ads
ފްތޫހް ސައީދުގެ އަޑުއެހުމުގެ ތެރެއިން-- ފޮޓޯ: އައްޑޫ ލައިވް
ސުޕްރީމް ކޯޓުން ދޫކޮށްލި ހަރުކަށި ފިކުރު މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި މަފްތޫހް ސައީދު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

މަފްތޫހު ދޫކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. 

މަފްތޫހުގެ ބަންދު ކުރުމަށް ނިންމި މައްސަލައަށް ހައިކޯޓުން ތާއީދުކުރުމުން އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން ހުކުމް ކުރީ މަފްތޫހް ސައީދު ބަންދުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ފިޔަވައި މަފްތޫހު ސައީދުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މަފްތޫހު ސައީދުގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް، މި މައްސަލަ އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ކަމަށެވެ. 

މަފްތޫހު އަލުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 14 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މަފްތޫހްގެ އިތުރުން އައްޑޫއިން ވަނީ ޖުމްލަ 8 މީހަކުވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 5 މީހަކުކުރިން ވެސް ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލާފައިވެއެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެމީހުން ހައްޔަރުކުރަން އަމުރު ނެރެފައެވެ.

އެ ފަސް މީހުންގެ ތެރޭގައި މަފްތޫހްގެ އިތުރުން ދެން ހިމެނެނީ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، ހަސަން ޝިހާނު އިބްރާހިމް، ކާކީގެ/ ސ. ހިތަދޫ، އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް/ ސ. މީދު އަދި މުހައްމަދު ތަސްލީމް، އަލަނާސިގެ/ ހއ. ހޯރަފުށިއެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް