހިވަޑައިނުގެން ޝަރީއަތުގެ މަޖިލިސް ދޫކުރައްވާ ވަޑައިގެންފިނަމަ، އޭނާއަށް ފިޔަވަޅެއް އެޅޭނެތޯއެވެ. ޝަރީއަތް ހިންގާ އުސޫލްތަކެއް އޮންނައިރު، އެއަށް ހުރުމަތްތެރިކޮށް ނުހިތައިފިނަމަ، އޭނާ އަށް ފިޔަވަޅު ނޭޅޭ ފަދަ ތަނެއްގައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތް ބަހައްޓައިގެން، ފަށާ ޝަރީއަތެއްގެ އިޖްރާއަތްތައް ހަމަވާނެތޯ، ހުދު ގާނޫނީ ވަކީލުންވެސް ގެންދަވަނީ ސުވާލުއުފައްދަވަމުންނެވެ.

ރާއްޖެއަށް ބަލާއިރު މި ގޮތަށް ގައުމުން ބޭރުގައި ހުންނަ ފަރާތެއްގެ ޝަރީއަތް ކުރިއަށް ގެންދާނެ އުސޫލެއް ނޫނީ ގާނޫނީ ފްރޭމެއް އެކުލެވިފައި ނެތް އިރު، މި ކަން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން މި އަންނަ އައުމަށް ގިނަ ބަޔަކު އަންނަނީ ސުވާލުއުފައްދަމުންނެވެ. މިއީ ހަމަ އިންސާފު ހޯދައިދޭންތޯ ނުވަތަ ޝަރީއަތް ހިންގީއޭ ބުނަން ކުރަމުން އަންނަ ކަމެއްތޯ ވާހަކަ ދެކެވެއެވެ. ބައެއް ފަރާތްތަކުން ދެކެނީ މިއީ "އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ކުރާ ކަމެއްގެ ގޮތުގައެވެ.

ގާނޫނުތައް ހަދާފައި އޮންނަނީ ނަތީޖާ ނެރެން ކަމަށްވާއިރު، ނަމަކަށް ޝަރީއަތެއް ހިންގައިގެން ނެރެވޭނީ ކޮން ނަތީޖާއެއްތޯއެވެ. މި ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންގޮސް އަލީ ވަހީދަށް ހުކުމެއް އައިސްފި ކަމުގައިވާނަމަ، އޭނާ ރާއްޖެ ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަން ހުދު މިކަން ކުރައްވަމުން އަންނަ ފަރާތްތަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ތަޖްރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ބައެއް ފަރާތްތަކުން ވިދާޅުވަމުން އަންނަ ގޮތުގައި އަލީ ވަހީދަކީ ލަންޑަނުން ހިމާޔަތް ހޯދާފައިވާ މީހަކަށްވާއިރު، އޭނާއަށް ހުކުމެއް ކުރިޔަސް ރާއްޖެ ގެނެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން މިއީ އަލީ ވަހީދަށްޓަކާ ކުޅެވެމުން އަންނަ ޝަރުއީ ޑްރާމާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މި ޝަރީއަތް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްވެސް ސިފަކުރައްވާފައިވަނީ  ބޮޑު ޖޯކެއްގެ ގޮތުގައެވެ. މިކަމާގުޅިގެން ޕީޖީ ޝަމީމު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގުމަކީ ގޮންޖެހުންތައް ހުރި ކަމަކަށްވާނެއެވެ. އޭނާ ވިދާޅުވީ މިސާލަކަށް އޮންލައިންކޮށް ރާއްޖޭން ބޭރުގައި ހުރެފައި ކޯޓުގެ ހުރުމަތް ކަނޑާލައިފިނަމަ ދެން ހަދާނީ ކިހިނެއްތޯ ކަމާމެދު ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން ޝަމީމް ވިދާޅުވި ގޮތުގައި، ޝަރީއަތް ހިންގަން ވާނީ ތަންފީޒު ކުރެވޭނެ ގޮތެއް އޮންނަ ގޮތަކަށް ކަމަށާއި އެހެންނޫން ނަމަ ވާނީ ޖޯކަކަށް ކަމަށެވެ. އެގޮތަށް ޝަރީއަތް ކުރުމަކީ ޝަރީއަތް ކުރުމުގެ މުޅި މި ނިޒާމާ އެއްކޮށް ހިނގާނެ ކަމަކަށް ވާނެކަމަށް ގަބޫލެއް ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ބޭނުންވީމައި އޭނާ ބޭސްފަރުވާއަށް ފުރުވާލާފައި، އެނބުރި އަންނަން ދިން ތާރީހަށް ވަޑައިނުގެންނެވީމައިވެސް އެޅުނު ފިޔަވަޅެއް ނެތެވެ. ހިތުހުރި ގޮތަކަށް ގާނޫނުތައް މުގުރަމުން އަންނައިރު، ގާނޫނުތަކަކީ ވަކި ބަޔަކަށް އޮތް އެއްޗެއް ކަމަށް، އަނެއްކާވެސް ރައްޔިތުން މިއަދު ބުނަން ފަށައިފިއެވެ. ރާއްޖެއިން ބޭރަށްގޮސް ބޭސްފަރުވާ ކުރުމަށް އަލީ ވަހީދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ ހަތަރު މަހުގެ މުއްދަތެކެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ. 

އަލީ ވަހީދު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވަނީ އަޑުބަރޭ ޖާމިނު ކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ނުވަތަ ދެ އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަށް ނުވަތަ 15،000 ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކަންތައް ފެންނަމުން މި ދަނީ ގާނޫނު އަސާސީގައި މި ބުނާ ގޮތަށްތޯއެވެ؟ ކިތަންމެ މޮޅަށް ރީތިކޮށް ގާނޫނު އަސާސީއެއް ހަދާފައި އޮތް ކަމަށް ވީ ނަމަވެސް، އެ ގާނޫނު އަސާސީގައި ބުނެފައި އޮންނަ ގޮތަށް އަމަލުކުރަމުން ނުދާނަމަ ލިބޭނެ އެއްވެސް އިންސާފެއް ނެތެވެ.

ގާނޫނުވެސް މި ވަނީ ބާރުގަދަ މީހާ ބޭނުންވާ ގޮތަށް ބަދަލުވާ އެއްޗަކަށެވެ. ޝަރުއީ ނިޒާމްވެސް މި ވަނީ ބާރުގަދަ މީހާ މޮޑެން ގެންގުޅޭ ފުއްގަނޑަކަށްތާ އެވެ. މިއީ ރައްޔިތުން އެދުނު އިންސާފެއް ނޫނެއެވެ. ރައްޔިތުން ބޭނުންވަނީ ހަމަހަމަ ކަމާއެކު ވަކި ސިޔާސީ ކުލަޔަކަށް ބެލުމެއް ނެތި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިންސާފު ލިބުމެވެ. އިންސާފަށް ކުރި ދަތުރުން އިންސާފުގެ ބަދަލުގައި މި ލިބެނީ މާޔޫސް ކަމާއި، ނާއުއްމީދެއެވެ. ގަދަމީހާއަށް އިތުރަށް ގަދަކަމެވެ. ބަލިމީހާއަށް އިތުރަށް ވޭނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް