އެވާހަކަ ބާއްވާށެވެ. ލާއިންސާނީ ގޮތަކަށް ކުއްޖަކު މަރާލީ އިހަކަށް ދުވަހު އެވެ. ބައްޕަ ކުށްވެރި ކުރީ މަންމައެވެ. މަންމަގެ އަޑެއް ނީވެއެވެ. ކުއްޖާއަށް ލިބިފައިވާ ގެއްލުން ގިނަ އެވެ. ސުވާލަކީ އެފަދަ މާހައުލަކަށް މި ކުޑަ މުޖުތަމަުގެ ޅަ ދަރިން ހުށަހެޅެނީ ކީއްވެ ހެއްޔެވެ. އަސްލު މައްސަލައަކީ ކޮބައިހެއްޔެވެ. ހައްލު ނުވަނީ ކީއްވެހެއްޔެވެ.
މިކަމާބެހޭ ގޮތުން ވާހަކަ ދައްކާ ބައެއް މީހުން ބުނަނީ ކުއްޖަކު މަގުން ކައްސާލަނީ ގޭތެރެއިން އަޅާ ނުލެވުމުގެ ސަބަބުން ކަމަށެވެ. މައިންބަފައިންގެ އިހުމާލު ވަރަށް ބޮޑުކަމަށެވެ. ތެދެކެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ދިމާވެފައި ހުންނަނީ ރޫޅިފައިވާ އާއިލާ ތަކުންނެވެ. އެހެންނަމަވެސް މިފަދަ މައްސަލަތައް މިހާރު އިތުރުވަމުން މިއަންނަނީ ބިރުގަންނަން ޖެހޭ ދަރަޖައަކަށެވެ. ހިތާމަކުރަންޖެހޭ ބާރުމިނުގަ އެވެ.
ކުދިންގެ އުމުރާ ނުގުޅޭ އެތައް އަމަލެއް އެކުދިން ކުރަމުންދާއިރު ޒިންމާވާނެ ފަރާތެއް މިގައުމުގައި އެބަ އޮތް ބާވައެވެ. ކުޑަކުދީންނަށް އިހުމާލު ވުންކަމަށްވާނީ ކިހާވަރަކަށް އިހުމާލު ވެވުމުން ހެއްޔެވެ؟
ދާދިފަހުން މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ކަންވެގެން ގޮސްފައިވާ ގޮތަށް ބަލަމާ ހެއްޔެވެ.
އެކަންހިނގި ރޭ ސަރުކާރުގެ އަމލުތަކާއި ވާހަކަތައް ހުރީ ކިހިނެއް ހެއްޔެވެ؟ އެމައްސަލައިގެ އެންމެ ފުނަށް ގޮސް ސާބިތު ކުރާނެ ވާހަކަ އާއި އިހުމާލު ވީ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކައެވެ.
ނަމަވެސް ފަހުން މިނިސްޓަރު ވިދާޅުވީ ކީކޭތޯއެވެ؟ އެވަރުގެ ބޮޑު ސާޖަކަށް ތައްޔާރުވެފައި ހުރި މިންވަރާއި ކޮވިޑު މެނޭޖްކުރުމަށް އަމަލުކުރި ސިސްޓަމްގައި ހުރި މައްސަލަތައް ފާހަގަވެގެންދިޔައީ މި މައްސަލައިން ކަމަށެވެ. އަދި މިކަމުން އިބްރަތްތައް ލިބިގަނެ، ކުރިއަށް އޮތްތަނަށް ވަރަށް ގިނަ ކަން ކަން ރަނގަޅުކޮށް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރުވެސް ގިނަ ކަންކަން ކޮށްފައިވާނެ ކަމަށެވެ.
"މިވަރުގެ ސާޖެއް އައިސްގެން މިކަންތައްތައް ކުރާއިރު، އަރާފާނެ އޮޅުންތަކަކާއި ދިމާވެދާނެ ކަންތައްތަކެއް ދިމާވެފަ މިހުރީ. އަންފޯޗުނޭޓްލީ ހިތާމައަކީ މިކަމުގެ ސަބަބުން ކުއްޖާ ނިޔާވުމަށް ދިމާވުމާއި އެތައް ކަންތައްތަކެއް އަތްދަށުން ގޮސްފައި ހުރި ކަމަށް އަޅުގަނޑު ފާހަގަކުރަނީ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
އެވާހަކަ ބާއްވާށެވެ. ދެން ފެނުނީ އުމުރުން 13 އަހަރުގެ ކުއްޖެއްގެ މަރެވެ. އަނިޔާތަކެއް ކޮށް ފޮއްޓަކަށްލައި މޫދަށް އެއްލާލައިފައެވެ. މިމަރުގެ ހާދިސާ ހިންގުމުގައި އިތުރު ކުޑަކުއްޖެއްވެސް ބައިވެރިވެފައިވާތީ ވަނީ ހައްޔަރު ކޮށްފައެވެ.
ޖެންޑާ މިނިސްޓަރު މިކަމުގައި ހިތާމަ ފާޅުކޮށް ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ވާހަކަ ވެސް ޖެންޑާއިން ބުނެއެވެ. އެހެންކަމަށްވާނަމަ އެހީތެރިކަން ފޯރުކޮށް ދިން ހިސާބަކީ ކޮބައި ބާވައެވެ. ކޮންދުވަހަކާ ހިސާބަށް ހެއްޔެވެ؟
ކުއްޖާގެ ބައްޕަގެ އިނގިލި ހުރީ ކުއްޖާގެ މަންމަ އާދިމާއަށެވެ. ދެންތިބި ދެދަރިންވެސް އޭނާއާ ހަވާލު ކުރުމަށް އޭނާ އެދުނެވެ. މަންމަގެ ވާހަކަ މީޑިއާ ތަކަށް އަޑެއް ނީވެއެވެ. އިވުނީ ބައްޕަގެ އަޑު އެކަންޏެވެ. ބައްޕަ ބުނާ ގޮތުން ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދޭކަމެއް ނޭނގެ އެވެ. ދަރިފުޅާ ބައްދަލު ނުވާތާ މަދުވެގެން ހައެއްކަމަސް ވެދާނެ ކަމަށް އޭނާ ބުނެއެވެ. ބައްޕައަށް އަންގަންޖެހެނީ ޖެންޑާއިން ހެއްޔެވެ؟ ނުވަތަ ދަރިފުޅުގެ ހަބަރު ހޯދަންޖެހެނީ ބައްޕަހެއްޔެވެ؟ ނުވަތަ ކުއްޖާ މިހިސާބަށް ވެއްޓުނީ މަންމަ އާއި ބައްޕަގެ ނަފްރަތުން ހެއްޔެވެ؟ މަންމަ އާއި ބައްޕަގެ ރުޅިގަނޑުގެ އަގު އަދާކުރަން ޖެހުނީ އެ 13 އަހަރުގެ ކުޑަކުއްޖާ ހެއްޔެވެ؟
އަނެއްވާހަކައަކީ ދައުލަތުގެ ވާހަކައެވެ. މަދުވެގެން ކުޑަކުދިންގެ މައްސަލަތަކާ ބެހޭ އަށެއްކަ އިދާރާ މިރާއްޖެގައި އެބަހުއްޓެވެ. މިފަދަ މައްސަލަތައް ގިނަވެގެން ދިއުމުން އެމީހުން ކުރަނީ ކޮންކަމެއްތޯ ހަމަ ސުވާލު ކުރާނެ އެވެ. ޖެންޑާ މިނިސްޓްރީ އާއި އެމިނިސްޓްރިގެ ދަށުން ހުރި އެކިތަންތަނެވެ. ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީއެވެ. ޕޮލިސް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓެވެ. ރައްޔިތުންގެ މަޖިލީހެވެ. އާއިލާއާ ބެހޭ ކޯޓެވެ. ސްކޫލްތަކެވެ. ހިއުމަންރައިޓްސް ކޮމިޝަނެއެވެ. މަދަރުސާތަކެވެ. މިވަރު މަދުހެން ހިއެއް ނުވެއެވެ.
ކަމެއް ދިމާ ވުމުން އިވޭ އަޑަކީ މައްސަލަ ތަހުގީގު ކުރާ އަޑެވެ. މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ބަލާއަޑެވެ. ނުފޮރުޅާ އެންމެ ގާ ކޮޅެއްވެސް ނުބާއްވާނެ އަޑެވެ. ގާނޫނުގެ އަތް ނުފޯރާ އެކަކުވެ ނުހުންނާނެ ވާހަކައެވެ.
އެނގޭ ކަމަކީ މިމައްސަލަތަކުގައި މުޅި މުޖުތަމައު ވިސްނަންޖެހޭ ކަމެވެ. މާދަމާ ކަތިލާފައި އޮންނާނީ ތިބާގެ ދަރިނޫންކަމެއް ހުދު ތިބާއަށްވެސް ނޭނގޭނެއެވެ. މި ވަރުވާއިރު މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތީތާ އެވެ.